އިދިކޮޅު މައި ޕާޓީ، މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ކޮންގްރެސް އަންނަ ސެޕްޓެމްބަރު މަހުގެ 19 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް އެ ޕާޓީގެ ގައުމީ މަޖިލީހުން ރޭ ފާސްކޮށްފިއެވެ.
މި ނިންމުން ނިންމާފައިވަނީ އެމްޑީޕީން ބޭއްވި ގައުމީ މަޖިލީހުގެ ޖަލްސާގައެވެ.
ކޮންގްރެސް ބާއްވާނެ ތާރީހެއް ކަނޑައެޅުމަށް ގައުމީ މަޖިލީހަށް ހުށަހެޅުއްވީ އެމްޑީޕީގެ ޗެއާޕާސަން އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދުއެވެ. މި ހުށަހެޅުން ފާސްވީ ޖަލްސާއަށް ހާޒިރުވެވަޑައިގެން ތިއްބެވި 63 މެންބަރުންގެ ތެރެއިން 52 މެންބަރުންގެ ވޯޓުންނެވެ.
ޖަލްސާގެ ތެރެއިން، ކޮންގްރެސްގެ ކަންކަން އިންތިޒާމުކޮށް ކުރިއަށް ގެންދާނެ ހާއްސަ ކޮމެޓީއެއް އެކުލަވާލުމަށް ތިމަރަފުށީ ދާއިރާގެ ރައީސް އަންވަރު އިބްރާހީމް ހުށަހެޅުއްވިއެވެ. ނަމަވެސް، އެފަދަ ކޮމެޓީއެއް އުފެއްދުމަކީ ޕާޓީގެ އަސާސީ ގަވާއިދު ތަންދޭ ކަމެއް ނޫން ކަމަށް ރިޔާސަތުން ވަނީ ފާހަގަކުރައްވާފައެވެ.
އެމްޑީޕީގެ ކޮންގްރެސް އެންމެ ފަހުން ބާއްވާފައިވަނީ 2022 ވަނަ އަހަރުއެވެ. އޭގެ ފަހުން އެކި ފަހަރު މަތިން ކޮންގްރެސް ބޭއްވުމަށް މަސައްކަތް ކުރި ނަމަވެސް، ތަފާތު ސަބަބުތަކާ ހުރެ ތާރީހުތަކަށް ވަނީ ބަދަލު ގެނެސްފައެވެ.
މިފަހަރުގެ ކޮންގްރެސްއަކީ ޕާޓީގެ ކުރިމަގާ ގުޅޭގޮތުން ވަރަށް މުހިންމު ނިންމުންތަކެއް ނިންމާނެ ބައްދަލުވުމެއް ކަމަށް ބެލެވެއެވެ. މީގެ ތެރޭގައި ކުރިއަށް އޮތް ރިޔާސީ އިންތިހާބާ ގުޅޭ މުހިންމު ސިޔާސަތުތަކާއި ނިންމުންތައް ހިމެނޭނެ ކަމަށް މައުލޫމާތު ލިބެއެވެ.

