އެމްއެމްއޭގެ ހުއްދަ ނެތި ބޭރު ފައިސާ ގަނެވިއްކުމުގެ ވިޔަފާރިކުރާ ކަމަށް ބުނާ ކުންފުންޏެއްގެ އޮފީހަށް ފުލުހުން ވަދެ ބަލައިފާސްކުރަން ފަށައިފިއެވެ.
ފުލުހުން ބުނެފައިވަނީ، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީން ދޫކުރާ މަނީ އެކްސްޗޭންޖް ވިޔަފާރި ހިންގުމުގެ ލައިސަންސް ނެތި ބޭރު ފައިސާ ވިއްކުމުގެ ވިޔަފާރި ފުޅާ ދާއިރާއެއްގައި ގާނޫނާ ހިލާފަށް ހިންގާކަމަށް ތުހުމަތުކުރެވޭ މައްސަލައަކާ ގުޅިގެން ނައިޑް އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޓެޑުން ބޭރު ފައިސާގެ ވިޔަފާރި ހިންގުމަށް ބޭނުންކުރާ ބޭންކު އެކައުންޓްތައް ފްރީޒްކޮށްފައިވާ ކަމަށެވެ.
އެ ކުންފުނީގެ އެކައުންޓުތައް ފްރީޒްކުރުމަށްފަހު ތަހުގީގަށް ބޭނުންވާ އިތުރު ހެއްކާއި ގަރީނާ ހޯދުމަށް ޓަކައި މ. ދަނބުގޯޅީގައި ހުންނަ އެ ކުންފުނީގެ އޮފީސް ބަލައިފާސްކުރުމުގެ އޮޕަރޭޝަނެއް ކުރިއަށްދާ ކަމަށް ވެސް ފުލުހުން ބުނެފައިވެއެވެ.
ނައިޑް އިންވެސްޓްމެންޓުގެ އޮފީސް ބަލައިފާސްކުރަމުންދާއިރު، ގަވައިދާ ހިލާފަށް ބޭރު ފައިސާ ގަނެވިއްކުމުގެ ވިޔަފާރިކުރާ ފަރާތްތަކަށް ފިޔަވަޅު އަޅަން މިހާރު ވަނީ ފަށައިފައެވެ. އެގޮތުން މަނީ އެކްސްޗޭންޖުތަކަށް ފިޔަވަޅު އަޅަމުން އަންނައިރު، މި މަހުގެ ތެރޭގައި އެކްސްޕްރެސް މަނީ އެކްސްޗޭންޖް ޕްރައިވެޓް ލިމިޓެޑަށް ދޫކޮށްފައިވާ ލައިސަންސް އެމްއެމްއޭއިން ބާތިލުކޮށްފައިވެއެވެ.
އޭގެ އިތުރުން، ފުލުހުން އިއްޔެ ބުނެފައިވަނީ ފާއިތުވި ތިން އަހަރު ތެރޭގައި ގަވައިދާ ހިލާފަށް އެކައުންޓުތަކުގައި ޖުމުލަ 54.4 މިލިއަން ރުފިޔާއާއި 1.63 މިލިއަން ޑޮލަރު ދައުރުކުރި ހަ ބިދޭސީއަކު ފުލުހުންގެ އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވެއެވެ.

