ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކުރީ ސަރުކާރުތަކުން ފަސް އަހަރުން ނުދެވުނު ވަރަށް މި ސަރުކާރުން ބޯހިޔާވަހިކަން ފޯރުކޮށްދޭނެ: ރައީސް

ރައީސް ޑރ. މުއިއްޒު ނޭޝަން ޗެޓް ޕޮޑްކާސްޓުގައި ވާހަކަފުޅުދައްކަވަނީ
ޝެއާރކޮށްލާ ކަހަލަދޯ؟

މީގެ ކުރީގެ ސަރުކާރުތަކަށް ފަސް އަހަރު ދުވަހުގެ ދައުރެއް ނިމުނުއިރު ރައްޔިތުންނަށް ފޯރުކޮށްދެވުނު މިންވަރަށް ވުރެ އެތައް ގުނައެއް އިތުރަށް މި ސަރުކާރުން ބޯހިޔާވަހިކަން ފޯރުކޮށްދެއްވާނެކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

”ނޭޝަން ޗެޓް“ގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވީ، އިމާރާތްކުރެވޭ ހައުސިންގ ޔުނިޓުތަކުގެ އަދަދަށް ބެލި ނަމަވެސް އެ ނަތީޖާ ސާފުކޮށް ފެންނާނެ ކަމަށެވެ. އަދި ކުރިއަށް އޮތް ދެ އަހަރު ނިމޭއިރު، އަޅަމުންދާ ހައުސިންގ ޔުނިޓުތަކާއި، ސްޓްރަކްޗަރ ނިންމައި ރަޖިސްޓްރީ ހަދައިދެވޭ އަދަދުންނާއި، ބޭންކުތައް މެދުވެރިކޮށް އަމިއްލަ ގޯތީގައި ގެދޮރު އެޅުމަށް މަގުފަހިކޮށްދިނުމާއި ލުއި ލޯނު ސްކީމުތަކުގެ ތެރެއިން އެކަން ހާމަވެގެންދާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި މި ސަރުކާރުގެ އަމާޒަކީ ކުރިއަށް އޮތް ތަނުގައި ހުރިހާ ގޮތަކުންވެސް ރައްޔިތުންނަށް ފުރިހަމަ ބޯހިޔާވަހިކަން ފޯރުކޮށްދިނުންކަމުގައި ރައީސް ވިދާޅުވިއެވެ.

”މިދިޔަ ސަރުކާރުތަކުގައެއް ފުރަތަމަ ތިން އަހަރުގެ ތެރޭގައެއް ނުހުންނާނެ މިކަހަލަ ބޯހިޔާވަހިކަމުގެ ކަންތައްތަކެއް ކުރެވިފައެއް. އަދި އިރާދަކުރެއްވިއްޔާ ކުރިއަށް އޮތް ދެއަހަރު ނިމޭއިރު މި ސަރުކާރު އިރާދަކުރެއްވިއްޔާ ވާނީ މީގެ ކުރީގެ ސަރުކާރުތަކުން ފަސް އަހަރު ނިމޭއިރު ބޯހިޔާވަހިކަން ރައްޔިތުންނަށް ޑެލިވަރކުރެވިފައިވާ ވަރަށްވުރެ އެތައް ގުނައެއް ރަނގަޅަށް ޑެލިވަރކުރެވޭ ސަރުކާރަކަށް ވުން،“ ރައީސް

ރައީސް ފާހަގަކުރެއްވި ގޮތުގައި، މީގެ ކުރިން ދުވަހަކުވެސް ފަހިކޮށްދީފައިނުވާ ފަދަ އައު ފުރުސަތެއް މި ސަރުކާރުން މިހާރު ވަނީ ހުޅުވާލާފައެވެ. އެއީ އަމިއްލަ ގޯތީގައި ގެއެއް އެޅުމަށް ނުވަތަ ފްލެޓެއް ގަތުމަށްޓަކައި ސަރުކާރުގެ ފަންޑެއްގެ ތެރެއިން ހިލޭ ދެވޭ އިކުއިޓީ ފައިނޭންސްގެ އެހީއެވެ. މިގޮތުން އަމިއްލަ ގޯތީގައި ގެއެއް އެޅުމަށް ކޮންމެ މީހެއްގެ ބޮލަކަށް ދެ ލައްކަ ރުފިޔާގެ ރޭޓުން އެއް މިލިއަން ރުފިޔާއާ ހަމައަށް ހިލޭ އިކުއިޓީ ފައިނޭންސް ދިނުމަށާއި، ފްލެޓެއް ގަންނަން ބޭނުންވާ ފަރާތްތަކަށް 250,000 (ދެ ލައްކަ ފަންސާސް ހާސް) ރުފިޔާގެ އިކުއިޓީ ދިނުމަށް ވަނީ ހަމަޖެހިފައެވެ. މިއީ ރައްޔިތުންނަށް ލިބިގެންދާނެ ވަރަށް ބޮޑު ލުޔެއްކަން ރައީސް ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން، ކުރިން ބޭންކުތަކުގައި ވިހި އިންސައްތައިގައި ހުރި އިކުއިޓީ، މި ސަރުކާރުގެ ސިޔާސަތުގެ ދަށުން މިހާރު ފަސް އިންސައްތައަށް ކުޑަކޮށްފައިވާ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

”މިއަންނަ އަހަރުގެ ބަޖެޓުގައިވެސް އަޅުގަނޑުމެން ހިމަނާފައި ހުންނާނެ މި ޕްރޮގްރާމަށް އެކަނި 750 މިލިއަން ރުފިޔާ އެ ފަންޑަށް ލާން. މިހާރު ހިނގާ އެކި ކަންކަމުގެ ތެރެއިން މި ފަންޑުގައި 250 މިލިއަނެއްހާ ރުފިޔާ އެބައޮތް. އެހެންވީމަ މިއަންނަ އަހަރު އިރާދަކުރެއްވިއްޔާ ބިލިޔަނެއްހާ ރުފިޔާގެ ފަންޑެއްގެ ތެރެއިން އަޅުގަނޑުމެން އެކި ފަރާތްތަކަށް މި އިކުއިޓީ ފޯރުކޮށްދޭނަން،“ ރައީސް

ރައީސް ވިދާޅުވީ މި ފުރުސަތުގެ ސަބަބުން އެތައް ހާސް ރައްޔިތުންނަކަށް އަމިއްލަ ބޯހިޔާވަހިކަން ހޯދުމުގެ މަގު ފަހިވެގެންދާނެ ކަމަށެވެ. މީގެ އިތުރުން މާލެ ސަރަހައްދުގައި އަޅަން ފަށާފައިވާ ފްލެޓްތަކާއި އެކި ރަށްރަށުގައި ކުރިއަށްދާ މަޝްރޫއުތަކާއެކު، މި ދައުރު ނިމޭއިރު ރައްޔިތުންގެ އުންމީދުތަކާ އެއްވަރަށް ބޯހިޔާވަހިކަން ފޯރުކޮށްދެވޭނެކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށް ވިދާޅުވިއެވެ.

މި ސަރުކާރުގެ އެންމެ ބޮޑު އެއް އަމާޒަކީ އެއްވެސް ގޮތަކަށް އަމިއްލަ ބޯހިޔާވަހިކަމެއް ލިބިފައިނެތް ފަރާތްތަކަށް އިސްކަންދީގެން، ފުރަތަމަ ބޯހިޔާވަހިކަން ކަށަވަރުކޮށްދިނުން ކަމަށް ރައީސް ވިދާޅުވިއެވެ. އަދި ފުރަތަމަ ތިން އަހަރުގެ ތެރޭގައިވެސް ބޯހިޔާވަހިކަމުގެ ދާއިރާއިން ކުރީގެ ސަރުކާރުތަކުން ނުކުރާ ފަދަ ގިނަގުނަ މަސައްކަތްތަކެއް ފެށިފައިވާ ކަމަށާއި، އޭގެ ފުރިހަމަ ނަތީޖާ ކުރިއަށް އޮތް ދެ އަހަރުގެ ތެރޭގައި ފެނިގެންދާނެ ކަމަށްވެސް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: