ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަ ކޮށްލަން ދިން ބޮމުގެ ހަމަލާގެ އަޑި ނުހޯދޭ ނަމަ ސަލާމަތީ ފަރާތްތަކަށް އެ ކުރެވެނީ ތަހުގީގެއް ނޫން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީގެ މުގައްރިރު އަދި ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒު ފަހުމީ (އިންތި) ވިދާޅުވެއްޖެއެވެ.
އިންތި ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ، ރައީސް ނަޝީދަށް އަމާޒުކޮށްދިން ޓެރަރިސްޓް ހަމަލާއަކީ އެމަނިކުފާނު މަރާލުމަށް ދިން ހަމަލާއެއްކަމަށެވެ.
އަދި ހަމަލާގެ އަޑި ނުހޯދޭ ނަމަ އެކުރެވެނީ ތަހުޤީޤެއް ނޫން ކަމަށާއި، އެ ޤާއިމުކުރެވެނީ އިންސާފެއް ނޫން ކަމަށް އަދި އެ ހޯދައިދެވެނީ ރައްކާތެރިކަމެއް ނޫން ކަމަށް އިންތި ވިދާޅުވިއެވެ.
ރައީސް ނަޝީދު އެމަނިކުފާނުގެ ގެ ކޮޅުން ނިކުންނަވަނިކޮށް، ސައިކަލެއްގައި ހަރުކޮށްފައި ހުރި އައިއީޑީއެއް ގޮއްވާލައިގެން ދިން މި ޓެރަރިސްޓް ހަމަލާގައި އެމަނިކުފާނަށް ބޮޑެތި އަނިޔާތަކެއް ލިބި ފުރާނައަށް ނުރައްކާވިއެވެ.
އެ ޒަހަމްތަކަށް އޭޑީކޭގައި ފަރުވާ ހޯއްދެވުމަށްފަހު އިތުރު ފަރުވާ އަށް ނަޝިދު މިހާރު ވަޑައިގެން ހުންނެވީ ޖަރުމަނުވިލާތުގަ އެވެ.
މި މައްސަލާގައި ހަތަރު މީހަކު ވެސް ފުލުހުން ވަނީ ހައްޔަރު ކޮށްފައެވެ. އޭގެ ތެރޭގައި ހިމެނެނީ ލ. ގަން ތުނޑި ދުންފިނިއުފާ އަހްމަދު ފާތިހް(23އ) އާއި މއ. ފޭރުގެ، މުޖާޒް އަހުމަދާއި (21އ) ގއ. ކޮނޑޭ، ފޮޅޭމާ، ތަހުމީން އަހުމަދު (32) އަދި ވ. ތިނަދޫ، ހިޔާ، އަހުމަދު އަދުހަމެވެ.


One Response
އަޑި ހޯދަފާނެތީ އޭނަ ތެޅިފޮޅެނީ! ތަހުގީގަށް ހުރަސް އަޅަން ކުރެވުނުހާ ކަމެއް ކޮށް ދެއްކުނުހާ ވާހަކައެއް ދައްކަނީ! މީނަ މިކިޔަނީ ކޯޗެކޭ!