ދިވެހިރާއްޖޭގެ ފަތުރުވެރިކަން ފުޅާކޮށް، އިގްތިސާދު ވަރުގަދަކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ދަށުން، ރާއްޖޭގެ ހަ އަތޮޅަކުން 15 ރަށެއް ނުވަތަ ފަޅެއްގައި ރިސޯޓު ތަރައްގީކޮށް ހިންގާނެ ފަރާތްތައް ހޯދުމަށް މިނިސްޓްރީ އޮފް ޓޫރިޒަމުން އިއުލާނުކޮށްފިއެވެ.
މިނިސްޓްރީން ވަކިވަކިން ކޮށްފައިވާ ހަތަރު އިއުލާނެއްގައިވާ ގޮތުން ރިސޯޓު ތަރައްގީކުރުމަށް ހުޅުވާލާފައިވަނީ ހއ. ހދ، ށ، ނ، ލ، އަތޮޅުގެ އިތުރަށް އައްޑޫ ސިޓީގައެވެ. އޭގެ ތެރެއިން، ހއ. އަތޮޅާއި ހދ އަތޮޅާއި ށ. އަތޮޅުން ހުޅުވާލީ ފަޅުތަކެއް ހިއްކައިގެން ރިސޯޓު ތަރައްގީކުރުމަށެވެ. އަދި، ށ. އަތޮޅާއި ނ. އަތޮޅުން ރިސޯޓު ހަދަން ދެނީ، ފަޅުރަށްތަކެކެވެ.
ރިސޯޓު ހަދަން ކުއްޔަށް ދޭ ފަޅުތަކަށް ބަލާއިރު އޭގެ ތެރޭގައި ހއ. މާދުނި ފަރުން ތިން ބައެއް، ހދ. މަކުނުދޫ ފަރު ދެ ބައެއް، ހދ. މާފަރު ފަޅުން ތިން ބައެއް އަދި ށ. ގޮނާ ފަރުން ތިން ބައެއް ހިމެނެއެވެ.
ޓޫރިޒަމް މިނިސްޓްރީން ހާމަކުރި ގޮތުގައި، އެ ސަރަހައްދުތަކުން ރިސޯޓު ހެދުމަށް ބޭނުންވާ ފަރާތްތަކަށް ބިޑް ހުށަހެޅުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލެވިފައެވެ. އަދި ބީލަން ހުށަހެޅުމަށް ހުޅުވާލާފައިވާ ސުންގަޑިއަކީ އަންނަ ނޮވެންބަރު 18 އެވެ.
މިނިސްޓްރީން، އައްޑުއާއި ހދ. އާއި ލ. އަތޮޅުގައި ރިސޯޓު ހަދާނެ ބަޔަކު ހޯދަނީ ހަލާލު ޓުއަރިޒަމްގެ މޮޑަލަށެވެ.
އެގޮތުން، ހދ. މަކުނުދޫ ފަޅުގައި މަދުވެގެން 150 އެނދުގެ ރިސޯޓެއް ހަދަން އިއުލާނުކުރިއިރު، ލ. ފޮނަގާދޫގައި ރިސޯޓު ހަދަނީ 100 އެނދުގެ ކެޕޭސިޓީއަށެވެ. އަދި، އައްޑޫ ދޮންހެރައާއި އެ ރަށާ ޖެހިގެން އޮންނަ 0.85 ހެކްޓަރުގެ ކުޑަ ފަޅުރަށުގައި އަޅަނީ، މަދުވެގެން 100 އެނދުގެ ރިސޯޓެއް ކަމަށް މިނިސްޓްރީން ބުނެފައިވެއެވެ.
މީގެ އިތުރުން، މިނިސްޓްރީން ރިސޯޓު ހަދަން ކުުއްޔަށް ދޫކުރާ ފަޅު ރަށްތަކުގެ ތެރޭގައި ށ. ނަލަންދުއާއި ނ. ފަރުމުލި ހިމެނެއެވެ. އޭގެ ތެރެއިން ނަލަންދޫގައި ރިސޯޓު ހަދަން ބީލަން ހުށަހެޅުމުގެ ސުންގަޑިއަކީ އަންނަ ނޮވެންބަރު 23 އެވެ. އަދި، ނޮވެންބަރު 17ގެ ކުރިން ފަރުމުލީގައި ރިސޯޓު ހަދަން ބީލަން ހުށަހަޅަން ޖެހެއެވެ.
މިނިސްޓްރީން އެ ހުރިހާ ތަންތަނެއް ވެސް ކުއްޔަށް ދިނުމަށް ނިންމާފައި ވަނީ 50 އަހަރުގެ މުއްދަތަކަށެވެ.
އެ މަޝްރޫއުގެ މައިގަނޑު މަގްސަދަކީ މާލެ ސަރަހައްދަށް ބަރޯސާވެފައި އޮތް އޮތުން ކުޑަކޮށް، އަތޮޅުތަކުގެ ރަށްތަކަށް ފަތުރުވެރިކަމުގެ ނަފާ ސީދާ ގޮތެއްގައި ފޯރުކޮށްދިނުމެވެ. މީގެ އިތުރުން، އެ ރިސޯޓުތައް ތަރައްގީވުމުން އެ ސަރަހައްދުތަކުގެ ޒުވާނުންނަށް ވަޒީފާގެ ގިނަ ފުރުސަތުތަކެއް ފަހިވެގެންދާނެ ކަމަށް ސަރުކާރުން އުންމީދުކުރެއެވެ.
އެ އިއުލާނާ ގުޅިގެން ޝައުގުވެރިވާ ފަރާތްތަކުން ބިޑް ހުށަހަޅަންޖެހޭ ސުންގަޑިތަކާއި، ކުރަންޖެހޭ އިންވެސްޓްމަންޓްގެ ތަފްސީލުތައް މިނިސްޓްރީގެ ވެބްސައިޓުގައި މިހާރު ވަނީ ޝާއިއުކޮށްފައެވެ.

