ޑްރޯނެއް ބޭނުން ކޮށްގެން މާފުށީ ޖަލުގެ ތެރެއަށް ބަޔަކު ވައްދަން އުޅުނު ފޯނުތަކެއް ހިފަހައްޓައިފި އެވެ.
ކޮމިޝަނާ އޮފް ޕްރިޒަންސް އަހުމަދު މުހައްމަދުފުޅު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޑްރޯންއެއް ބޭނުން ކޮށްގެން މާފުށީ ޖަލަށް އިލެކްޓްރޯނިކް ސާމާނުތަކެއް ވައްދަން އުޅެނިކޮށް ހުއްޓުވާފައިވާ ކަމަށެވެ.
އޭނާ ވިދާޅުވީ ޑްރޯނެއްގެ އެހީގައި ޖަލަށް ވައްދަން އުޅުނު އަށް ފޯނާއި، ހަ ޗާޖަރާއި، ވައިފައި ރައުޓަރަކާއި، ޔޫއެސްބީ ކޭބަލްތަކާކާއި ދެ ސިމް ކާޑު ކަމަށެވެ. އެ ތަކެތީގެ ފޮޓޯ ވެސް އޭނާ ހިމަނުއްވާފައި ވެއެވެ. އެހެން ނަމަވެސް އޭގެ ތެރޭގައި ޑްރޯންގެ ފޮޓޯއެއް ނެތެވެ. އޭނާގެ ޓްވީޓާ ގުޅިގެން ބައެއް މީހުން އެ ޑްރޯން ކޮބައިތޯ ސުވާލުވެސް ކޮށްފައި ވެއެވެ.

