ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރަސްމާލެ މަޝްރޫއުއާ ގުޅޭ އާންމު ވޯޓެއް ނެގުމުގެ ގަރާރު ބަލައިގަތުން މަޖިލީހަށް ލާޒިމް: އެމްޑީޕީ ޕީޖީ

އެމްޑީޕީގެ ޕާލިމެންޓަރީ ގްރޫޕުން މަޖިލީހުގެ ބޭރުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުން
ޝެއާރކޮށްލާ ކަހަލަދޯ؟

ރަސްމާލެ މަޝްރޫއު ތަރައްގީކުރުމަށް ޔޫއޭއީގެ އިންވެސްޓްމެންޓް ކުންފުނި އީގަލް ހިލްސްއާއެކު ހިންގަން ހަމަޖެހިފައިވާ ”މޯލްޑިވްސް ވޯޓާ ފްރަންޓް އެންޑް މެރީނާ“ މަޝްރޫއުއާ މެދު އާންމުންގެ ބޮޑެތި ކަންބޮޑުވުންތަކެއް އެބަހުރި، އާންމުން ދެކޭ ގޮތް ބަލަން ފެންނަ ނުފެންނަ ވޯޓަކަށް ދިޔުމަށް ގޮވާލައި މަޖިލީހަށް ހުށަހަޅާފައިވާ ގަރާރު ބަލައިގަތުމަކީ މަޖިލީހަށް ލާޒިމް ކަމެއް ކަމަށް އެމްޑީޕީގެ ޕާލިމެންޓަރީ ގްރޫޕުން ބުނެފިއެވެ.

އެމްޑީޕީން މަޖިލިސް ބޭރުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކެންދޫ ދާއިރާގެ މެމްބަރު މައުރޫފް ޒާކިރު ވަނީ އީގަލް ހިލްސްއާއެކު ސަރުކާރުން ހިންގަން ހަމަޖެހިފައިވާ މަޝްރޫއުއާ ދެކޮޅަށް އެމްޑީޕީން ގަރާރެއް ހުށަހަޅާފައިވާއިރު، ގަރާރު ހުށަހެޅުމާ ބެހޭ އުސޫލު ރައްޔިތުންގެ މަޖިލީހުން ބަދަލުކޮށް، ތަޅުމުގައި ބަހުސްކުރަން ފުރުސަތެއް ނުދޭކަން ފާހަގަކޮށްފައެވެ.

މީގެ އިތުރުން، އެމްޑީޕީ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އިބްރާހިމް ނާޒިލް ވިދާޅުވީ ރަސްމާލެ މަޝްރޫއާ ގުޅޭ އާންމު ވޯޓަކަށް ދިޔުމަށް ގޮވާލާ ގަރާރު މިމަހުގެ ދެވަނަ ދުވަހު ހުށަހަޅާފައިވާނެ ކަމަށާއި އެއީ އެމްޑީޕީގެ ގައުމީ މަޖިލީހުން މެންބަރުންގެ މައްޗަށް މަތިކުރެވިފައިވާ ޒިންމާއެއް ކަމަށެވެ.

ނާޒިލް ވިދާޅުވީ އެ ގަރާރުގެ މަސައްކަތް މަޖިލީހުގައި ކުރިއަށްދާނެ ކަމަށް ޝައްކެއް ނެތް ކަމަށެވެ. ނަމަވެސް، މަޖިލީހުގެ ގަވައިދަށް ބަދަލު ގެނެސްފައި ވާތީ، ގަރާރަކާ މެދު ބަހުސްކުރަން ވޯޓަކަށް ދިޔުމަކީ ވެސް މެންބަރުންނަށް ވަރަށް ބޮޑު ހުރަހެއްކަން ނާޒިލް ފާހަގަކުރެއްވިއެވެ. އަދި ރައްޔިތުން ބޭނުންވާ ކަންކަން ކުރުމުގައި އެމްޑީޕީގެ މެމްބަރުންނަށް އޮތް ފުރުސަތު ހަނިކަމަށް އޭނާ ވިދާޅުވިއެވެ. އަދި ރަސްމާލެ މަޝްރޫއު ހުއްޓުވުމަށް ވަރުބަލިކަމެއް ނެތި މަސައްކަތް ކުރައްވާނެކަމަށް އޭނާ ވިދާޅުވިއެވެ.

 ”މަޖިލީހުގެ ގަވައިދަށް ބަދަލު ގެނެސްފައި ވާތީ، ގަރާރަކާ މެދު ބަހުސްކުރަން ވޯޓަކަށް ދިޔުމަކީ ވެސް މެންބަރުންނަށް ވަރަށް ބޮޑު ހުރަހެއް“ ނާޒިލް

ހުޅުމާލެ ދެކުނު ދާއިރާގެ މެމްބަރު ޑރ. އަހުމަދު ޝަމްހީދު ވިދާޅުވީ، ގަރާރުގައި ހުށަހަޅާފައިވަނީ ރާއްޖޭގެ އެއްވެސް ސަރަހައްދެއްގައި ދިވެހީން ނޫން އެހެން ބަޔަކު ދިރިއުޅެން ހުއްދަކުރާނަމަ، އެކަމާ މެދު އާންމު ރައްޔިތުން ދެކޭ ގޮތް ބެލުމަށް ކަމަށެވެ. އެކަމަކީ ރައްޔިތުންގެ ވަރަށް ކަންބޮޑުވުން އޮތް ކަމެއްކަން ފާހަގަކުރައްވައި މެމްބަރު ވަނީ އެއީ ރައްޔިތުންގެ މަޖިލީހުގެ މައްޗަށްވެސް ލާޒިމު ކަމެއް ކަމަށް ވިދާޅުވެފައެވެ.

އެކަމުގައި ދިވެހި ރައްޔިތުންގެ ބަހެއް ހޯދުމަކީ މަޖިލީހުގެ މައްޗަށް ލާޒިމް ކަމެއް ކަމަށް ވެސް ޝަމްހީދު ވިދާޅުވިއެވެ. އަދި ގަރާރަކީ ބަހުސްކުރަން އޮންނަ އެއްޗެއް ނަމަވެސް އެކަން މިސަރުކާރުން ހުއްޓަމުންދާކަމަށާއި މަޖިލީހުގައި ކުރާނެ މާ ބައިވަރު ކަމެއް ނެތް އިރު މިފަދަ މުހިންމު ގަރާރުތަކަށް ބަހުސްކުރަން ފުރުސަތު ނުދިނުމަކީ ބަލައިގަނެވޭނެކަމެއް ނޫންކަމަށް މެމްބަރު ޝަމްހީދު ފާހަގަކުރެއްވިއެވެ.

”ގަރާރަކީ ބަހުސްކުރަން އޮންނަ އެއްޗެއް ނަމަވެސް އެކަން މި ސަރުކާރުން ހުއްޓުވަމުންދަނީ“ ޝަމްހީދު

އައްޑޫ ސިޓީ މަރަދޫ ދާއިރާގެ މެމްބަރު އަހުމަދު ދީދީވެސް ވަނީ ގަރާރުތަކަށް ބަހުސްކުރުމަށް މަޖިލީހުން ގެނައި ބަދަލާ ގުޅިގެން ކަންބޮޑުވުން ފާޅުކުރައްވާފައެވެ. އެގޮތުން އެމްޑީޕީއަށް މަޖިލީހުން ދެނީ ވަރަށް ހަނި ފުރުސަތުތަކެއް ކަމަށާއި ހާއްސަ ގޮތެއްގައި ރަސްމާލެ މަޝްރޫއާ ގުޅުވައި ހުށައެޅުނު ގަރާރަށް ބަހުސްކުރުމުގެ ފުރުސަތު ހަނިކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

”މި ގަރާރަށް ބަހުސްކުރުމުގެ ފުރުސަތު ހަމަ އެއްގޮތަކަށްވެސް ނެތޭ ބުންޏަސް ދޮގަކަށް ނުވާނެ. މިއީ އެއްގޮތަކަށްވެސް ބަލައިގަނެވޭނެ ކަމެއް ނޫން.“ ދީދީ

ކުއްލި މައްސަލައަކީ އެއިރެއްގައި ގައުމެއްގައި ހިނގާ ކަމަކާއި މެދުގައި ކަންބޮޑުވާ ކަންބޮޑުވުމަކާއި ގުޅިގެން ހުށައަޅާ އެއްޗެއްކަން ފާހަގަކުރައްވާ ވައިކަރަދޫ ދާއިރާގެ މެމްބަރު ހަސަން ޒިޔާދު (ފިއްޓޭ) ވިދާޅުވީ، މި ސަރުކާރުން އެ ދޮރު ބަންދުކުރިކަމަށެވެ. އަދި ރަސްމާލެ މަޝްރޫއުއާ ގުޅިގެން ރައްޔިތުންގެ ހުރި ކަންބޮޑުވުން މަޖިލީހަށް ގަރާރެއްގެ ސިފައިގައި ހުށައެޅުމުން އެ ދޮރުވެސް މި ސަރުކާރުން ބަނދުކޮށްފައިވާކަމަށް މެމްބަރު ވިދާޅުވިއެވެ.

ޖުމްލަ ގޮތެއްގައި މެމްބަރުން ވަނީ އެ ޕާޓީން ހުށަހަޅާ ގަރާރުތައް މަޖިލީހުން ބޭރުކޮށްލާކަމަށާއި އަދި ބަހުސްކުރުމުގެ ފުރުސަތުވެސް ހަނިކޮށްފައިވާކަން ފާހަގަކުރައްވާފައެވެ. އަދި ސަރުކާރުން ބަންދުކުރާ ދޮރުތަކަށް އިޖާބަނުދީ ރައްޔިތުންގެ ހައްގުގައި ރައްޔިތުންގެ ކަންބޮޑުވުންތަކުގައި ސުވާލު އުފައްދާނެކަަމަށް މެމްބަރުން ފާހަގަކުރެއްވިއެވެ. އަދި ރައްޔިތުންނާއި ގުޅުންހުރި މިފަދަ ހައްސާސް މައްސަލަތަކުގައި ފަހަތަށް ނުޖެހޭނެކަމަށް މެމްބަރުން ވަނީ ފާހަގަކުރައްވާފައެވެ.

ބޮޑެތި ގަރާރުތައް ބޭރުކޮށްލާއިރު، މަޖިލީސް ރައީސްގެ މުސާރައާއި ވަޒީރުންގެ މުސާރައާއި އުއްތަމަ ފަނޑިޔާރުގެ މުސާރަ ބޮޑުކުރި ކުރުމަކީ ރައްޔިތުންނަށް ކުރި ބޮޑު މަލާމާތެއްގެ ގޮތުގައި ޕީޖީން ވަނީ ސިފަކޮށްފައެވެ. އަދި މިފަދަ ގަރާރުތައް ބޭރުކުރުމަކީ ސީދާ ރިޝްވަތުގެ ގޮތުގައި ސިކުރިއެވެ. އަދި ރައްޔިތުން މަގުތަކަށް ނިކުމެ މުޒާހަރާ ކުރަންޖެހޭކަމަށް ވަނީ ބުނެފައެވެ.

ރަސްމާލޭގައި ހިންގާ މަޝްރޫއުއާ ގުޅިގެން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ދާން ޖެހޭ ކަމަށް 57 މެމްބަރުންގެ ތާއީދާއެކު އެމްޑީޕީގެ ގައުމީ މަޖިލީހުން ފާސްކޮށްފައި ވަނީ މި މަހުގައެވެ. އަދި ރައްޔިތުންގެ އާންމު ވޯޓުގެ ނަތީޖާ ލިބުމުގެ ކުރިއަށް މަޝްރޫއު އީގަލް ހިލްސް ނުވަތަ ތިންވަނަ ފަރާތެއްގެ ހައްގު ރަސްމާލެ ބިމުގެ މައްޗަށް އުފަންވާ ފަދަ އެއްވެސް ކަމެއް ނުކުރުމަށް ގޮވާލާފައިވެއެވެ.

މަޖިލީހަށް ހުށަހަޅާ ގަރާރުތަކަށް ބަހުސްކުރުމުގެ ކުރިން ވޯޓަށް އަހަންޖެހޭ ގޮތަށް އަދި ވޯޓުން ފާސްނުވެއްޖެނަމަ ބަހުސް ނުކުރެވޭ ގޮތަށް ގަވައިދު ބަދަލުކުރި ފަހުން މަޖިލީހުން މިހާތަނަށް އެމްޑީޕީގެ މެމްބަރުން ހުށަހެޅި ދެ ގަރާރެއް ބޭރުކޮށްލާފައިވެއެވެ. އެއީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ވަކިކުރި މައްސަލައިގައި ގަލޮޅު އުތުރު ދާއިރާގެ އެމްޑީޕީ މެންބަރު މުހައްމަދު އިބްރާހީމް (ކުޑޫ) ހުށަހެޅުއްވި ގަރާރާއި މާލެ ސިޓީ ކައުންސިލްގެ އިހްތިސާސުން 14 ބިމެއްވަކިކުރަން ނިންމި ނިންމުމާ ގުޅިގެން ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއީލް އަހްމަދު ނަސީމް ހުށަހެޅުއްވި ގަރާރެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: