ޑޮލަރުގެ އަގު ތިރިކުރުމަށް އިދިކޮޅު އެމްޑީޕީގެ ޗެއާޕާސަން އަދި ކުރީގެ ރައީސް މުޙައްމަދު ނަޝީދު ސަރުކާރަށް ގޮވާލައްވައިފިއެވެ
. އެމްޑީޕީއިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައީސް ނަޝީދު ވަނީ މާދަމާ ރޭ އެމްޑީޕީއިން ބޭއްވުމަށް ހަމަޖެހިފައިވާ މުޒާހަރާގައި އެ ޕާޓީގެ ފަރާތުން ސަރުކާރަށް ޑިމާންޑުތަކެއް ކުރާނެކަމަށް ވިދާޅުވެފައެވެ.
ރައީސް ނަޝީދު ވިދާޅުވީ މާދަމާ ރޭގެ މުޒާހަރާގައި ކުރާނެ އެންމެ މުހިންމު އެއް ޑިމާންޑަކީ ކުރިއަށް އޮތް 10 ދުވަހުގެ ތެރޭގައި ޑޮލަރުގެ އަގު 19 ރުފިޔާއަށް ތިރިކުރުން ކަމަށެވެ.
”އަޅުގަނޑުމެން މިއެދެނީ 10 ދުވަހުގެ ތެރޭގައި ޑޮލަރުގެ އަގު 19 ރުފިޔާއަށް ތިރިކޮށްދެއްވާށޭ. 15.42 ކަށެއްވެސް ނޫން އިނގޭތޯ. ދޫކޮށްލީ 15.42. އެއްމަސް ދުވަހުގެ ތެރޭގައި 17 ރުފިޔާއަށް ޑޮލަރުގެ އަގު ރައީސް ޑރ. މުއިއްޒު ތިރިކޮށްދެއްވާށެ،“ ރައީސް ނަޝީދު ވިދާޅުވިއެވެ.
އެމަނިކުފާނު އިތުރަށް ވިދާޅުވީ ޑޮލަރުގެ އަގު ތިރިކުރުމަށް އަޅަންޖެހޭ ފިޔަވަޅުތަކަކީ އިގްތިސޯދީ އިލްމުގައި ވަރަށް ސާފުކޮށް އެނގެން އޮތް ކަންކަން ކަމަށާއި، ސަރުކާރުން އެކަންކަން ނުކޮށް ތިބެ ޑޮލަރުގެ އަގު އިންތިހާއަށް އަރައިގެން ދާން ދޫކޮށްލުމަކީ ކަންބޮޑުވެލައްވާ ކަމެއް ކަމަށެވެ. އަދި ޑޮލަރުގެ އަގު އުފުލިގެންދާނަމަ ތަކެތީގެ އަގު އުފުލި، ރާއްޖޭގައި ”ހައިޕާ އިންފްލޭޝަނެއް“ އުފެދޭނެކަމަށްވެސް ވިދާޅުވިއެވެ.
”އެއީ ކޮންމެ ހަފްތާއަކުން 50 އިން ސައްތައަށް ތަކެތީގެ އަގު އުފުލުނީމައި އާންމުކޮށް މާހިރުން އެހާލަތުގައި މިބުނަނީ އެއޮތީ ހައިޕަރ އިންފްލޭޝަނެއް އުފުލިފައޭ. ހައިޕަރ އިންފްލޭޝަން އުފެދޭ ޤައުމުތަކަށް ވަރަށް އުނދަގޫވާނެ އިގްރިސާދު ހިފަހައްޓަންވެސް، އަދި ރައްޔިތުންގެ އާންމު ހާލަތާ ރައްޔިތުންގެ ތަނަވަސްކަން ހިފަހައްޓަން. އެހެންވީމަ އަޅުގަނޑުމެންގެ ކަންބޮޑުވުމަކީ ރާއްޖޭގެ އިގްތިސާދާއި މިސްރާބު އަދި ދިވެހިންނަށް ދިމާވެދާނެ ދަތިތައް،“ ރައީސް ނަޝީދު ވިދާޅުވިއެވެ.
އެމްޑީޕީން ކޮންމެ ހަފްތާއަކުވެސް ތަކެތީގެ އަގު ބަލަމުންދާކަން ފާހަގަކުރައްވައި، 5 އޮގަސްޓާއި 11 އޮގަސްޓާއި ދެމެދު ގިނަ މުދަލުގެ އަގު އުފުލިފައިވާކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. އަދި ޤައުމުގައި ޑޮލަރު މަދުވާ ސަބަބުތަކުގެ ތެރޭގައި ސަރުކާރުގެ ޚަރަދު ބޮޑުވުމާއި، އިގްތިސާދީ ގޮތުން ދަތި ދަނޑިވަޅެއްގައި ކުރަންނުޖެހޭ ކަންކަން ކުރުމުގެ އިތުރުން ދަރަނި އެކުލަވާލުމުގެ މަސައްކަތް ނުކުރެވި އޮތުން ހިމެނޭކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ރައީސް ނަޝީދު މިހެން ގޮވާލައްވާފައިވާއިރު، ބޭންކިންގ ނިޒާމުގެ ތެރެއިން ބޭރު ފައިސާ ލިބުން ފަސޭހަކޮށްދިނުމަށާއި ބޭރު ފައިސާގެ ބާޒާރަށް ލުޔެއް ހޯދައިދިނުމުގެ ގޮތުން، ބޭންކުތަކަށް ހަފުތާއަކު ދޫކުރާ އެމެރިކާ ޑޮލަރުގެ މިންވަރު 51 އިންސައްތަ އިތުރުކުރުމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ވަނީ ނިންމާފައެވެ. ކުރިއަށް އޮތް ތިން ހަފުތާއަށް ގެނެވުނު މި ބަދަލަކީ މުދާ އިމްޕޯޓްކުރުމުގައި ވިޔަފާރިތަކަށް ކުރިމަތިވާ ދަތިތަކަށް ހައްލެއް ހޯދައިދިނުމުގެ މަގުސަދުގައި އެޅި ފިޔަވަޅެއް ކަމަށް އެމްއެމްއޭ އިން ބުނެއެވެ.

