ކައުންސިލަރުންގެ މުސާރަ ބޮޑުކުރަންވާނީ ކައުންސިލުތަކުގެ ގްރާންޓް ބޮޑުކޮށްފައި ކަމަށާއި، މާގިނަ ދުވަސްތަކެއްނުވެ އަލުން ކައުންސިލަރުންގެ މުސާރަ ކުޑަކުރަން ސަރުކާރުން ހުށަހަޅާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލްޣަފޫރު މޫސާ ވިދާޅުވެއްޖެއެވެ.
ކައުންސިލަރުންނާއި މަޖިލީހުގެ ރައީސް އަދި ވަޒީރުންގެ މުސާރަ ބޮޑުކުރުމާ ގުޅޭގޮތުން ވާހަކަދައްކަވަމުން މެމްބަރު ޣަފޫރު ވިދާޅުވީ، ކައުންސިލްތަކަށް ސަރުކާރުން ދޭ ގްރާންޓް އިތުރުނުކޮށް، މުސާރަ ބޮޑުކުރުމުން ރަށްރަށުގެ ތަރައްގީއަށް ކުރަންޖެހޭ ކަންކަމަށް ހުރަސްއެޅޭނެ ކަމަށެވެ.
ކައުންސިލްތަކަށް ލިބޭ ބަޖެޓުގެ ބޮޑު ބައެއް މުސާރައަށް ހޭދަވާން ފެށުމުން، ރަށުގެ އުމްރާނީ ތަރައްގީއަށާއި ރައްޔިތުންނަށް ބޭނުންވާ އަސާސީ ހިދުމަތްތައް ފޯރުކޮށްދިނުމަށް އެއްވެސް ފައިސާއެއް ނުހުންނާނެކަން ސަރުކާރަށް ވަރަށް ރަނގަޅަށް އެނގޭނެ ކަމަށް މެމްބަރު ވިދާޅުވިއެވެ. މީގެ އިތުރުން، 6 މިލިއަން ނުވަތަ 7 މިލިއަން ރުފިޔާ ލިބޭ ކައުންސިލެއްގައި ހުންނަ ކައުންސިލަރަކަށް ލިބޭ މުސާރަ ބޮޑު ކުރުމުން ރަށުގެ ތަރައްގީއަށް ކުރާނެ ފައިދާއާއި މެދު މެމްބަރު ސުވާލު އުފެއްދެވިއެވެ.
”6 މިލިއަން ނުވަތަ 7 މިލިއަން ރުފިޔާ ލިބޭ ކައުންސިލެއްގައި ހުންނަ ކައުންސިލަރަކަށް ލިބޭ މުސާރަ ބޮޑު ކުރީމާ ރަށުގެ ތަރައްގީއަށް ކުރާނެ އެއްވެސް މަސައްކަތެއް ނުކުރެވޭނެ. އަޅުގަނޑުމެން މި ބުނަނީ ކައުންސިލަރުންގެ މުސާރަ ބޮޑު ކުރަންޏާ ގްރާންޓު ބޮޑުކޮށްފައޭ އެކަން ކުރަންޖެހޭނީ. އަދި މި ސަރުކާރުން ކައުންސިލަރުންގެ މުސާރަ ކުޑަކުރަން ހުށައަޅާނެ. ލޯ މައްޗަށް ފެންނަން އޮތް ހަގީގަތެއް އެއީ. ތައުލީމީ މީހުން ތިބި ގައުމެއްގައި މިޒާތުގެ ހަޑި މުޑުދާރު ކަންކަން ސަރުކާރުން ކުރީމަ ދެން ކީއްތޯ ކުރާނީ؟“ އަބްދުލްޣަފޫރު މޫސާ
މެމްބަރު ވަނީ މޭޔަރުންގެ މުސާރައާއި ސިޓީ ކައުންސިލުތަކުގެ މުވައްޒަފުންގެ މުސާރަ ބޮޑުނުކޮށް ކައުންސިލަރުންގެ މުސާރަ ބޮޑުކުރުމުން އެކަމާއި ނުރުހުން ފާލުކުރައްވާފައެވެ. އަދި ކައުންސިލަރުންގެ މުސާރަ ބޮޑުކުރުމުގެ އަސްލު ބޭނުމަކީ ރައްޔިތުންގެ މަޖިލީހުގެ ރައީސާއި ވަޒީރުންގެ މަޖިލީހުގެ މެންބަރުންގެ މުސާރަ ބޮޑުކުރުމަށް މަގުފަހިކުރުންކަމުގައި މެމްބަރު ތުހުމަތުކުރެއްވިއެވެ. އަދި މިއީ މި ސަރުކާރުން ކުރާ ހަޑި މުޑުދާރު އަމަލެއްގެ ގޮތުގައި އޭނާ ސިފަކުރެއްވިއެވެ. މިއީ ސީދާ ރައްޔިތުން ރުޅިއަރުވަން މި ސަރުކާރުން ކުރިކަމެއްކަމަށް އޭނާ ތަކުރާރުކުރެއްވިއެވެ.
ކީއްވެތޯ މޭޔަރުންގެ މުސާރައާއި ސިޓީ ކައުންސިލުތަކުގެ މުސާރަ ބޮޑުނުކުރީ؟ މިއީ ހަމަ ރައްޔިތުން ރުޅި އަރުވަންވެގެން މިއަދު ކައުންސިލަރުންގެ މުސާރަ ބޮޑުކުރީ. މިކަހަލަ ދިއުޅިއެއްނުވާ ދެބަންދެހާރު ބަޔަކާއި ގައުމު ހިންގަން ލިބުނީމަ ވާނެހާ އެއްޗެއް މިގައުމަށް ވަމުން މިދަނީ“ އަބްދުލްޣަފޫރު
އޭނާ ވަނީ މިސަރުކާރުން ކުރަމުންދާ މިފަދަ ކަންކަމުން ދޭހަވަނީ ސަރުކާރުން އެއްވެސް ވަރަކަށް ރައްޔިތުމީހާއަށް އިޚްތިރާމެއް ނުކުރާކަންކަމުގައި ވިދާޅުވެ ނުރުހުން ފާޅުކުރައްވާފައެވެ. މެމްބަރު ވަނީ ސަރުކާރުގެ އެއްވެސް ހަމައެއް އުސޫލެއް ނެތި ރައްޔިތުންގެ އަގު މި ސަރުކާރުން ވައްޓަމުންދާކަމަށް ތުހުމަތު ކުރައްވާފައެވެ.
މެމްބަރުގެ ވާހަކަ ކުރިއަށް ގެންދަވަމުންވަން ވިދާޅުވީ ސަރުކާރުން ޓެކްސް ބޮޑު ނުކުރިއަސް ރައްޔިތުން މިއަދު ދިރިއުޅެމުންދަނީ އުދަގުލާއި ދުއްތުރަލުގައި ކަމަށެވެ. އަދި ރައްޔިތުންނަށް އަސާސީ ހިދުމަތް ހޯދުމުގައިވެސް އިންތިހާއަށް ދަތިވެފައިވާކަމަށް ވިދާޅުވެފައިވެއެވެ. މީގެ އިތުރުން، މި ސަރުކާރުން މިހާތަނަށް ދައުލަތުގެ ބަޖެޓުން ބޮޑު ހޭދައެއް ކޮށްފައިވީ ނަމަވެސް، ރަށްރަށުގެ ތަރައްގީއަށް އެއްވެސް މަސައްކަތެއް ކުރެވިފައި ނުވާކަމަށް ޣަފޫރު ވިދާޅުވިއެވެ. ބަޖެޓު ހުސްވަމުންދާއިރު، ރައްޔިތުންނަށް ފައިދާހުރި އެއްވެސް މަޝްރޫއެއް ނުހިންގޭ ކަމަށާއި، މިއީ ސަރުކާރުގެ އިހުލާސްތެރިކަމެއް ނެތްކަމުގެ ހެއްކެއް ކަމަށް އޭނާ ސިފަކުރެއްވިއެވެ.
އިގްތިސާދީ ގޮތުން ގައުމު މިހާރު އޮތް ހާލަތަށް ބަލާއިރު، ދައުލަތުގެ ހަރަދުތައް ކުޑަކުރުމުގެ ބަދަލުގައި ސިޔާސީ ބޭނުމަށް ކައުންސިލަރުންގެ މުސާރަ ބޮޑުކުރުމަކީ ޒިންމާދާރުކަން ކުޑަ އަމަލެއް ކަމަށް ވެސް މެންބަރު ވިދާޅުވިއެވެ. އަދި ސަރުކާތުން ރައްޔިތުންގެ މުދަލާއި ފައިސާ ފޭރެމުންދާކަމަށާއި މި ސަރުކާރުން ރައްޔިތުންނަށް އެއްވެސް ފައިދާއެއްވާނެފަދަ އެއްވެސް ކަމެއް މިހާތަނަށް ކޮށްދެއްވާފައިނުވާކަމަށް ވިދާޅުވެ ރައްޔިތުންނަށް މިއަދު ތަކުލިފުވާ ކަންކަން ހައްލުކޮށްދޭން މެމްބަރު އަބްދުލްޣަފޫރު މޫސާ ވަނީ ސަރުކާރަށް ގޮވާލައްވާފައެވެ.

