ކުރިއަށް އޮތް ހަފުތާ ނިމެންވާއިރަށް ޑޮލަރުގެ މުއާމަލާތްތައް އާންމު ހާލަތަކަށް އަންނާނެކަމަށް ބޭންކް އޮފް މޯލްޑިވްސް، ބީއެމްއެލްއިން ބުނެފިއެވެ.
ބީއެމްއެލްއިން ބުނެފައިވަނީ ޑޮލަރު ޓްރާންސްފަރތަކަށް ހޭދަވާ ވަގުތު އަންނަ ހަފުތާގެ ނިޔަލަށް އާންމު ހާލަތަށް ގެނެވޭނެކަމަށެވެ. ބީއެމްއެލް މެދުވެރިކޮށް ރުފިޔާ އެކައުންޓްތަކުން ކުރާ ބޭރުގެ މުއާމަލާތްތައް މިއަހަރު ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ.
2026 ވަނަ އަހަރުގެ އޮގަސްޓް މަހުގެ ނިޔަލަށް ޖުމްލަ 653 މިލިއަން ޑޮލަރު ވަނީ ވިއްކާފައެވެ. މިއީ މިދިޔަ އަހަރާ އަޅާބަލާއިރު ގާތްގަނޑަކަށް %33.33 ނުވަތަ ތިންބައިކުޅަ އެއްބައިގެ އިތުރުވުމެކެވެ. މި ނިސްބަތުން ބޭންކުން ޑޮލަރު ވިއްކުން ކުރިއަށްގެންދާނަމަ، މިއަހަރު ނިމެންވާއިރަށް ވިއްކާ ޑޮލަރުގެ އަދަދު ގާތްގަނޑަކަށް 1 ބިލިޔަން ޑޮލަރަށް އަރާނެކަމަށް ލަފާކުރެވެއެވެ.
ބޭންކުން ބޭރުވާ ޑޮލަރުގެ ނިސްބަތް އިތުރުވެފައިވާތީ، ވޭތުވެދިޔަ ދެ ހަފުތާގެ ތެރޭގައި ޓެލެގްރަފިކް ޓްރާންސްފަރ (ޓީޓީ) އާއި ބޭންކުތަކުގެ މެދުގައި ކުރެވޭ ޓްރާންސްފަރތައް ހިމެނޭހެން ޑޮލަރުގެ މުއާމަލާތްތައް ފުރިހަމަކުރުމުގައި ލަސްތަކެއް ވަނީ ކުރިމަތިވެފައެވެ. އަދި ބޭންކަށް ޑޮލަރު ލިބޭ މިންވަރާއި ޑޮލަރު ހޭދަވާ މިންވަރު ޒިންމާދާރުކަމާއި ދެމެހެއްޓެނެވި ގޮތެއްގައި މެނޭޖުކުރުމަށްޓަކައި، ބޭންކުން ދާދި ފަހުން ވަނީ އީ-ކޮމާސް މުއާމަލާތްތައް ލިމިޓްކޮށް، ޒަރޫރީ އަދި ކޮންމެހެން ބޭނުންތެރި މުއާމަލާތްތަކަށް އިސްކަންދޭން ފަށާފައެވެ.
ބީއެމްއެލްއިން ވިދާޅުވީ، ފިޔަވަޅުތަކުގެ ސަބަބުން ބޭންކުން ބޭރުވާ ޑޮލަރުގެ މިންވަރު، ބޭންކަށް ލިބޭ ޑޮލަރުގެ މިންވަރާ އެއްހަމައެއްގައި ހިފެހެއްޓުމަށް އެހީތެރިވެދީފައިވާ ކަމަށެވެ. މިއާއެކު ކުރިއަށް އޮތް ހަފުތާ ނިމެންވާއިރަށް ޑޮލަރުގެ މުއާމަލާތްތައް އާންމު ހާލަތަކަށް ރުޖޫޢަވާނެ ކަމަށް ލަފާކުރެވޭކަމަށް އެ ބޭންކުން ވަނީ ބުނެފައެވެ. އަދި މިކަމާ ގުޅޭ މައުލޫމާތު ބޭންކުގެ ރަސްމީ މުއާސަލާތީ ވަސީލަތްތައް މެދުވެރިކޮށް ކަސްޓަމަރުންނަށް ފޯރުކޮށްދެމުންދާނެކަމަށްވެސް ބީއެމްއެލްއިން ވަނީ ބުނެފައެވެ.

