އޭނާ އަކީ އަބަދުވެސް އެމްޑީޕީގައި ހުންނަ މީހެއް ކަމަށާއި މިރޭ އެދުނަސް އެޕާޓީއާ ގުޅިވަޑައިގަންނަވާނެ ކަމަށް އެޕާޓީގެ ކުރީގެ ޗެއާޕާސަން އަދި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނައިބު ރައީސް މޫސާ މަނިކު ވިދާޅުވެއްޖެއެވެ.
ސަންގު ޓީވީގެ ”ހަބަރަށްފަހު“ ޕްރޮގްރާމުގައި ރޭ މޫސަ ވިދާޅުވީ އޭނާއަކީ އަބަދުވެސް ސިޔާސީ މަސައްކަތްކުރާ ހިތްވާ ބޭފުޅެއް ކަމަށާއި މިހާރުވެސް ސިޔާސީ ހަރަކާތްތަކުގައި ބައިވެރިވާން ބޭނުންވާ ކަމަށެވެ.
މޫސަ ވިދާޅުވީ އޭނާ އެމްޑީޕީން ބޭރުކޮށްލި ސަބަބު އަދިވެސް ނޭނގޭ ކަމަށާއި އެހެންކަމުން އަލުން އެމްޑީޕީއާ ގުޅިވަޑައިގަންނަވާނީ ޕާޓީގެ މެމްބަރުން އެކަމަށް އެދިގެން އައުމުން ކަމަށެވެ. އަދި މިރޭ އެދުނު ނަމަވެސް އެޕާޓީއާ ގުޅިވަޑައިގަންނަވަން ތައްޔާރަށް ހުންނެވި ކަމަށް މޫސަ ވިދާޅުވިއެވެ.
”އެމްޑީޕީގެ ރައީސް[ނަޝީދު] އާއި ގައުމުގެ ރައީސް[ސޯލިހް] އަޅުގަނޑާ ރައްޓެހިވުމަކީ އެމްޑީޕީ މީހުން ދެކޭ ގޮތެއް ނޫން. އެމްޑީޕީ ތެރޭގައި އަޅުގަނޑު ދެކެ ރުޅި އަންނަ ބަޔަކުވެސް ތިބެދާނެ އިނގޭތޯ. އަޅުގަނޑަކީ އެމްޑީޕީއަށް ބޭނުން މީހެއްނަމަ އަޅުގަނޑުވެސް ގެންދާނެތާ. އަޅުގަނޑު ބަލައި އަތުވެއްޖިއްޔާ ދާނަން. މިރޭ އަޔަސް،“ މޫސަ ވިދާޅުވިއެވެ.
މޫސަ ވިދާޅުވީ އެމްޑީޕީ މީހުން އޭނާ އަނބުރާ އެ ޕާޓީއަށް ގެންދާނެ ކަމާ މެދު ސުވާލު އުފެދޭ ކަމަށެވެ. ނަމަވެސް ފުރުސަތު ލިބިއްޖެ ނަމަ އެމްޑީޕީއާ ގުޅިވަޑައިގެންފިނަމަ، އެޕާޓީގެ އެތެރޭގެ މައްސަލަތައް ހައްލު ކުރެވޭނެތޯ މަސައްކަތް ކުރައްވާނެ ކަމަށް މޫސަ ވިދާޅުވިއެވެ.
މޫސަ ވިދާޅުވީ އެމްޑީޕީ އެތެރޭގައި ޖެހިފައިވާ މައްސަލަތަކަކީ ހައްލުނުވާނެ މައްސަލަތަކެއް ނޫން ކަމަށާއި އެކަންކަން ހައްލުކުރެވޭނެ ކަމަށެވެ.

