ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑް (ޕީސީބީ)ގެ ނިވަލުގައި ސަރުކާރު އޮވެ، ކުންފުނިތަކުން މުވައްޒަފުން ވަކިކުރަމުން ދަނީ ޕީއެންސީގެ އެކްޓިވިސްޓުންނަށް ވަޒީފާ ބަހައި ސަރުކާރު ދެމެހެއްޓުމަށް ކަމަށް އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.
ތިން މަސް ތެރޭގައި ކުންފުނިތަކުގެ މުވައްޒަފުންގެ އަދަދު 33 އިންސައްތަ މަދުކުރަން ޕީސީބީން އަންގާފައިވާއިރު، ޝާހިދު މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ޕީސީބީގެ ނިވަލުގައި ސަރުކާރު އޮވެ، އެމްޑީޕީގެ އާންމު މެމްބަރުންނާއި އިސްލާހަށް ލޯބިކުރާ ދިވެހި ރައްޔިތުން މުޅި ރާއްޖޭގެ އެކި ހިސާބުތަކުން ވަޒީފާއިން ވަކިކުރަމުންދަނީ އެއްވެސް ސުމާރެއް ނެތި ކަމަށެވެ. އަދި އެއީ ޕީއެންސީގެ އެކްޓިވިސްޓުންނަށް ވަޒީފާ ބަހައިގައި ސަރުކާރު ދަމަހައްޓަން ކުރާ ކަމެއް ކަމަށް ވިދާޅުވިއެވެ.
”ޕީސީބީގެ ނިވަލުގައި ސަރުކާރު އޮވެ، އެމްޑީޕީގެ އާންމު މެމްބަރުންނާއި އިސްލާހަށް ލޯބިކުރާ ދިވެހި ރައްޔިތުން މުޅި ރާއްޖޭގެ އެކި ހިސާބުތަކުން ވަޒީފާއިން ވަކިކުރަމުންދަނީ އެއްވެސް ސުމާރެއް ނެތި، ސަރުކާރުން ޕީއެންސީގެ އެކްޓިވިސްޓުންނަށް ވަޒީފާ ބަހައި ސަރުކާރު ދެމެހެއްޓުމުގެ ހީލަތްތެރި ވިސްނުމުގައެވެ.“ ޝާހިދު ލިޔުއްވާފައިވެއެވެ.
އޭނާ ވިދާޅުވީ، އެއީ އިގްތިސާދު ހީނަރުވެ، ޑޮލަރުގެ އަގު އިންތިހާއަށް ބޮޑުވެފައިވާ ދަނޑިވަޅެއްގައި އެތައް ރައްޔިތުންނެއް ބިކަކޮށް އާއިލާތައް އިނދަޖައްސާލުމަށް ހިންގާ އަނިޔާވެރި ޖަރީމާއެއް ކަމަށެވެ.
އެކަން ވަގުތުން ވަގުތަށް ހުއްޓާލައި، ސަރުކާރުގެ ސިޔާސީ ވަޒީފާ ބެހުމުގެ އިސްރާފާއި ކޮރަޕްޝަނަށް ބައިއަޅާ ފައިސާ ސަލާމަތްކޮށް، ރައްޔިތުން ވަޒީފާގެ ކަށަވަރުކަން ނެތުމުގެ ބިރުން ސަލާމަތްކޮށްދިނުމަށް ޝާހިދު ސަރުކާރަށް ގޮވާލެއްވިއެވެ.
އޭނާ ވިދާޅުވީ، އެފަދަ ބޭއިންސާފާ ކުރިމަތިލާންޖެހޭ ކޮންމެ ރައްޔިތެއްގެ ހިމާޔަތުގައި އެމްޑީޕީ ދެމިއޮންނާނެ ކަމަށެވެ. އަދި އެމްޑީޕީގެ ވެރިކަމެއްގައި ބަދަލު ހޯދައިދޭނެ ކަމަށެވެ.
ޕީސީބީން މި އަހަރުގެ އޭޕްރިލް 18 ވަނަ ދުވަހު ނެރުނު ސާކިއުލާއެއްގައި ވަނީ ސަރުކާރު ކުންފުނިތަކުން 33 އިންސައްތަ މުވައްޒަފުން މަދުކުރުމަށް އަންގައިފައެވެ. އެ ސާކިއުލާއާ ގުޅިގެން މި މަހުގެ 12 ވަނަ ދުވަހު ނެރުނު އެހެން ސާކިއުލާއެއްގައި ޕީސީބީން ވަނީ ތިން މަސް ތެރޭގައި އެ މިންވަރަަށް މުވައްޒަފުން މަދުކުރުމުގެ މަސައްކަތް ނިންމަން އަންގައިފައެވެ.
ކޮންމެ ހަފްތާއެއްގެ އާދީއްތަ ދުވަހު އެ ލަނޑުދަނޑިތައް ހާސިލުކުރުމަށް ކުރާ މަސައްކަތް އަދާހަމަކޮށް، ފިނޭންސް މިނިސްޓްރީ އާއި ޕީސީބީއަށް އީމެއިލް މެދުވެރިކޮށް ހިއްސާކުރުމަށް ވެސް އެ ސާކިއުލާގައި އަންގާފައިވެއެވެ.
އިދިކޮޅު އެމްޑީޕީން ތުހުމަތުކުރާ ގޮތުގައި، ކުންފުނިތަކުގެ ހަރަދުކުޑަކުރުމަށް މުވައްޒަފުން މަދުކުރުމުގެ ނަމުގައި ސަރުކާރު ކުންފުނިތަކުން އެ ޕާޓީއަށް ތާއީދުކުރާ ގިނަ ބަޔަކު ދަނީ ވަޒީފާއިން ވަކިކުރަމުންނެވެ. އޭގެ ތެރޭގައި، ސަރުކާރާ ދެކޮޅު ހިޔާލު ފާޅުކުރާ ފަރާތްތަކާއި އެމްޑީޕީގެ ސިޔާސީ ހަރަކާތްތަކުގައި ބައިވެރިވާ ފަރާތްތައް ހިމެނޭ ކަމަށް އެ ޕާޓީން ބުނެއެވެ.

