ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ގާލް ގައިޑް ހަރަކާތަކީ ހަމައެކަނި ނަމެއް ނޫން، އެއީ މީހުން ބިނާކޮށް ބާރުވެރިކުރުވުން: ސާޖިދާ

ފޮޓޯ ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

ގާލް ގައިޑް ހަރަކާތަކީ ހަމައެކަނި ނަމެއް ނޫން ކަމަށާއި އެއީ މީހުން ބިނާކޮށް ބާރުވެރިކުރުވާ މުހިންމު ހަރަކާތެއް ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު ވިދާޅުވެއްޖެއެވެ.

ރާއްޖޭގައި ގާލް ގައިޑް ހަރަކާތް ފެށުނުތާ 75 އަހަރު ފުރުން ފާހަގަކުރުމަށް، ސަރުކާރުގެ ފަރާތުން ރަސްމީކޮށް ބޭއްވި ފުރަތަމަ ”ގައުމީ ގައިޑް ދުވަސް“ ރޭ ކުލަގަދަކޮށް ވަނީ ފާހަގަކޮށްފައެވެ. މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އާއި މޯލްޑިވްސް ގާލް ގައިޑްސް އެސޯސިއޭޝަންގެ ޗީފް ކޮމިޝަނަރު ސާޖިދާ މުޙައްމަދުއެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ސާޖިދާ ވިދާޅުވީ، ގާލް ގައިޑް ހަރަކާތަކީ ހަމައެކަނި ނަމެއް ނޫން ކަމަށާއި، އެއީ ޒިންމާދާރު، އަމިއްލަ ނަފްސަށް އިތުބާރު އޮންނަ އަދި ގާބިލު ރައްޔިތުންތަކެއް ބިނާކޮށް ބާރުވެރިކުރުވާ ހަރަކާތެއް ކަމަށެވެ.

”ގާލް ގައިޑް ހަރަކާތަކީ ހަމައެކަނި ނަމެއް ނޫން. އެއީ މީހުން ބިނާކޮށް ބާރުވެރިކުރުވުން،“ ސާޖިދާ ވިދާޅުވިއެވެ.

މީގެ އިތުރުން، ސާޖިދާ ފާހަގަކުރެއްވި ގޮތުގައި، މި އަހަރު އެ މުނާސަބަތު ފާހަގަކުރުމަކީ ތާރީޚީ ކާމިޔާބީއެކެވެ. ރާއްޖޭގައި މި ހަރަކާތަށް އެތައް އަހަރެއް ވެފައިވީ ނަމަވެސް، މީގެ ކުރީގެ އެއްވެސް ސަރުކާރަކުން ގައުމީ ގައިޑް ދުވަސް ރަސްމީ ސިފައެއްގައި ފާހަގަކޮށްފައިނުވާކަން އެކަމަނާ ފާހަގަކުރެއްވިއެވެ. މި ދުވަސް ސަރުކާރުން ރަސްމީކޮށް ބަލައިގަތުމަކީ ގާލް ގައިޑް އެސޯސިއޭޝަނަށާއި މުޅި ގައުމަށް ލިބުނު ފަޚުރެއް ކަމަށް ވިދާޅުވެ، ވޭތުވެދިޔަ 75 އަހަރު މި ހަރަކާތުގައި ބައިވެރިވި އެންމެހާ ފަރާތްތަކަށް ސާޖިދާ ޝުކުރުއަދާކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޢިއްޒު މި ދުވަސް ރަސްމީކޮށް ފާހަގަކުރައްވައި، ގާލް ގައިޑުންގެ ޝަރަފުގައި ޤައުމީ ފެންވަރުގެ ރަސްމިއްޔާތެއް ބާއްވައިދެއްވީތީ ސާޖިދާ ވަނީ ރައީސަށް ޚާއްޞަ ޝުކުރެއް ދަންނަވާފައެވެ.

މި ހަރަކާތުގެ ތާރީޚަށް އަލިއަޅުވާލައްވަމުން ސާޖިދާ ވިދާޅުވީ، ރާއްޖޭގައި ގާލް ގައިޑް ހަރަކާތް ފެށުނީ 1950ގެ އަހަރުތަކުގެ ކުރީކޮޅު ކަމަށެވެ. އޭރުން ފެށިގެން ގައުމީ އެކި ކަންކަމުގައި ގައިޑުން އައީ އަމަލީ ގޮތުން ބައިވެރިވަމުންނެވެ. ވަކިން ހާއްސަކޮށް، ރާއްޖެ އދ.ގެ މެންބަރަކަށް ވީ ދުވަސްވަރު އިނގިރޭސި ރާނީ އެލިޒަބަތު ރާއްޖެއަށް ކުރެއްވި ޒިޔާރަތުގައި ގައިޑުން އަދާކުރި މުހިންމު ދައުރު އެކަމަނާ ހަނދާން އާކުރެއްވިއެވެ.

ސާޖިދާ އިތުރަށް ވިދާޅުވީ، ގައުމީ ތަރައްގީގެ އަސްލަކީ މީހުން ބިނާކުރުން ކަމަށެވެ. ގާލް ގައިޑް ހަރަކާތުގެ ސަބަބުން އަންހެން ކުދިންނަށް ޒިންމާދާރުކަމާއި، ސާފުތާހިރުކަމާއި، އަޚްލާގާއި، ލީޑަޝިޕް އަދި ޓީމެއްގެ ގޮތުގައި މަސައްކަތް ކުރަން ދަސްވާ ކަމަށް އެކަމަނާ ވިދާޅުވިއެވެ. މީގެ ސަބަބުން މުޖުތަމައަށް ބޭނުންތެރި މައިންނާއި، މުވައްޒަފުންނާއި، އަދި ކެރޭ ލީޑަރުން އުފެދިގެންދާކަން ސާޖިދާ ފާހަގަކުރެއްވިއެވެ.

ވާހަކަފުޅު ނިންމަވާލައްވަމުން ސާޖިދާ ވިދާޅުވީ، ސަރުކާރުން މި ދުވަސް ރަސްމީކޮށް ފާހަގަކުރަން ނިންމުމަކީ ވޭތުވެދިޔަ ޖީލުތަކުގައި ގާލް ގައިޑުން ގައުމަށް ކޮށްދީފައިވާ އަގުނުކުރެވޭފަދަ ޚިދުމަތްތަކުގެ އަގު ވަޒަންކުރުން ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: