ދައުލަތުން އަންނަ އަހަރަށް ލަފާކުރާ ބަޖެޓުގައި ލޯކަލް ކައުންސިލްތަކަށް ހިލޭ އެހީގެ ގޮތުގައި ދޫކުރާ ބްލޮކް ގްރާންޓަށް 2.7 ބިލިއަން ރުފިޔާ ކަނޑައަޅައިފިއެވެ.
މިއީ މި ހިނގާ 2026 ވަނަ އަހަރަށް ކަނޑައެޅި އަދަދާ އަޅާބަލާއިރު 8 އިންސައްތައިގެ ކުރިއެރުމެކެވެ.
ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ އަންނަ އަހަރުގެ ބަޖެޓުގައި ހިލޭ އެހީގެ ގޮތުގައި ދޫކުރުމަށް ޖުމްލަ 3.5 ބިލިއަން ރުފިޔާ ހިމަނާފައިވާއިރު، އޭގެ ތެރެއިން ބޮޑު ބައެއް ހާއްސަކޮށްފައިވަނީ ލޯކަލް ކައުންސިލްތަކަށެވެ.
ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތުން ބްލޮކް ގްރާންޓުގެ ގޮތުގައި ކައުންސިލްތަކަށް ދޫކުރަނީ ދައުލަތަށް ލިބޭ އާމްދަނީގެ ފަސް އިންސައްތައެވެ. މި ފައިސާގެ ތެރެއިން 80 އިންސައްތަ ރަށު ކައުންސިލްތަކަށް ހާއްސަކޮށްފައިވާއިރު، ބާކީ 20 އިންސައްތަ ދޫކުރުމަށް ހަމަޖެހިފައިވަނީ ސިޓީ ކައުންސިލްތަކަށެވެ.
ސިޓީ ކައުންސިލްތަކަށް ބަހާލެވޭ ގޮތް
ބަޖެޓުގައި ހިމަނާފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، ސިޓީ ކައުންސިލްތަކުގެ ތެރެއިން އެންމެ ބޮޑު އަދަދެއް ކަނޑައަޅާފައިވަނީ ވެރިރަށް މާލެ ސިޓީ ކައުންސިލަށެވެ. މާލެ ސިޓީ ކައުންސިލަށް 257.3 މިލިއަން ރުފިޔާ ދޫކުރުމަށް ވަނީ ހިމަނާފައެވެ.
މީގެ އިތުރުން ސިޓީ ކައުންސިލްތަކަށް ބްލޮކް ގްރާންޓް ދޫކުރުމަށް ކަނޑައަޅާފައިވާ މިންވަރުތަކަކީ:
- އައްޑޫ ސިޓީ ކައުންސިލް: 99.8 މިލިއަން ރުފިޔާ
- ފުވައްމުލަކު ސިޓީ ކައުންސިލް: 66.1 މިލިއަން ރުފިޔާ
- ކުޅުދުއްފުށި ސިޓީ ކައުންސިލް: 64.0 މިލިއަން ރުފިޔާ
- ތިނަދޫ ސިޓީ ކައުންސިލް: 58.1 މިލިއަން ރުފިޔާ
ރަށު ކައުންސިލްތަކުގެ ތެރެއިން އެންމެ ބޮޑު ބަޖެޓެއް ލިބޭ ރަށްތައް
ރަށު ކައުންސިލްތަކަށް ކަނޑައެޅި 80 އިންސައްތަ ފައިސާގެ ތެރެއިން އެންމެ ބޮޑު ގްރާންޓެއް ލިބެނީ ބޮޑެތި އާބާދީތައް ހިމެނޭ ރަށްރަށަށެވެ. އެގޮތުން އެންމެ ބޮޑު އެހީއެއް ލިބޭ ރަށްތަކުގެ ތެރޭގައި ހދ. ހަނިމާދޫ ކައުންސިލާއި، ހއ. ދިއްދޫ ކައުންސިލް އަދި ށ. ފުނަދޫ ކައުންސިލް ހިމެނެއެވެ.
ހަނިމާދޫ ކައުންސިލަށް 30.9 މިލިއަން ރުފިޔާ ކަނޑައަޅާފައިވާއިރު، ދިއްދޫ ކައުންސިލަށް 27.8 މިލިއަން ރުފިޔާ އަދި ފުނަދޫ ކައުންސިލަށް 20.9 މިލިއަން ރުފިޔާ ވަނީ ކަނޑައަޅާފައެވެ.
އަތޮޅު ކައުންސިލްތައް އުވާލުމަށް ނިންމާފައިވާ ނިންމުމާ ގުޅިގެން، ރަށު ކައުންސިލްތަކާއި ސިޓީ ކައުންސިލްތަކަށް ސީދާ ލިބޭ ފައިސާގެ މިންވަރު އިތުރުވާނެ ގޮތަށް އަންނަ އަހަރުގެ ބަޖެޓު ވަނީ އެކުލަވާލާފައެވެ. އަދި ބަޖެޓު ކަނޑައެޅުމުގައި އާބާދީގެ އިތުރުން ރަށުގެ ބިމުގެ ބޮޑުމިނަށް ބަލައިގެން ފައިސާ ދޫކުރަމުން އައި ކުރީގެ އުސޫލަށްވެސް ވަނީ މުހިންމު ބަދަލުތަކެއް ގެނެސްފައެވެ.

