ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބޮޑުތަކުރުފާނު މަގުގެ އަލަށް ހެދި ބައި މިއަދު ހަވީރު އާންމުންނަށް ހުޅުވާލަނީ

ފޮޓޯ: އެމްޓިސީސީ
ޝެއާރކޮށްލާ ކަހަލަދޯ؟

މާލޭގެ ބޮޑުތަކުރުފާނު މަގުގެ އަލަށް ތަރައްގީކުރި ސަރަހައްދު މިއަދު ހަވީރު އާންމުންނަށް ހުޅުވާލުމަށް ސަރުކާރުން ނިންމައިފިއެވެ.

މި މަޝްރޫއަކީ މާލޭގެ އެއްގަމު ދަތުރުފަތުރުގެ ނިޒާމު ހަރުދަނާކޮށް، މަގުތަކުގެ ތޮއްޖެހުން ކުޑަކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިރުޝާދުގެ ދަށުން ކުރިއަށްގެންދާ މުހިންމު މަސައްކަތެކެވެ. މި ސަރަހައްދު ހުޅުވާލުމަށް ހަމަޖެހިފައިވަނީ މިއަދު ހަވީރު 4:00 ގައެވެ.

މި މަޝްރޫޢުގެ ދަށުން ބޮޑުތަކުރުފާނު މަގުގެ އިރުމަތީ ފަރާތުން ހުޅުމާލެ ފެރީ ޓާމިނަލާ ހިސާބުން ފެށިގެން އާޓިފިޝަލް ބީޗާ ހަމައަށް އޮތް ސަރަހައްދު ވަނީ ޒަމާނީ ފެންވަރަށް ތަރައްގީކޮށްފައެވެ. މީގެ ތެރޭގައި މަގު ފުޅާކުރުމާއި، ތާރު އެޅުމާއި، ދުވާރު ހެދުމުގެ އިތުރުން ފެން ހިންދާ ނިޒާމު ހަރުދަނާކުރުން ހިމެނެއެވެ.

އެމްޓީސީސީން މިއަދު ހަވީރު ހުޅުވާލަން ނިންމާފައިވަނީ ބޮޑުތަކުރުފާނު މަގުގެ ހެންވޭރު ފެރީ ޓާމިނަލްއިން ފެށިގެން އެމްއެމްއޭއާ ހަމައަށް 4 ލޭންއަށް ފުޅާކޮށް ތަރައްގީކޮށްފައިވާ ސަރަހައްދެވެ. ނަމަވެސް، ބޮޑުތަކުރުފާނު މަގުގައި އަދިވެސް ބައެއް ކުދިކުދި މަސައްކަތް ދަނީ ކުރިއަށެވެ. އެގޮތުން އެއްގަމު ތޮށީގައި ހުރި ސިޑިތަކުގައި ރެއިލިން ހަރުކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށާއި، މި ސިޑިތައް ފާހަގަކުރުމުގެ ގޮތުން ރަތްކުލައިގެ ދަވާދުލާފައިވާ ކާބް ސްޓޯން ސިޑިކައިރީގައި ބެހެއްޓުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އެމްޓީސީސީން މައުލޫމާތުދެއެވެ.

މާލޭ ބޮޑުތަކުރުފާނުމަގު ތަރައްގީކުރުމުގެ މަޝްރޫއުގެ ތެރެއިން މިހާރު ތަރައްގީކުރަމުންދާ ސަރަޙައްދުގައި ރުއް އިންދުމުގެ ހަރަކާތެއްވެސް އިއްޔެ ވަނީ ކުރިއަށް ގެންގޮސްފައެވެ. އެގޮތުން މިހާތަނަށް ހެންވޭރު ފެރީ ޓާމިނަލްއިން ފެށިގެން މާލެ ނޯތު ހާބަރާއި ހަމައަށް މުޅިއަކު 3,100 އަށްވުރެ ގިނަ ގަސް ވަނީ އިންދާފައެވެ. ސަރުކާރުން ބުނި ގޮތުގައި، އެ ސަރަހައްދުގައި ދިވެހި ރުއް އިންދަނީ މާލެ ފެހިކޮށް، އާންމުންނަށް ހިތްފަސޭހަ މާހައުލަކަށް އެ ސަރަހައްދު ބަދަލުކުރުމަށެވެ. ރުކުގެ އިތުރުން ހޭޅިފަށުގައި ހެދޭ ޒާތުގެ ގަސްތަކާއި ރީތި ބަގީޗާ މާގަސްތަކުން މަގުގެ އެއްގަމު ތޮށި ސަރަހައްދު ވަނީ ޒީނަތްތެރިކޮށްފައެވެ.

މާލޭގެ އުތުރު ފަރާތު ބޮޑުތަކުރުފާނު މަގުގައި އަލަށް ތަރައްގީކުރި ސަރަހައްދު މިއަދު ހަވީރު އާންމުންނަށް ހުޅުވައިލާނީ ރަސްމިއްޔާތެއް ބޭއްވުމެއް ނެތި ކަމަށް ހައުސިން މިނިސްޓަރު ޑރ. ޢަބްދުالله މުއްޠަލިބު އިއްޔެ ވިދާޅުވެފައިވެއެވެ.

”ދެން އަޅުގަނޑުމެންގެ ވިސްނުމަކީ މަސައްކަތް ނިމުމާއެކު މާދަމާ ހަވީރު ހަތަރަކުން ފެށިގެން އާންމުންނަށް މަގު ހުޅުވައިލުން. ވަކި ރަސްމިއްޔާތެއް ބާއްވާ ގޮތަކަށް ނޫން އޮތީކީ،“ މުއްޠަލިބު ވިދާޅުވިއެވެ.

މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާއިން އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫޢުގެ ސަބަބުން މާލޭގެ އުތުރު ފަރާތުގެ ބަނދަރު ސަރަހައްދަށް ބޮޑެތި ބަދަލުތަކެއް އަންނާނެއެވެ. އައު ފަރުމާގެ ދަށުން މަގު ހަ މީޓަރަށް ފުޅާކުރެވި، ޓްރެފިކް ތޮއްޖެހުމަށް ބޮޑު ލުޔެއް ލިބިގެންދާނެއެވެ. މީގެ އިތުރުން، ބަނދަރުގެ ތެރެއިން ބައެއް ހިއްކައިގެން 500 ސައިކަލުގެ ޖާގައިގެ ބޮޑު ޕާކިންގ ޒޯނެއް ތަރައްގީކުރުމަށް ވެސް ވަނީ ނިންމާފައެވެ.

މަގު ތަރައްގީކުރުމުގެ އިތުރުން، އެ ސަރަހައްދު ފެހިކޮށް ހިތްގައިމު ކުރުމަށް ޓަކައި ހާއްސަ މަސައްކަތްތަކެއް ކުރެއްވުމަށް ރައީސް ޑރ. މުޢިއްޒު ވަނީ ނިންމަވާފައެވެ. އެގޮތުން ބޭރުމަގުގައި ”ގްރީން ބެލެޓެއް“ ތަރައްގީކުރެއްވުމަށް ހަމަޖެހިފައިވާ ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.

ދައުލަތުގެ ބަޖެޓުން 144 މިލިއަން ރުފިޔާ ހަރަދުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫއުގެ ދަށުން މަގު ފުޅާކޮށް، ޒަމާނީ ފެންވަރަށް ތާރުއަޅައިގެން ތަރައްގީކުރުމުން މާލޭގެ ޓްރެފިކަށް ބޮޑު ލުޔެއް ލިބިގެންދާނެއެވެ. އަދި މި ބަދަލުތަކާއެކު މުދާ އުފުލާ އުޅަނދުތަކަށާއި މަސްދޯނިފަހަރަށް ޚިދުމަތް ހޯދުމުގައި ބޮޑެތި ފަސޭހަތަކެއް ލިބިގެންދާނެ ކަމަށް ބެލެވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: