ދެންވެސް އިންފޮމޭޝަން ކޮމިޝަނަރުގެ ގޮތުގައި މަސައްކަތް ކުރައްވާނީ އެންމެ ފުރަތަމަވެސް ކަން ކުރެއްވި އުސޫލުން ކަމަށާއި، މައުލޫމާތު ހޯދުމަށް ބޭނުންކުރާނީ ޑޮޕްލޮމެސީ ކަމަށް އެ މަގާމަށް އައްޔަންކުރަން ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯދަން ރައީސް ޑރ. މުޙައްމަދު މުޢިއްޒު ނަން ފޮނުއްވައިފައިވާ ޢަބްދުލްޢަޒީޒް ޖަމާލް އަބޫބަކުރު (ޢަޒީ) ވިދާޅުވެއްޖެއެވެ.
މިނިވަން މުވައްސަސާތަކުގެ ކޮމިޓީން ޢަޒީ އިންޓަވިއުކޮށްފައިވާއިރު، ގަލޮލޫ ދެކުނު ދާއިރާގެ މެމްބަރު މީކާއިލް އަހުމަދު ނަޝީމް ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުން އޭނާ ވިދާޅުވެފައިވަނީ ޓްރާންޕޭރެންސީ މޯލްޑިވްސް ތުހުމަތުތަކެއް ކުރިކަމުގައި ވީނަމަވެސް، 2014 ވަނަ އަހަރު އަމަލުކުރަން ފެށި މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނަކީ އޭނާ ރައްޔިތުންގެ މަޖިލީހުގެ އިޖުތިމާއީ ކޮމިޓީގެ މެންބަރުކަން ކުރެއްވި ދުވަސްވަރު އެ ކޮމިޓީގައި އިންނަވައި ދިރާސާކުރުމަށް ފަހު ހެދި ގާނޫނެއް ކަމަށެވެ.
އެ ގާނޫނުގެ މަގުސަދު ވަރަށް ރަނގަޅަށް އެނގިވަޑައިގަންނަވާ ކަމަށާއި، ގާނޫނުގެ މަގުސަދަކީ ތަންތަން ބޭޒާރު ކުރުން ނޫން ކަމަށް ޢަޒީ ވިދާޅުވިއެވެ. އޭނާގެ ދައުރުގައި މައުލޫމާތަކަށް އެދިއްޖެނަމަ ޑިޕްލޮމެސީ ބޭނުންކޮށްގެން މައުލޫމާތު ހޯދައިދެނީ ކަމަށާއި އެހެންކަމުން އާންމު އަޑުއެހުމެއް ބާއްވަން ނުޖެހޭނެ ކަމަށް އޭނާ ފަހަގަކުރެއްވިއެވެ.
”ރައީސް އޮފީހާއި މަޖިލީހުންވެސް ހުންނާނެ، ހަމަ ރައީސުލްޖުމްހޫރިއްޔާއާ ބައްދަލުކޮށްގެން މިތަނުގެ ރައީސްއާއި ބައްދަލުކޮށްގެން ހުންނާނެ މައުލޫމާތު ހޯދައި ދީފައި. ބައެއް ބޭފުޅުން ވާގޮތަކީ ހަމަ ޕަބްލިސައިޒް ކުރަންވެގެން ހަމަ މައްސަލައެއް ހުހެއެޅޭ އިރަށް ޕަބްލިކް ހިއަރިންގ އެއް ބާއްވަނީ. އެއްގޮތަކަށް ނުލިބިއްޖެއްޔާ ނޫނީ އަޅުގަނޑު އަދިވެސް ނުބާއްވާނަން އިނގޭތޯ،“ ޢަޒީ
ޢަޒީ ވިދާޅުވީ، ގާނޫނުގެ މަގްސަދަކީ އިންފޮމޭޝަން ކޮމިޝަނަރަކަށް ހުރެ ބާރުގެ ބޭނުންކުރުން ނޫން ކަމަަށާއި ރައްޔިތުންނަށް މައުލޫމާތުތަކެއް ހޯދައިދިނުން ކަމަށެވެ. އޭރު ގާނޫނު ގެނައުމަށް ވަރަށް ގިނަ މަސައްކަތްތަކެއް ކުރެއްވިކަން ފާހަގަކުރައްވައި، އޭނާ ވިދާޅުވީ ހުރިހާ ގާނޫނެއް ލިޔުނީވެސް ޢަޒީ ކަމަށާއި އެހެންކަމުން މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގަކީ އެންމެނަށްވެސް ލިބެންޖެހޭ ހައްގެއް ކަމަށް ގަބޫލުކުރައްވާ ކަމަށް އޭނާ ވިދާޅުވިއެވެ.
މިނިވަން މުއައްސަސާތަކުގެ ކޮމިޓީގެ ބައްދަލުވުމުގައި ޢަޒީއާ އިންޓަވިއުކުރުމަށް ފަހު، އޭނާއަށް ރުހުންދޭން ފެންނަ ކަމަށް ވަނީ ފާސްކޮށްފައެވެ. ހަ މެންބަރުން ހާޒިރުވި ބައްދަލުވުމުގައި ޢަޒީއަށް ރުހުންދޭން ނުފެންނަ ކަމަށް ވޯޓުދެއްވީ ގަލޮޅު ދެކުނު ދާއިރާގެ އެމްޑީޕީ މެންބަރު މީކާއީލް އަޙްމަދު ނަސީމެވެ.
ޢަޒީގެ ނަން މަޖިލީހަށް ފޮނުވުމާއެކު ޓްރާންސްޕޭރެންސީން އޭނާއާ ގުޅޭގޮތުން ކޮމިޓީއަށް ހުށަހެޅި ޝަކުވާގައި ވަނީ، ޢަޒީގެ ދައުރުގައި މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނު ފުރިހަމައަށް ތަންފީޒުނުކުރެވޭ ކަމަށެވެ. އަދި އެކަމުގެ ސަބަބުން އާންމުންނަށް އެ ހައްގު ލިބިގަތުމުގެ ފުރުސަތާއި އެ ހައްގު ފުރިހަމައަށް ބޭނުންކުރުމުގެ ފުރުސަތު އޮތީ ހަނިވެފައި ކަމަށް ވަނީ ބުނެފައެވެ.
ހަމަ އެހެންމެ އޭނާގެ ދައުރުގައި މައުލޫމާތު ހޯދުމުގެ ފޯމު ފަރުމާކޮށްފައި އޮތީ އެ ހައްގަށް ހުރަސް އެޅޭ ފަދަ ގޮތަކަށް ކަމާއި، ޢަޒީގެ ދައުރުގައި އާންމު އަޑުއެހުމެއް ވެސް ފުރަތަމަ ބޭއްވީ ދައުރުގެ ފަހުކޮޅުގައި ކަމަށް، ޓްރާންސްޕޭރަންސީގެ ސިޓީގައިވެއެވެ.
އިންފޮމޭޝަން ކޮމިޝަނަރުގެ މަގާމަށް، މި ސަރުކާރުގެ ސްޓޭޓް މިނިސްޓަރުގެ ވެސް މަގާމުގައި ހުންނެވި ޢަޒީއަށް ރުހުން ހޯދަން ރައީސް ޑރ. މުހައްމަދު މުއިއްޒު ފޮނުއްވި ސިޓީ މަޖިލީހުގެ ތަޅުމުގައި އިއްވީ މިދިޔަ އާދީއްތަ ދުވަހުއެވެ. އިންފޮމޭޝަން ކޮމިޝަނަަކަށް ބޭފުޅަކު އައްޔަންކުރަން އެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލީ މި މަހުގެ ތިން ވަނަ ދުވަހުން ފެށިގެން 16 ވަނަ ދުވަހުގެ މުއްދަތަށެވެ.

