ކުރިއަށްއޮތް ތަނުގައި ޒުވާނުންގެ މަޖިލީހަކާއި އެމަނިކުފާނަށް ލަފާދޭ ހާއްސަ މަޝްވަރާ މަޖިލީހަކާއި ލަފާދޭ ގައުމީ މަޖިލީހެއް ގާއިމްކުރައްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ދިވެހިރާއްޖޭގެ 61 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ދިވެހިރާއްޖޭގެ މިނިވަންކަން ތާއަބަދަށް ދެމެހެއްޓުމުގައި ޒުވާނުން ބައިވެރިކުރުވުމަކީ މުހިންމު ކަމެއްކަމަށާއި އަދި ދިވެހިރާއްޖޭގެ އާބާދީގެ ބޮޑުބައެއް ހިއްސާކުރަނީ ޒުވާނުންނާއި އަންހެނުންކަމަށް ވާއިރު ކުރިއަށް އޮތްތަނުގައި ރައްޔިތުންގެ މަޖިލީހުގެ ހުރިހާ ދާއިރާއެއް ހިމެނޭގޮތަށް ޒުވާނުންގެ މަޖިލީހެއް ގާއިމްކުރައްވާ ރައްޔިތުންގެ މަޖިލީހުގެ ކޮމްޕޮޒިޝަންގެ ތެރެއިން ވަކި އިންސައްތައެއް ޒުވާނުންނަށާއި އަންހެނުންނަށް ހާއްސަ ކުރައްވާނެ ކަމަށެވެ. އަދި ވަރަށް އަވަހަށް އެކަން އިއުލާނުކުރައްވާނެކަމަށް ރައީސް ވިދާޅުވިއެވެ.
”ހުރިހާ ރައްޔިތުންގެ މަޖިލީހުގެ ދާއިރާތައް ހިމެނޭގޮތަށް ޒުވާނުންގެ ތެރެއިން އިންތިޚާބު ކުރެވިގެންދާ، ޒުވާނުން ހިމެނޭ ގޮތަށް ޒުވާނުންގެ މަޖިލީހެއް ޤާއިމްކުރުމާއި އަދި ރައްޔިތުންގެ މަޖިލީހުގެ ކޮމްޕޮޒިޝަންގެ ތެރެއިން ވަކި އިންސައްތައެއް އެއީ ޒުވާނުންކަމުގައި އަދި ވަކި އިންސައްތައެއް އެއީ އަންހެނުންކަމުގައި ކަނޑައެޅުމަށް ގާނޫނުއަސާސީއަށް ގެންނަންޖެހޭ އިސްލާހު ގެނައުމަށް މިފަދަކަންކަން ކުރިއަށް އޮތްތަނުގައި އިރާދަކުރެއްވިއްޔާ މަޖިލީހަށް ހުށައަޅާނަން،“ ރައީސް ޑރ. މުއިއްޒު
ރައީސް ވިދާޅުވީ އާބާދީގެ ބޮޑުބަޔަކީ ޒުވާނުންކަމަށް ވާއިރު ޒުވާނުންނަށް ހާއްސަކޮށްގެން މަޖިލީހެއް އުފެއްދުމުން ޤައުމުގެ ކަންކަން ނިންމުމުގައި ޒުވާނުންނާއި އަންހެނުންނަށް ދާއިމީ ގޮތެއްގައި ފުރުސަތުތަކެއް ލިބިގެންދާނެ ކަމަށެވެ. އަދި އިގްތިސާދީ މިނިވަންކަމުގެ ތެރެއިން ޒުވާނުންނާއި އަންހެނުންނަށް އިގްތިސާދި ގޮތުން ބާރުވެރިކުރުވުމަކީ ސަރުކާރުގެ ސިޔާސަތެއްކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. ރައީސް ވިދާޅުވީ، އެމަނިކުފާނުގެ ވިސްނުމަކީ ރައްޔިތުންގެ މަޖިލީހުގެ 93 ގޮނޑީގެ ތެރެއިން 10 ޕަސެންޓު ޒުވާނުންނަށް ހާއްސަކޮށް އަނެއް 10 ޕަސެންޓު އަންހެންނަށް ހާއްސަ ކުރުންކަމަށެވެ.
ރައީސް ވިދާޅުވީ، ޒުވާނުންނާއި އަންހެނުން ބާރުވެރިކުރުމަށް މި ސަރުކާރުން ކުރިއަށް ގެންދާ މަސައްކަތްތައް ހުއްޓުމެއް ނެތި ކުރިއަށް ގެންދަވާނެކަމުގެ ފުރިހަމަ ޔަގީންކަން ދެއްވާ ރައީސް ވަނީ މިނިވަންކަން ތާއަބަދަށް ދެމެހެއްޓުމަށް ޓަކައި ޒުވާނުންނާއި އަންހެނުް ބާރުވެރިކުރުވުމަކީ ނުހަނު ބޭނުންތެރި އަދި މުހިއްމު ކަމެއްކަމަށް ތަކުރާރުކުރައްވާފައެވެ.
އެ ޖަލްސާގައި ރައީސް އިތުރަށް ވިދާޅުވީ ގައުމަށް އެތައް އަހަރަކު ހިދުމަތް ކުރެއްވި ބޭފުޅުންގެ އެތައް ތަޖުރިބާއެއް ހުންނާނެ ކަމަށާއި އެފަދަ ބޭފުޅުންގެ މަޝްވަރާ ބޭނުންފުޅުވާ ކަމަށެވެ. އެހެންކަމުން، އެމަނިކުފާނަށް ލަފާދޭ ހާއްސަ މަޝްވަރާ މަޖިލީހަކާއި ލަފާދޭ ގައުމީ މަޖިލީހެއް އުފެއްދުމުގެ މަސައްކަތް ފައްޓަވާފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.
އެމަނިކުފާނު ވިދާޅުވި ގޮތުގައި، ހާއްސަ މަޝްވަރާ މަޖިލިސް އެކުލަވާލާނީ ދައުލަތުގެ އެކި އިއްޒަތްތައް ލިބިވަޑައިގެންފައިވާ ބޭފުޅުންގެ ތެރެއިންނެވެ. އަދި ގައުމީ މަޖިލިސް އެކުލެވިގެންވާނީ އެކިއެކި ފަންނުން ތައުލީމާއި ތަޖުރިބާ ލިބިފައިވާ ބޭފުޅުން ހިމެނޭ ގޮތަށް ކަމަށް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ގޮތުގައި އެކަމުގެ ބޭނުމަކީ ގައުމުގެ ކަންކަން ކުރިއަށް ގެންދިޔުމުގައި މަޝްވަރާ ހޯއްދެވުމެވެ. އަދި ކުރިއަށް އޮތް ތިން މަސް ތެރޭގައި ދެ މަޖިލިސް ވެސް އުފައްދަވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

