އެމްޑީޕީގެ ރިޔާސީ ރޭހުގެ މަޝްވަރާއަށް ޕާޓީގެ ޓިކެޓަށް ޝައުގުވެރިކަން ފާޅުކުރައްވާފައިވާ ދެ ބޭފުޅުން ކަމަށްވާ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް ބައްދަލުކުރައްވައިފިއެވެ.
މިއަދު މެންދުރުފަހު، މި ބައްދަލުވުން އޮތީ ސޯލިހްގެ އޮފީސް ހުންނަ ސޯލްޓް ކެފޭ ހިންގާ އިމާރާތުގައެވެ. ގާތްގަނގަކަށް ދޮޅު ގަޑިއިރަށް މި ބައްދަލުވުން ދިގު ދެމިގެން ދިޔައެވެ.
2028ގެ ރިޔާސީ އިންތިހާބުގައި އެމްޑީޕީގެ ފަރާތުން ވާދަ ކުރާނެ ކެންޑިޑޭޓަކު ހޮވުމަށް އަންނަ އަހަރު ތެރޭ ބާއްވާ އެ ޕާޓީގެ ޕްރައިމަރީގައި ވާދަ ކުރެއްވުމަށް މިދިޔަ މަހު ސޯލިހް ނިންމެވިއެވެ. ނަމަވެސް އެކަން ރަސްމީކޮށް އަދި އިއުލާނެއް ނުކުރައްވައެވެ.
އޭގެ އިތުރުން، ރިޔާސީ ޕްރައިމަރީގައި ވާދަ ކުރެއްވުމަށް މަޝްވަރާ ކުރައްވަމުން ގެންދަވާ ކަމަށް މީގެ ކުރިން ބައެއް ޕްލެޓްފޯމްތަކުގައި ފައިސަލް ވެސް ވަނީ ވިދާޅުވެފައެވެ. ނަމަވެސް ވާދަކުރެއްވުމަށް ނިންމެވިކަން ރަސްމީކޮށް އަދި އިއުލާނެއް ނުކުރައްވައެވެ.
މިދިޔަ ބުރާސްފަތި ދުވަހު ސޯލިހް ވަނީ އެމްޑީޕީގެ ރިޔާސީ ރޭހާ ގުޅޭ ގޮތުން މާލޭ މޭޔަރު އާދަމް އާޒިމްއާ ވެސް ބައްދަލުކުރައްވާފައެވެ. އެމްޑީޕީ ތެރެއިން މައުލޫމާތު ލިބޭ ގޮތުގައި، މިހާރު އޮތް ގޮތުން ފައިސަލްއަށް ޓިކެޓް ލިބިވަޑައިގެންފި ނަމަ، އޭނާގެ ރަނިންމޭޓަކީ އާޒިމްއެވެ.
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ މިހާރު ފެންނަނީ ވަރަށް ބޮޑަށް ވާދަވެރިކޮށެވެ. އެގޮތުން ޕާޓީގެ ކުރީގެ ރައީސް އަބްދުﷲ ޝާހިދުގެ އިތުރުން ދެން އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާނެކަން އިއުލާން ކުރައްވާފައިވަނީ އެ ޕާޓީގެ ކުރީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލާއި އަދި ޑރ. އަހުމަދު ޝަމްހީދެވެ. ކުރީގެ ރައީސް މުހައްމަދު ނަޝީދު ވާދަނުކުރައްވައި ތާއީދުކުރައްވަން ނިންމަވާފައިވަނީ ފައްޔާޒަށެވެ.

