އެއްބަސްވުމާއި އެއްގޮތަށް ފައިސާ ނުދައްކާތީ ދޯންޏަކަށް އަރައި ރޭ ހަމަނުޖެހުން ހިންގަން އުޅުނު މައްސަލައެއް ބަލަމުންދާކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުން ބުނެފައިވަނީ ރޭގެ 11:55 ހާއިރު ވަޑިނޮޅު ކަނޑުގައި އޮތް މަސްދޯންޏަކަށް ބަޔަކު ލޯންޗެއްގައި ގޮސް އަރާފައިވާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ.
އެ މައްސަލައާ ގުޅިގެން ފުލުހުން މައުލޫމާތު ސާފުކުރުމުން، އެ ދޯނި ލ. ގަމު ތުނޑިއަށް ކައިރިކޮށްފައިވާ ކަން އެނގިފައިވާ ކަމަށް ފުލުހުން ބުންޏެވެ. ފުލުހުން ބެލި ބެލުމުން އެ ލޯންޗަށް ބަޔަކު އެރިކަން ހުރިކަންވެސް ފުލުހުން ބުނެފައިވެ އެވެ.
ފުލުހުން ބުނެފައިވަނީ ދޯންޏަށް ބަޔަކު ދިޔައިރު ގެންދިޔަ ކަމަށް ބެލެވޭ ތޫނު އެއްޗެހި ދޯނިތެރޭ ހުރި ކަމަށެވެ. އެހެންކަމުން އެތަކެތި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.
މިހާތަނަށް އެނގިފައިވާ ގޮތުގައި މިދޯންޏަށް އެމީހުން އަރާފައިވަނީ، މި ދޯންޏަކީ އެއްބަސްވުމެއްގެ ދަށުން ގަނެފައިވާ ދޯންޏަކަށްވެފައި އެއްބަސްވުމަށް އަމަލުނުކުރާކަމަށް ބުނެއެވެ.
މިމައްސަލަ ތަހުޤީޤުކޮށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމުގެ މަސައްކަތް ފުލުހުން ކުރަމުންދާކަމަށް ވަނީ ބުނެފައެވެ.

