އަންނަ 2027 ވަނަ އަހަރަށް ލަފާކޮށް ދައުލަތުގެ ބަޖެޓުގެ ގޮތުގައި 59.7 ބިލިއަން ރުފިޔާގެ ބަޖެޓެއް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ.
މި ބަޖެޓަކީ 2026 ވަނަ އަހަރަށް ފާސްކުރި ބަޖެޓާ އަޅާބަލާއިރު 4.5 ބިލިއަން ރުފިޔާ ދަށް އަދަދެކެވެ.
ރައްޔިތުންގެ މަޖިލީހަށް ބަޖެޓު ހުށަހަޅުއްވަމުން ފިނޭންސް މިނިސްޓަރ ހަސަން ޒަރީރު ހާމަކުރި ގޮތުގައި މި ބަޖެޓުގެ މައިގަނޑު އަމާޒަކީ 2040 ވަނަ އަހަރު ރާއްޖެއަކީ ކުރިއަރާފައިވާ ޤައުމަކަށް ހެދުމަށް އެކުލަވައިލާ ’ޤައުމީ ތަރައްޤީގެ ޕްލޭން‘ ގެ ދަށުން ސިޔާސަތުތަކުގެ ބިންގާ އެޅުމެވެ. އަދި މެކްރޮއިކޮނޮމިކް ސްޓެބިލިޓީ ދަމަހައްޓައި، ފިސްކަލް އަދި ދަރަނީގެ ދެމެހެއްޓެނިވިކަން ކަށަވަރުކުރުމަކީވެސް މި ބަޖެޓުން އިސްކަންދޭނެ މުހިންމު ކަންކަމެވެ.
މަޖިލީހަށް ހުށަހެޅި ޖުމްލަ 59,704,440,795 ރުފިޔާގެ ބަޖެޓުގެ ތެރެއިން، ދައުލަތުގެ ޖުމްލަ ޚަރަދުގެ ގޮތުގައި ހިނގާނީ 52.6 ބިލިއަން ރުފިޔާއެވެ. މީގެ ތެރޭގައި ހިންގުމުގެ ޚަރަދު ނުވަތަ ރިކަރަންޓް ޚަރަދަށް 42.7 ބިލިއަން ރުފިޔާ ކަނޑައަޅާފައިވާއިރު، ތަރައްޤީގެ މަޝްރޫޢުތަކާއި އިންވެސްޓްމަންޓްތައް ހިމެނޭ ކެޕިޓަލް ޚަރަދަށް ވަނީ 9.9 ބިލިއަން ރުފިޔާ ހިމަނާފައެވެ.
ކެޕިޓަލް ޚަރަދުގެ ތެރެއިން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތަރައްޤީގެ މަޝްރޫޢުތައް ކުރިއަށް ގެންދިއުމަށްޓަކައި ޕަބްލިކް ސެކްޓަރ އިންވެސްޓްމަންޓް ޕްރޮގްރާމް (ޕީއެސްއައިޕީ) އަށް 8.2 ބިލިއަން ރުފިޔާ ވަނީ ކަނޑައަޅާފައެވެ.
ސަރުކާރުން ފާހަގަކުރާ ގޮތުގައި ދައުލަތުގެ ވަސީލަތްތައް ޒިންމާދާރުކަމާއެކު އެންމެ ފައިދާހުރި ގޮތުގައި ބޭނުންކޮށް، ދައުލަތުގެ އިންވެސްޓްމަންޓްތައް ރޭވުމާއި ތަންފީޒުކުރުން މި ބަޖެޓުގެ ތެރެއިން އިތުރަށް ހަރުދަނާ ކުރެވޭނެއެވެ.
2027 ވަނަ އަހަރު ދައުލަތަށް އާމްދަނީއާއި ހިލޭ އެހީގެ ގޮތުގައި ޖުމްލަ 43.2 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް ވަނީ ލަފާކޮށްފައެވެ. މިއީ 2026 ވަނަ އަހަރާ އަޅާބަލާއިރު 1.4 ބިލިއަން ރުފިޔާގެ ކުރިއެރުމެކެވެ.
މެދުރާސްތާގެ އާމްދަނީގެ އަންދާޒާތަކަށް ބަލާއިރު، އިޤްތިޞާދީ ދުވެލި ކުރިއަރައި ދައުލަތުގެ އާމްދަނީ އެއް އަހަރުން އަނެއް އަހަރަށް މަތިވަމުންދާނެ ކަމަށް ވަނީ ލަފާކޮށްފައެވެ. އެގޮތުން: 2028 ވަނަ އަހަރު 46.6 ބިލިއަން ރުފިޔާ 2029 ވަނަ އަހަރު 49.7 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް ވަނީ އަންދާޒާކޮށްފައެވެ. އައު ޓެކުހެއް ނުނަގައި، ނިޒާމު ހަރުދަނާކުރުމުގެ ފިޔަވަޅުތައް އާމްދަނީ އިތުރުކުރުމަށް ރޭވިފައިވީ ނަމަވެސް، އަންނަ އަހަރު ރައްޔިތުންގެ އަތުން ނަގާ އެއްވެސް ޓެކުހެއްގެ ރޭޓު މަތިނުކުރުމަށް ސަރުކާރުން ވަނީ ނިންމާފައެވެ. އޭގެ ބަދަލުގައި ސަރުކާރުގެ މައިގަނޑު ސިޔާސަތަކީ ޓެކްސް ނިޒާމުގެ ހިންގުން ހަރުދަނާކޮށް، މިހާރު ހުރި ގޮންޖެހުންތަކާއި ލޫޕްހޯލްތައް ބައްދައިގެން އާމްދަނީ އިތުރުކުރުމެވެ.
މިގޮތުން ޤާނޫނުތަކާއި ގަވާއިދުތަކަށް އަމަލުކުރާ މިންވަރު އިތުރުކުރުމަށްޓަކައި ޚާއްޞަ މަސައްކަތްތަކެއް ކުރުމަށް ވަނީ ހަމަޖެހިފައެވެ. މީގެ ތެރޭގައި ތަޢާރަފުކުރެވުނު ”މޯލްޑިވްސް ގެސްޓް އިންފޮމޭޝަން ސިސްޓަމް“ ގެ ދައުރު އިތުރަށް ފުޅާކުރުމާއި، ބައިނަލްއަޤްވާމީ ބެސްޓް ޕްރެކްޓިސްތަކާ އެއްގޮތަށް ޒަމާނީ ”އީ-އިންވޮއިސިންގ“ ނިޒާމެއް ތަޢާރަފުކުރުން ހިމެނެއެވެ. މިފަދަ ޒަމާނީ ފިޔަވަޅުތަކުގެ ސަބަބުން ޓެކްސް އިދާރާތަކުގެ މަސައްކަތް ހަރުދަނާވެ، ދައުލަތަށް ލިބެންޖެހޭ ފައިސާ ފުރިހަމައަށް ލިބިގެންދާނެ ކަމަށް ސަރުކާރުން ދެކެއެވެ.

