ވެެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ ތާރީޚުގައި އެއް މަސް ތެރޭގައި އެންމެ ގިނައިން ޓްރާންޝިޕްމަންޓް ކާގޯ ރާއްޖެއިން ބޭރަށް ފޮނުވާފައިިވަނީ މި އަހަރުގެ ޖުލައި މަހު ކަމަށް އެ ކުންފުނިން ބުނެފިއެވެ.
އެމްއޭސީއެލްއިން މީޑިއާތަކަށް ދިން މައުލޫމާތުގައި ބުނެފައިވަނީ މިއީ ސީ-ޓު-އެއަރ އަދި އެއަރ-ޓު-އެއަރ އޮޕަރޭޝަންތަކުގެ ދަށުން ހާސިލުކުރެވުނު ބޮޑު ކުރިއެރުމެއް ކަމަށެވެ.
މި މުއްދަތުގެ ތެރޭގައި ޓްރާންޝިޕްމަންޓް ކާގޯގެ ޖުމްލަ އަދަދު މަހެއްގެ މައްޗަށް 2,000 ޓަނަށްވުރެ މައްޗަށް ގޮސްފައިވާއިރު، މިއީ އެއަރޕޯޓުގެ ތާރީޚުގައި މިފަދަ މިންވަރަކަށް މުދާ އުފުލި ފުރަތަމަ ފަހަރު ކަމަށް ވަނީ ބުނެފައެވެ. މި ނަތީޖާއާއެކު މީގެ ކުރިން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުން ހާސިލުކޮށްފައިވާ ހުރިހާ ރެކޯޑުތަކެއް މުގުރާލައިފައިވާ ކަމަށްވެސް ބުނެފައިވެއެވެ.
ވަކިން ހާއްސަކޮށް ސީ-ޓު-އެއަރ ޚިދުމަތަށް ބަލާއިރު، ޖުލައި މަހު އެކަނިވެސް 621 ޓަނުގެ މުދާ ފޮނުވާފައިވާ ކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ. މިއީ މި ޚިދުމަތް ތައާރަފުކުރި ފަހުން މަހެއްގެ ތެރޭގައި އެންމެ ގިނައިން މުދާ އުފުލި ފަހަރު ކަމަށް އެ ކުންފުނިން ވަނީ ފާހަގަކޮށްފައެވެ.
އެ ކުންފުނިން ބުނީ މި ކުރިއެރުންތަކުން ދައްކުވައިދެނީ ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓަކީ އޭޝިއާ އާއި ޔޫރަޕްގެ އިތުރުން ދުނިޔޭގެ އެހެން ބޮޑެތި މާކެޓުތައް ގުޅުވައިދޭ ހިންދު ކަނޑުގެ މުހިންމު ލޮޖިސްޓިކްސް މަރުކަޒަކަށް ވަމުންދާ ކަން ކަމަށެވެ.

