ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މަޖިލީހަށް އަމާޒުވާ ފާޑުކިޔުންތަކާ ގުޅިގެން ފަލާހް: ”މަޖިލީހަކީ އިރު އޮއްސެންދެން މަސައްކަތްކުރާ ތަނެއް ނޫން“

މިއަދުގެ ޖަލްސާގައި ފަލާހް ވާހަކަ ދައްކަވަނީ
ޝެއާރކޮށްލާ ކަހަލަދޯ؟

އެހެން ގައުމުތަކުގައި ވެސް ރައްޔިތުންގެ މަޖިލީހަކީ ހެނދުނުން ފަށައިގެން އިރު އޮއްސެންދެން މަސައްކަތްކުރާ ތަނެއް ނޫން ކަމަށް ވެރިކަން ކުރާ ޕީއެންސީގެ ޕާލިމަންޓަރީ ގްރޫޕުގެ ލީޑަރު އިބްރާހިމް ފަލާހު ވިދާޅުވެއްޖެއެވެ.

މަޖިލީހުގެ ޖަލްސާއެއް ނުބާއްވާތާ ދެ ހަފްތާ ފަހުން މިއަދު ބޭއްވި ޖަލްސާގައި، ސަރުކާރު ކުންފުނިތަކުން މުވައްޒަފުން މަދުކުރުމާ ގުޅޭ ގަރާރަށް ބަހުސްކުރައްވަމުން ފަލާހް ވިދާޅުވީ، މަޖިލީހުން މަސައްކަތް ނުކުރާ ކަމަށް ބުނެ އިދިކޮޅު އެމްޑީޕީގެ މެމްބަރުން ޓްވީޓްކުރާއިރު، އެހެން ގައުމުތަކުގައި ވެސް ރައްޔިތުންގެ މަޖިލީހަކީ ހެނދުނު 9 އިން ފަށައިގެން އިރުއޮއްސި 6 ޖަހަންދެން މަސައްކަތްކުރާ ތަންތަނެއް ނޫން ކަމަށެވެ.

”ފުރަތަމަ ރައްޔިތުންގެ މަޖިލީހުގެ މެމްބަރެއް ކަމަށް ވާންޏާ އެ މެމްބަރު ޖެހޭނެ ދުނިޔޭގެ އެހެން ގައުމުތަކުގައި ރައްޔިތުންގެ މަޖިލިސް ހިނގަނީ ކިހިނެއްތޯ ބަލާލަން. ރައްޔިތުންގެ މަޖިލީހަކީ ކޮންމެ ދުވަހަކު 9 ޖަހާއިރު އައިސްފައި އިރުއޮއްސި 6 ޖަހަންދެން މަސައްކަތްކުރާ ތަނެއް ނޫން،“ ފަލާހް

މިދިޔަ 19 ވަނަ ރައްޔިތުންގެ މަޖިލީހާ އަޅާބަލާއިރު، މި މަޖިލީހުން މާ ގިނަ މަސައްކަތްތަކެއް ކުރާ ކަމަށާއި، މި މަޖިލީހުން ޗުއްޓީއަށް ދިޔަ ދެ ފަހަަރު ވެސް މަސައްކަތްތައް ކުރަން ހުރުމުން ޗުއްޓީގެ ތެރޭގައި މަސައްކަތް ކުރި ކަމަށް އޭނާ ވިދާޅުވިއެވެ. އަދި އިދިކޮޅު މެމްބަރުން މަޖިލީހުން މަސައްކަތެއް ނުކުރާ ކަމަށް ބުނެ ޓްވީޓުކުރަމުން ދަނީ މަސައްކަތެއް ނުކުރާތީ ނޫން ކަމަށާއި މިއަށް ވުރެ ރަނގަޅަށް މަސައްކަތް ކުރި މަޖިލީހެއް މިހާތަނަށް ރާއްޖޭގައި ގާއިމްވެފައި ނެތް ކަމަށް ފަލާހް ވިދާޅުވިއެވެ.

”މިއަށް ވުރެ ރަނގަޅަށް މިއަށްވުރެ ފަރުވާތެރިކޮށް، މިއަށްވުރެ ރައްޔިތުންނާ ގައުމަށް މުހިންމު ފައިދާހުރި ބިލުތަކެއް ގާނޫނުތަކެއް މިހާހިސާބަށް ފާސްކުރި ރައްޔިތުންގެ މަޖިލީހެއް މި ރާއްޖޭގައެއް ގާއިމްވެފައެއް ނެތް. އެކަން ގަބޫލުކުރައްވާނެ އެމްޑީޕީގެ މިތިބަ މެމްބަރުން،“ ފަލާހް

އެއް ޕާޓީއަކުން ގިނަ އަދަދެއްގެ މެމްބަރުން މިހާވަރަށް އިންތިހާބުވެފައި ނެތްއިރު، ބައި މަދު އިދިކޮޅު ފަރާތްތަކަށް އިހުތިރާމުކޮށް އޯގާތެރިވި މަޖިލީހެއް ވެސް މިހާރުގެ މަޖިލިސް ފިޔަވައި މިހާތަނަށް ނެތް ކަމަށް ފަލާހު ވިދާޅުވިއެވެ.

މިއަދު މަޖިލީހުގެ ޖަލްސާއެއް ބާއްވާފައި މިވަނީ މަޖިލީހުގެ ޖަލްސާއެއް އަދި އެއްވެސް ކޮމިޓީ ބައްދަލުވުމެއް ތާވަލުނުކުރާތާ ދެ ހަފްތާ ފަހުންނެވެ. މިއަދުގެ ޖަލްސާގެ ކުރިން މަޖިލީހުގެ ޖަލްސާއެއް ބޭއްވީ މި މަހުގެ 15 ވަނަ ދުވަހުއެވެ. މަޖިލީހުގެ ޖަލްސާތައް ގަވައިދުން ބާއްވަމުން ނުދާތީ އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ.

އެމްޑީޕީގެ ޕާލިމެންޓަރީ ގްރޫޕުން މީގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މެމްބަރުން ވިދާޅުވެފައިވަނީ، ރައްޔިތުންގެ މަޖިލީހަށް ގިނަ މަސައްކަތްތަކެއް ކުރަން ހުށަހަޅާފައި ހުރި ނަމަވެސް، އެކަންކަން އެޖެންޑާ ނުކުރާ ކަމަށެވެ. އެގޮތުން މަޖިލީހަށް ވަޒީރުން ހާޒިރުކުރަން 100އަށް ވުރެ ގިނަ ސުވާލު ހުށަހަޅާފައި ހުރި އިރު، ވަޒީރު ހާޒިރުނުކުރެވި ދިގުލައިގެން ގޮސް ވަޒީރު މަގާމުން އިސްތިއުފާ ދިނުން ފަދަ ކަންކަން ހިނގާފައިވާ ކަމަށް ވެސް ވިދާޅުވެފައިވެއެވެ.

އޭގެ އިތުރުން ކޮމިޓީތަކުގެ މަސައްކަތް ވެސް އެކަށީގެންވާ ގޮތެއް ނުހިނގާކަމުގެ ކަންބޮޑުވުން އިދިކޮޅު މެމްބަރުން ވަނީ ފާޅުކޮށްފައެވެ. ކޮމިޓީ އެލަވަންސްގެ ގޮތުގައި ކޮންމެ މެމްބަރަކަށް 20،000ރ. ލިބޭއިރު، އަދި ކޮމިޓީތަކުގައި ކުރަންޖެހޭ މުހިންމު މަސައްކަތްތައް ހުރި އިރު، ކޮމިޓީތަކަށް މިހާރު 15 މިނެޓު ވެސް ހޭދަނުވާ ކަމަށް އެމްޑީޕީގެ މެމްބަރުން ވަނީ ވިދާޅުވެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: