ސަރުކާރު ހުށައެޅި ބިނާވެށި ޕްލޭންކުރުމާއި ހިންގުމުގެ ބިލުން ހާސިލުވާނެ އެއްވެސް ކަމެއް ނެތް ކަމަށާއި، ބިލުގައިވާ ގޮތުން ގޯތި ހޯދަން ރައްޔިތުން މީހާ ކިބައިން ޖެހޭނީ ސަލާން ޖަހަންކަމަށް މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދު ވިދާޅުވެއްޖެއެވެ.
ސަރުކާރުގެ ފަރާތުން ހުށައެޅި ބިނާވެށި ޕްލޭންކުރުމާއި ހިންގުމުގެ ބިލު މަޖިލީހަށް ހުށައެޅުއްވީ ވިލުފުށީ ދާއިރާގެ އެމްޑީޕީ މެމްބަރު ހަސަން އަފީފެވެ. ބިލު ހުށައަޅުއްވަމުން އަފީފް ވިދާޅުވީ ރާއްޖެއަކީ ކުޑަ ބިންކޮޅެއް އޮތް ތަނެއްކަމަށެވެ. އެހެންކަމުން ބިން އެންމެ އެކަށިގެންވާ ގޮތެއްގައި ބޭނުންކުރުމަކީ މުހިންމު ކަމެއްކަމުގައި ވިދާޅުވިއެވެ. އިމާރާތްކުރުމާއި ބިން ބޭނުންކުރުމުގައި ރަނގަޅު ޕްލޭނެއް ނެތުމުގެ ސަބަބުން ހިތާމަވެރި ހާދިސާތައް ހިނަގާފައިވާކަންވެސް މެމްބަރު އަފީފް ފާހަގަކުރެއްވިއެވެ.
ގިނަ އަލިފާނުގެ ހާދިސާތަކަކީ މިފަދަ ކަންކަމުން ހިނގާފައި ހުރި ހާދިސާތައް. ކުރިއަށް އޮތްތަނުގައިވެސް ބިން ބޭނުންކުރާއިރު، ރައްކާތެރިކަމާއެކު އުޅެވޭނެ މާހައުލެއް ގާއިމްކުރެވޭނެގޮތަށް ބިން ބޭނުންކުރަންޖެހޭ. ބިލު ގާނޫނަކަށްވެ އަމަލުކުރަން ފެށުމުން، ހުރިޙާ ބިމެއް ބޭނުންކުރާނެ އަދި ތަރައްގީކުރާނެ ގޮތް ހިމެނޭ ބިޏާވެށި ޕްލޭންކުރުމާއި ހިންގުމާއި ބެހޭ ގައުމީ ސިޔާސަތުތައް ކަނޑައެޅުމާއި ބިލު ތަންފީޒުކުރުމަށް ކުރަންޖެހޭ ކަންކަންކުރުމަށް ނޭޝަނަލް ޕްލޭނިން އޮތޯރިޓީގެ ނަމުގައި ސަރުކާރުން އިދާރާއެއް އުފައްދަވާނެ
ބިލަށް ބަހުސް ކުރެއްވުމަށް ހުޅުވާލި ފުރުސަތުގައި މެމްބަރު އިބްރާހިމް ރަޝީދު ވިދާޅުވީ، އެޖެންޑާ-19އަކީ ސަމާސާއެއް ނޫންކަމަށެވެ. މިވަގުތު މަޖިލީހުގައި ތިއްބެވި އެމްޑީޕީގެ ހުރިހާ މެމްބަރުން މަޖިލީހަށް ވަޑައިގެންނެވީ އެޖެންޑާ-19ގެ މެނިފެސްޓޯ ވިއްކައިގެން ކަމަށެވެ. މެނިފެސްޓޯގައި 40،000 ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޯށްދިނުމަށް ވައުދުވެފައިވާކަން ފާހަގަކުރައްވައި އިބްރާހިމް ރަޝީދު ވިދާޅުވީ، ތަފާތުކުރުމެއްނެތި ހަމަހަމަކަމާއެކު ބޯހިޔާވަހިކަން ފޯރުކޯށްދިނުމަށް މަޖިލީހަށް ހުށައަޅާނެކަމަށް ވައުދުވެފައިވާ ކަމަށެވެ.
އެހެންނަމަވެސް ސަރުކާރުން ހުށައެޅި ބިލުގައި ގޯއްޗާއިބެހޭ ވާހަކައެއް ނެތް ކަމަށެވެ. އޭގެ ބަދަލުގައި ބިލުގައިވަނީ މީހުންނަށް ދޭ އުގޫބާތްތަކެއްގެ ވާހަކަތަކެއްކަމަށް އިބްރާހިމް ރަޝީދު ވިދާޅުވިއެވެ.
ރާއްޖޭގެ ރައްޔިތުންގެ އިޖުތިމާއީ އަދި އިގްތިސާދީ ކުރިއެރުން ބިނާވެފައި އޮތީ މިބިލުގެ މައްޗަށްކަމަށާއި އެކަމަކު މިބިލު މިގޮތަށް ފާސްވެއްޖިއްޔާ ރައްޔިތުން އަޅުވެތިވެގެންދާނެކަމަށް ވިދާޅުވިއެވެ. މިބިލުން ހާސިލުކުރަން އުޅޭ ކަމެއް، ނަތީޖާއެއް ހާމަވާން ނެތް ކަމަށާއި މިބިލު މިގޮތަށް ފާސްކޮށްފިނަމަ އަނެއް 40 އަހަރު އުޅެން ޖެހޭނީ ޕްލޭނިން މިނިސްޓްރީއަށް ސަލާންޖަހަންކަމަށް އިބްްރާހިމް ރަޝީދު ވިދާޅުވިއެވެ.
އިދިކޮޅުންވެސް ވެރިކަމުން ފޭބިއިރު ސިޓީތަކެއް ބަހާފައި ބުނި، މިއޮތީ ގޮތި ދީފައޭ. ދެން މި ހޯދާށޭ. 40،000 ފުލެޓޭ އެހުރީ ޓަވަރުތަކެއް ޖަހާފަ. ކިހިނެއްތޯ މީހުން އެތަނަށް ވައްދަނީ. އެކަހަލަ މަކަރާއި ހީލަތް ހަދައިގެން އަބަދު ވެރިކަމުގައި ނުތިބެވޭނެ. ޔާމީން ވެރިކަމުން ފޭބިވަގުތު ލިޔުންތަކެއް ދީފައި އެހުރީ. ޗަރުތެއް ހަމަވަނީއެއްނޫން. އެގޮތަށް ކަންތައްތަކެއް ނުކުރެވޭނެ. ވަރަށް ސާފުކޮށް ބިލުގައި ކަނޑައެޅެން ޖެހޭނެ ދަނޑުވެރިކަމަށާއި ބޯހިޔާވަހިކަމަށް ދޫކުރާނެ ބިންތަކާއި ސިނާއީ ކަންކަމަށް ދޫކުރާނެ ބިންތައް ކަނޑައެޅެން ޖެހޭނެ
މިއީ ބިލެއްވެސް އަދި ގާނޫނެއްވެސް ނޫންކަމަށާއި މިއީ އޮނިގަނޑެއްކަމަށް ވިދާޅުވިއެވެ. އަދި ބިލަށް ދީފައިވާ ނަމަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ، ދިރިއުޅުމާއި އެހެނިހެން ކަންކަމަށް ބިން ދޫކުރާނެ ގޮތް ކިޔުމިގެ ބަދަލުގައި ބިނާވެށި ކިޔާފައިވަނީ ކީއްވެތޯ ވަނީ ސުވާލުކުރައްވާފައެވެ. އަދި ފުރަތަމަ ކަމަކަށް ބިލުގެ ނަން ބަދަލުކުރުމަށް ހުށައަޅާ ކަމަށް މެމްބަރު ވިދާޅުވިއެވެ.

