ރާއްޖޭގެ ދާހިލީ ސަލާމަތަށް އޮތް އެންމެ ބޮޑު ނުރައްކަލަކީ ޑްރަގްގެ ވަބާ ކަމަށާއި ދިވެހި ފުލުހުންނާ ހަވާލުކޮށްފައިވާ އެންމެ ވަރުގަދަ އަދި އެންމެ ކާމިޔާބުކަމާއެކު ނިންމަން ޖެހޭ މިޝަނަކީ މަސްތުވާތަކެތީގެ ވަބާއިން ދިވެހިރާއްޖެ ސަލާމަތްކުރުން ކަމަށް ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔަތާބެހޭ ވަޒީރު އަލީ އިހުސާން ރޭ ވިދާޅުވެއްޖެއެވެ.
ވަޒީރު އިހުސާން މިހެން ވިދާޅުވީ ފުލުހުންގެ އަސާސީ ތަމްރީނު ކޯސް ފުރިހަމަކުރި ފުލުހުން ދަސްވެނިވުމަށް ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުންނެވެ.
މި ރަސްމިއްޔާތުގައި ވަޒީރު ވިދާޅުވީ، ރާއްޖޭގެ ދާހިލީ ސަލާމަތަށް އޮތް އެންމެ ބޮޑު ނުރައްކަލަކީ އަދި އެންމެ ބޮޑު ހުރަހަކީ ޑްރަގްގެ ވަބާ ކަމަށެވެ. މުޅި މުޖުތަމައުގައި ހިންގާ އޮގަނައިޒްޑް ކްރައިމް ނުވަތަ ރާވައިގެން ހިންގާ ބޮޑެތި ކުށްތަކަށް ބޭނުންވާ ފަންޑުވެސް ހޯދަނީ މަސްތުވާތަކެތީގެ ވިޔަފާރީގެ ތެރެއިންކަން ވަޒީރު ފާހަގަކުރެއްވިއެވެ.
މަސްތުވާތަކެތީގެ ސަބަބުން ވަކިވަކި ފަރުދުންގެ މުޅި ހަޔާތް ބަރުބާދުވެ، އާއިލާތަކުގެ ތެރޭގައި އަބަދުމެ ނުތަނަވަސްކަން އޮންނަކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ.
”ދިވެހި ފުލުުހުންނަށް އަޅުގަނޑުމެން ހަވާލުކޮށްފައި ވާނެ އެންމެ ވަރުގަދަ، އެންމެ އަޒުމް ވަރުގަދަކޮށް ހިފަން ޖެހޭ އަދި އެންމެ ކާމިޔާބުކަމާއެކު ނިންމަން ޖެހޭ މިޝަނަކީ މި ޑްރަގުގެ ވަބާއިން ދިވެހިރާއްޖެ ސަލާމަތްކުރުން“ – ވަޒީރު އިހުސާން
ވަޒީރު އިތުރަށް ވިދާޅުވީ، ޑްރަގާ ދެކޮޅަށް ކުރާ މަސައްކަތަކީ އުނދަގޫ މަސައްކަތެއް ނަމަވެސް، ފާއިތުވި ދެ އަހަރާއި ބައިގެ ތެރޭގައި ފުލުހުން ވަނީ އެކަމުގައި ފަހުރުވެރިވާ ފަދަ ކާމިޔާބީތަކެއް ހޯދާފައެވެ. އަދި މި ސަރުކާރުގެ ދައުރުގެ ބާކީ އޮތް މުއްދަތުގައި، އަލަށް ގުޅުނު ފުލުހުންނާއެކު ކުރެވޭ މަސައްކަތުން ރައްޔިތުން އެދޭ ފަދަ ދާއިމީ ހައްލެއް މި މައްސަލައަށް ހޯދޭނެ ކަމަށް ވެސް ވިދާޅުވިއެވެ.
ޒަމާނީ ކުށްތަކަށް އަލިއަޅުވާލައްވަމުން ވިދާޅުވީ، ޓެކްނޮލޮޖީއަށް އައި ބަދަލުތަކާއެކު ކުށުގެ ވެށި ވަރަށް ބޮޑަށް ބަދަލުވެފައިވާ ކަމަށެވެ. އެގޮތުން ޑްރަގް ޓްރެފިކް ކުރުމުގައި ފައިސާގެ މުއާމަލާތް ކުރާ ގޮތާއި، އޯގަނައިޒް ކްރައިމް، ސައިބާ ކްރައިމް، އަދި ޑިޖިޓަލް ކަރަންސީ ބޭނުންކޮށްގެން ހިންގާ މަނީ ލޯންޑްރިން ފަދަ ކަންކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ. މީގެ އިތުރުން، ކުޑަކުދިންނާއި އަންހެނުންނަށް ކުރާ އަނިޔާތަކާއި ސޯޝަލް މީޑިއާ މެދުވެރިކޮށް ހިންގާ ކުށްތަކަކީ ވެސް މިހާރު ފުލުހުން ކުރިމަތިލާން ޖެހިފައިވާ ބޮޑެތި ގޮންޖެހުންތައްކަން ފާހަގަކުރެއްވިއެވެ.
އެހެންކަމުން، ކުށުގެ މާހައުލުގައި ހުރި މިފަދަ ގޮންޖެހުންތަކަށް ތައްޔާރުވުމުގެ ގޮތުން ޓެކްނޮލޮޖީއަށް އަހުލުވެރިވެ، އިތުރު ތަމްރީނުތައް ހޯދުމަށް ދަސްވެނިވި ފުލުހުންނަށް ވަޒީރު އިލްތިމާސްކުރެއްވިއެވެ.

