ހޯރަފުށީގައި ތެލުގެ ވިޔަފާރި ކުރުމަށް ގަވާއިދާ ހިލާފަށް ބިން ދޫކުރި ކަމަށް ބުނާ މައްސަލައެއްގައި، ހއ. ހޯރަފުށީ ކައުންސިލްގެ ހަތަރުވަނަ ދައުރުގެ މެންބަރުންގެ މައްޗަށް ޖިނާއީ ދައުވާ ކުރުމަށް އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވައިފިއެވެ.
މި މައްސަލައަކީ ހޯރަފުށީގައި ތެލުގެ ވިޔަފާރި ހިންގުމަށް ޓަކައި ”ދަ ހޯކްސް ޕްރައިވެޓް ލިމިޓެޑް“ އަށް 5،000 އަކަފޫޓުގެ ބިމެއް ގާނޫނާއި ގަވާއިދާ ހިލާފަށް ދޫކޮށްފައިވާ ކަމަށް ބުނާ މައްސަލައެކެވެ.
އޭސީސީން ހާމަކޮށްފައިވާ ގޮތުގައި، މި މައްސަލަ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވާފައިވަނީ 20 އެޕްރީލް 2026 ގައެވެ. ޕީޖީ އޮފީހުން މި މައްސަލަ ދިރާސާކުރުމަށްފަހު، ކައުންސިލަރުންގެ މައްޗަށް ދައުވާކުރުމާ މެދު ގޮތެއް ނިންމާނެއެވެ.
މި މައްސަލާގައި ދައުވާކޮށްދިނުމަށް އެދި އޭސީސީން ފޮނުވާފައިވަނީ ހޯރަފުށީ ކައުންސިލްގެ ކުރީގެ ރައީސް މުޙައްމަދު ވަޙީދު، ކުރީގެ ނައިބު ރައީސް އަޙްމަދު އިމްދާޙް، އަދި ކައުންސިލްގެ ކުރީގެ މެންބަރުން ކަމަށްވާ އިބްރާހީމް ޝާކިރު، އަޙްމަދު ރައޫފް، މަރްޔަމް ވަކީލާ، އާމިނަތު ވިސާމާ އަދި އާމިނަތު ނާސިހާގެ މައްޗަށެވެ.
އޭސީސީން އެދިފައިވަނީ ދިވެހިރާއްޖޭގެ ގާނޫނުލްއުގޫބާތުގެ 513 ވަނަ މާއްދާގެ (ށ) ގެ ދަށުން، ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކޮށްގެން ނާޖާއިޒު މަންފާއެއް ހޯދައިދިނުމުގެ ދައުވާއާއި، ހަމަ އެ ގާނޫނުގެ 517 ވަނަ މާއްދާގެ (ހ) ގެ ދަށުން، ދައުލަތަށް ފައިދާއެއް ލިބެން އޮތް ކަމެއްގައި ދައުލަތަށް ގެއްލުންވާ ގޮތަށް އަމަލުކުރުމުގެ ކުށުގެ ދައުވާ ކުރުމަށެވެ.
މި މައްސަލަ ފެންމަތިވެފައިވަނީ ހޯރަފުށީ ކައުންސިލްގެ ހަތަރުވަނަ ދައުރުގައި، ރަށުގެ ބިން ބޭނުންކުރުމާއި ދޫކުރުމުގެ ގަވާއިދުތަކާ ހިލާފަށް ”ދަ ހޯކްސް“ ކުންފުންޏަށް ބިން ދޫކުރުމުންނެވެ. އޭސީސީގެ ތަހުގީގަށްފަހު ނިންމާފައިވަނީ، މި މައްސަލާގައި ބައިވެރިވި ކައުންސިލަރުންގެ މައްޗަށް ޖިނާއީ ދައުވާ ކުރެވޭނެ އެކަށީގެންވާ ހެކި އެބަހުރި ކަމަށެވެ.

