ހުޅުމާލެއިން ކުނި އުކާލުމުގެ މަސަައްކަތް ކުރިއަށް ގެންދާއިރު، ހުޅުމާލޭ ފަޅުތެރެެއަށް ކުނި އެޅޭތީ ގަލޮޅު އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އިބްރާހިމް (ކުޑޫ) ވެމްކޯގެ އެމްޑީ މުޖުތަބާ ޖަލީލަށް ސުވާލުތަކެއް ފޮނުއްވައިފިއެވެ.
ވެމްކޯގެ އެމްޑީ މުޖުތަބާއަށް މެމްބަރު ކުޑޫ ފޮނުއްވި ސިޓީގައި ވިދާޅުވެފައިވަނީ، ހުޅުމާލެއިން ކުނި އުކާލުމުގެ މަސައްކަތް ކުރާއިރު، އޭގެ ތެރެއިން ބައެއް ކުނި ހުޅުމާލޭ ފަޅުތެރެއަށް އެޅި ފަޅު ތަޣައްޔަރުވަމުންދާކަމުގެ ޝަކުވާ ލިބެމުންދާ ކަމަށެވެ. އެކަމުގެ ސަބަބުން ހުުޅުމާލޭގެ ރައްޔިތުންނަށް ކުރިމަތިވެދާނެ ސިއްހީ އަދި އިޖުތިމާއީ ނޭދެވޭ އަސަރުތަކުން ރައްކާތެރިކުރުމަކީ ވެމްކޯގެ މައްޗަށް އޮތް ޒިންމާއެއް ކަމުގައި ދެކެވަޑައިގަންނަވާ ކަމަށް ކުޑޫ ވިދާޅުވެފައިވެއެވެ.
އެ މައްސަލައާ ގުޅޭގޮތުން އިތުރު ތަފްސީލު ހޯއްދެވުމަށް ހަތް ސުވާލެއް ކުޑޫ ވެމްކޯއަށް ހުށަހެޅުއްވިއެވެ.
އެގޮތުން ހުޅުމާލޭ ފަޅުތެރެއަށް ކުނި އެޅުމަށް މެދުވެރިވާ މައިގަނޑު ސަބަބަކީ ކޮބައިތޯ އާއި ކުނި އުފުލާ އުޅަނދުފަހަރުން ފަޅުތެރެއަށް ކުނި އެޅެނީ ކޮން ފަދަ އިހުމާލަކުން ނުވަތަ ދަތިތަކާ ހުރެތޯ ސުވާލުކުރައްވާފައިވެއެވެ. އަދި ފަޅު ތަޣައްޔަރުވުމުގެ ސަބަބުން ހުޅުމާލޭގެ ތިމާވެއްޓާއި ކަނޑުގެ ދިރުންތަކަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށް އެއްވެސް މަސައްކަތެއް ކުރަމުން ގެންދޭތޯ އާއި އެގޮތަށް އެކަން ކުރާނަމަ އެ ކަންތަކަކީ ކޮބާތޯ ސުވާލުކުރައްވާފައިވެއެވެ.
އޭގެ އިތުރުން، ކުނީގެ ސަބަބުން ފަޅު ހަޑިވެ، ނުބައި ވަސް ދުވުމުގެ މައްސަލައަށް އޮތް ދާއިމީ ހައްލަކީ ކޮބައިތޯ އާއި ފަޅުތެެރެއަށް ކުނި އެޅުމާ ގުޅިގެން އެންވަޔަރަމަންޓް ރެގިއުލޭޓަރީ އޮތޯރިޓީން ވެމްކޯއާ މެދު އެއްވެސް ފިޔަވަޅެއް އަޅާފައިވޭތޯ ސުވާލުކުރައްވާފައިވެއެވެ. އަދި ހުޅުމާލޭ ފަޅު ސާފުކޮށް ބެހެއްޓުމަށް އެޗްޑީސީއާ ގުޅިގެން ވެމްކޯއިން އެއްވެސް މަސައްކަތެއް ކުރޭތޯ އާއި ކުނި އުފުލާ އުޅަނދުތަކުން ކުނި ބޭރުނުވާނެ ގޮތަކަށް އިންތިޒާމުތައް ހަމަޖެއްސުމަށް ކުރެވެނީ ކޮން މަސައްކަތެއްތޯ ސާފުކޮށްދޭން ކުޑޫ އެދިވަޑައިގެންފައިވެއެވެ.
ހުޅުމާލެއިން ގެންދާ ކުނި ފަޅުތެރެއަށް ކުނި އެޅޭ މައްސަލަ ބޮޑުވެފައިވާއިރު، މިފަހުން ތިލަފުށީގައި ހުންނަ ވެމްކޯގެ ސައިޓުގައި ހިނގި ބޮޑު އަލިފާނުގެ ހާދިސާއާ ގުޅިގެން ވެމްކޯއިން ކުނި ނެގުމުގެ ހިދުމަތަށް ބުރޫއެރުމުން ވެސް ގިނަ ބަޔަކު ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. ވެމްކޯއިން ބުނެފައިވަނީ މިހާރު އެ މައްސަލަ ހައްލުކުރެވިފައިވާ ކަމަށެވެ.

