ބޭރުގެ އޮޕަރޭޓަރުން އަތުން ޓެކްސް ނަގަން ސަރުކާރުން ނިންމާފައިވަނީ ބައިނަލްއަގުވާމީ އުސޫލުތަކާ ހިލާފަށް ކަމަށް އެ ފަރާތްތަކުން ގަބޫލުކުރާ ކަމަށާއި، އެ ފަރާތްތަކުން ރާއްޖެއަށް ސްވިފްޓުގެ ނިޒާމު ކަނޑާލަން ލޮބީކޮށް، ބޮޑެތި ގެއްލުންތަކެއް ދީފާނެ ކަމަށް އެމްޑީޕީގެ ޗެއާޕާސަން އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ރައީސް ނަޝީދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެމަނިކުފާނުު ވިދާޅުވީ، ސަރުކާރުން ބަދަލުކުރަމުންދާ ސިޔާސަތުތަކުގެ ސަބަބުން ރާއްޖެއަށް ފަތުރުވެރިން ގެންނަ ބޮޑެތި ހުރިހާ ކުންފުނިތަކުން ގުޅައި ކަންބޮޑުވުން ފާޅުކުރަމުންދާ ކަމަށެވެ.
އެގޮތުން، އޯއީސީޑީ އުސޫލުތަކާއި ގާއިމްކޮށްފައިވާ ބައިނަލްއަގުވާމީ ޓެކްސް އުސޫލުތަކުގެ ދަށުން ”އެކްސްޓްރާ ޓެރެޓޯރިއަލް“ ގޮތަކަށް ނުވަތަ އިހްތިސާސެއް ނެތި ޓެކްސް ނެގުމަކީ ކުރެވޭނެ ކަމެއް ނޫންކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. ނަމަވެސް، ރާއްޖޭގެ ޓޫރިޒަމްގެ ހިދުމަތް ފޯރުކޮށްދޭ ބޭރުގެ ޓުއާ އޮޕަރޭޓަރުންގެ ދާއިމީ އޮފީހެއް، މުވައްޒަފެއް އަދި އެސެޓެއް ރާއްޖޭގައި ނެތި، އެ މީހުން އަތުން ޓެކްސް ނަގަން ސަރުކާރުން ނިންމާފައިވަނީ ރާއްޖެއަށް ލިބިގެންވާ އިހްތިސާސްގެ ބޭރުން ކަމަށް ބޭރުގެ އޮޕަރޭޓަރުން ގަބޫލުކުރާ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.
އޭގެ އިތުރުން، އެ ފަރާތްތަކުގެ އޮފީހެއް އަދި މުވައްޒަފުންނެއް ވެސް ރާއްޖޭގައި ނެތްއިރު، މީރާގެ ގަވައިދުގެ ދަށުން ޓެކްސް އެޖެންޓެއް ރާއްޖޭގައި ބަހައްޓަން އެ ފަރާތްތަކަށް މަޖޫބުރުކުރުމަކީ ވެސް ފާޅުކުރާ ކަންބޮޑުވުމެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އެހެންކަމުން، ގާނޫނީ ބާރުގެ ބޭރުން ހިންގާ ގަވައިދުތައް ބާތިލުކުރުމަށް ޖުޑިޝަލް ރިވިއު ހޯދުމަށް ނުވަތަ ކޯޓަށް ދިޔުމަށް މަސައްކަތްކުރެވިދާނެ ކަމަށާއި އިދާރީ ގަވައިދުތައް ގާނޫނު ހެދުމުގެ ގާބިލުކަމުގެ އިމުގެ ތެރޭގައި އޮންނަންޖެހޭނެ ކަމަށް ގަބޫލުކުރާ އުސޫލު ވަރުގަދަކުރެވޭނެ ކަމަށް ވެސް އެފަރާތްތަކުން ގަބޫލުކުރާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ބޭރުގެ އޮޕަރޭޓަރުން ރާއްޖޭގައި ރަޖިސްޓްރީކުރަން ޖެހުމަކީ ބޯޑަރު ހުރަސްކޮށް ހިދުމަތް ފޯރުކޮށްދިނުމުގެ މިނިވަންކަން ކަށަވަރުކޮށްދޭ ޖެނެރަލް އެގްރީމަންޓް އޮން ޓްރޭޑް އިން ސާވިސަސްގެ ޝަރުތުތަކާ ހިލާފު ކަމެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އެއީ ދުނިޔޭގެ ފަތުރުވެރިކަމުގެ އުސޫލުތަކާ އެއްގޮތްނުވާ ވިޔަފާރީގެ ހުރަސްތަކެއް ކުރިމަތިކުރުން ކަމަށް އެ ފަރާތްތަކުން ގަބޫލުކުރާކަމަށް ވިދާޅުވިއެވެ.
އެހެންކަމުން، ބޭރުގެ އޮޕަރޭޓަރުން ޔޫރަޕިއަން ކޮމިޝަނާއި ސަރުކާރުތަކަށް ލޮބީކޮށްގެން ޑަބްލިއުޓީއޯގެ ފޯރަމްތަކުގައި އެ މައްސަލަތައް އުފުލުން ވަރަށް ގާތް ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. އަދި އެ މީހުންގެ ސަރުކާރުތަކުގައި ލޮބީކޮށްގެން ރާއްޖެއަށް ވަރަށް ބޮޑެތި ގެއްލުންތަކެއް ދެވިދާނެ ކަމަށާއި ރާއްޖެއަށް ސްވިފްޓުގެ ނިޒާމު ކަނޑާލަން މަސައްކަތް ކުރެވިދާނެ ކަމަށް ވެސް ވިދާޅުވިއެވެ. އެގޮތުން، ބައިނަލްއަގުވާމީ އުސޫލުތަކާ ހިލާފުވާނަމަ ސްވިފްޓުގެ ނިޒާމް ޑިސްކަނެކްޓުކުރެވޭ އުސޫލުތަކެއް ހުންނަކަން ފާހަގަކުރެއްވިއެވެ.
”ބޭރުގެ އޮޕަރޭޓަރުންނަށް އެ މީހުންގެ ސަރުކާރުގައި، ރަށުގެ ސަރުކާރުގައި ފައިނޭންޝަލް ރެގިއުލޭޓަރުން ލޮބީކޮށްގެން ރާއްޖެއަށް ވަރަށް ބޮޑެތި ގެއްލުން ދެވިދާނެ. އެ ބޭފުޅުންނަށް ރާއްޖެއަށް ސްވިފްޓުގެ ނިޒާމު ޑިސްކަނެކްޓް ކުރުމަށް ލޮބީކުރެވިދާނެ. ބައިނަލްއަގުވާމީ އުސޫލުތަކާ ހިލާފުވީމާ ސްވިފްޓުގެ ނިޒާމް ޑިސްކަނެކްޓުކުރެވޭ އުސޫލުތަކެއް ހުރޭ. ސްވިފްޓުގެ ނިޒާމު ޑިސްކަނެކްޓުކޮށްފިނަމަ ރާއްޖެއަށް ލިބޭނެ ގެއްލުން ވަރަށް ބޮޑު،“
އޭގެ އިތުރުން ރައީސް ނަޝީދު ވިދާޅުވީ، 40 ޕަސެންޓު ޑޮލަރު މާރުކުރަން މަޖުބޫރުކުރުމުން، ޑޮލަރުގެ އަގަކަށް ބަދަލެއް ނާންނަކަމަށާއި މިހާރު ވެސް ޑޮލަރުގެ އަގު ހުރީ 20ރ. އަދި 21ރ. އާ ދެމެދުގައި ކަމަށެވެ. މިހާރު ލާޒިމުކޮށްފައި އޮތް އަގުގައި މާރުކުރުމަކީ ވިޔަފާރީގެ ގޮތުން ދެކޮޅުޖެހޭ ކަމަކަށް ނުވާތީ އެކްސްޗޭންޖުތަކުން މިހާރު ފައިސާ މާރުނުކޮށްދެނީ ކަމަށާއި ތަކެތީގެ އަގު އުފުލިގެން އަންނަ މިންވަރު ކުޑަ ތަންކޮޅެއް ވެސް ދަށް ނުވާ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

