އިންފޮމޭޝަން ކޮމިޝަނަރު އާހިދު ރަޝީދު މަސައްކަތް ކުރައްވަނީ އިދިކޮޅު އެމްޑީޕީގެ އޯޑަރަށް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ކުރެއްވި ތުހުމަތުތައް އިންފޮމޭޝަން ކޮމިޝަނަރު ދޮގުކުރައްވައިފިއެވެ.
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އާހިދު ވިދާޅުވީ އޭނާ މަސައްކަތް ކުރައްވަނީ އެއްވެސް ފަރާތެއްގެ ނުފޫޒެއް ނެތި، މިނިވަންކަމާއި މުސްތަގިއްލުކަމާއެކު ކަމަށެވެ.
މަގާމުގެ ޒިންމާ އަދާކުރެއްވުމުގައި މިހާތަނަށް ހޭދަކުރެއްވި މުއްދަތުގައި އެއްވެސް ފަރާތަކުން އޯޑަރެއް ދީފައި ނުވާ ކަމަށާއި، އަދި އެއްވެސް ކަހަލަ ބިރުދެއްކުމެއް ކުރިމަތިވެފައި ނުވާކަން އާހިދު ފާހަގަކުރެއްވިއެވެ. އޭނާ ވިދާޅުވި ގޮތުގައި މަސައްކަތުގެ އެންމެ ބޮޑު އަސާސަކީ ވަކި ފަރާތަކަށް ބުރަނުވުމާއި ހަމަހަމަކަން ގާއިމުކުރުމެވެ.
ރައީސް މުއިއްޒު ތުހުމަތު ކުރެއްވި ގޮތުގައި އާހިދަކީ ކުރީ ސަރުކާރުން އައްޔަންކުރި އިދިކޮޅު ސިޔާސީ ފަރާތެކެވެ. އަދި އޭނާ މަސައްކަތް ކުރައްވަނީ ސަރުކާރާ ދެކޮޅަށް، ސިޔާސީ މަގްސަދެއް އޮވެގެން ކަމަށް ރައީސް ވަނީ ތުހުމަތު ކުރައްވާފައެވެ.
މި ތުހުމަތުތައް ފެންމަތިވެފައިވަނީ، ދައުލަތުގެ އިދާރާތަކުން މައުލޫމާތު ހާމަނުކޮށްގެން ހުށަހަޅާ މައްސަލަތަކުގެ ތެރެއިން، ރައީސް އޮފީހާ ދެކޮޅަށް ހުށަހެޅުނު ގިނަ މައްސަލަތަކެއް އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން ބަލަމުންދާ ދަނޑިވަޅެއްގައެވެ. ނަމަވެސް އާހިދު ތަކުރާރުކޮށް ވިދާޅުވީ އޭނާ ދެމިހުންނަވާނީ ގާނޫނީ ގޮތުން މަތިކޮށްފައިވާ ޒިންމާ މިނިވަންކަމާއެކު އަދާކުރުމުގައި ކަމަށެވެ.

