ޖިންސީ ގޯނާގެ ތުހުމަތުގައި ޓޫރިޒަމް މިނިސްޓަރުކަމުން ވަކި ކުރި އަލީ ވަހީދަށް އުފުލާފައިވާ ޖިންސީ ގޯނާގެ ދައުވާތަކުގެ ޝަރީއަތުގެ އަޑުއެހުމެއް މާދަމާއަށް ތާވަލުކޮށްފި އެވެ.
މާދަމާގެ އަޑުއެހުން ކްރިމިނަލް ކޯޓުގައި ތާވަލު ކޮށްފައިވަނީ މެންދުރުފަހު 3:00 އަށެވެ.
މައްސަލައިގެ އަޑުއެހުމެއް ކްރިމިނަލް ކޯޓުން ތާވަލުކޮށްފައި މިވަނީ، ޝަރީއަތް އޮންލައިންކޮށް ކުރިޔަށް ނުގެންދެވޭނެކަމަށް ބުނެ ޕްރޮސެކިއުޓާރ ޖެނެރަލްގެ އޮފީހުގެ ފަރާތުން ހައިކޯޓަށް ހުށަހެޅި އިސްތިއުނާފު ބޭރުކޮށްލާފައި ވަނިކޮށެވެ. ކޯޓުން އެ މައްސަލަ ބޭރުކޮށްލީ މިދިޔަ ބުރާސްފަތި ދުވަހު އެވެ.
ޝަރީއަތް އޮންލައިންކޮށް ކުރިޔަށް ގެންދިއުމަކީ، އަމަލު ކުރެވޭނެ އުސޫލެއް ނޫންކަމަށް ތަކުރާރުކޮށް ދައުލަތުގެ ފަރާތުން ފާހަގަކުރާއިރު އެންމެ ފަހުން ވެސް މައްސަލަ ކުރިޔަށް ގެންދިޔައީ އަލީ ވަހީދު ލަންޑަނުގައި ހުންނަ ރާއްޖޭގެ ހައިކޮމިޝަނަށް ހާޒިރުވެގެންނެވެ. އެ ދުވަހުގެ ޝަރީއަތުގައި ދައުލަތުގެ ފަރާތުން ވަޑައިގެންނެވި، ޕްރޮސެކިއުޓާރ ޖެނެރަލް ހުސެއިން ޝަމީމާއި އަލީ ވަހީދާއި ދެމެދު ބަހުގެ ހަމަލާތަކެއް ރައްދު ކުރެވުނެވެ.
ދާދިފަހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޕީޖީ ޝަމީމް ވިދާޅުވީ ރާއްޖޭގެ ގާނޫނު ނުހިނގާ ތަނެއްގައި ހުރި މީހެއްގެ މައްޗަށް ވީޑިއޯ ކޮންފަރެންސްކޮށް ޖިނާއީ މައްސަލައެއްގެ ޝަރީއަތުގެ އަޑުއެހުމެއް ބޭއްވި މިއީ ފުރަތަމަ ފަހަރު ކަމަށެވެ. އަދި މިއީ ޖިނާއީ އިޖުރާއަތުގެ ގާނޫނު ދަންނަކަމެއް ނޫންކަމަށް ވެސް ޝަމީމް ވިދާޅުވި އެވެ.
ޖިންސީ ގޯނާގެ ދައުވާތަކުގެ އިތުރު އަޑުއެހުމެއް ކޯޓުން ތާވަލު ކުރިއިރު، ޕީޖީގެ ފަރާތުން ވަނީ އަލީ ވަހީދުގެ ޕާސްޕޯޓު ހިފަހައްޓައިދިނުމުގެ އިތުރު އަމުރަކަށް އެދިފަ އެވެ. އެއާއި އެއްގޮތަށް ކްރިމިނަލް ކޯޓުން އަމުރު ނެރެދީފައިނުވާތީ، ދައުލަތުން ވަނީ އެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފުކޮށްފަ އެވެ.
އަލީ ވަހީދު މިވަގުތު ހުންނެވީ ރާއްޖެއިން ބޭރުގައިކަމުން، އެންމެ ފަހުން އެތެރެވީ ގައުމެއް ހޯދުނަސް އޭނާ ދިރިއުޅެމުންދާ އެޑްރެހެއް ހޯދުމަކީ ފަސޭހަކަމެއް ނޫނެވެ. އެކަމަށް އިޝާރާތްކޮށް ޝަމީމް ވިދާޅުވީ، އެކަމަށް އޮތް ހައްލަކީ އިންޓަޕޯލް ރެޑް ނޯޓިސްއެއް ނެރުންކަމަށެވެ.
އަލީ ވަހީދުގެ ޕާސްޕޯޓު ދޫކޮށްލި މައްސަލައިގައި ހިމެނޭ ގާޒީގެ މައްސަލަ ޕީޖީން ވަނީ ޖުޑިޝަލް ސާވިސް ކޮމިޝަނަށް ވެސް ހުށަހަޅާފައެވެ.
އަލީ ވަހީދަކީ ފިލުމުގެ ފުރުސަތު އޮތް މީހެއްކަމުން، އެ ފުރުސަތު ޓްރެވެލް ޑޮކިއުމެންޓެއްގައި ނޫން ގޮތަކަށް ނުދިނުމަށް ދައުލަތުން ހުށަހެޅި ނަމަވެސް ކްރިމިނަލް ކޯޓުގައި މައްސަލަ ބެއްލެވި ގާޒީ ނިންމެވީ މައިބަދައިގެ އޮޕަރޭޝަނަށް އަލީ ވަހީދުގެ ޕާސްޕޯޓު ދޫކުރުމަށެވެ. ބޭނުން ގައުމަށް ދިއުމަށް އަލީ ވަހީދަށް ދިނުމުން، އެނާއާއި އެކު ޖާމިނުވެފައި ވަނީ އަލީ ވަހީދުގެ ގާތް އެކުވެރިޔާ އަދި ޔޫތް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އައްސަދު އަލީ (އަޑުބަރޭ) އެވެ.
އަލީ ވަހީދުގެ މައްޗަށް އުފުލާފައިވާ ދައުވާތަކުގެ ތެރޭގައި ހިމެނެނީ، ޖިންސީ އަނިޔާ ކުރުމުގެ ކުށުގެ ދައުވާއާއި، ރޭޕްކުރަން އުޅުމުގެ ކުށުގެ ދައުވާއާއި، ބޭއަދަބީ ގޮތުގައި ޖިންސީ ގުނަވަން ހާމަކުރުމުގެ ކުށުގެ ދައުވާ އާއި، ޖިންސީ ގޯނާކުރުމުގެ ކުށުގެ ދައުވާއާއި، ޖިންސީ ގޯނާކުރަން އުޅުމުގެ ކުށުގެ ދައުވާގެ އިތުރުން، ހުއްދަ ނޫން ޖިންސީ މުއާމާލަތެއް ހިންގުމަށް އެދުމުގެ ކުށުގެ ދެ ދައުވާއެކެވެ. މި ދައުވާތައް އަލީ ވަހީދުގެ މައްޗަށް ސާބިތުވެއްޖެނަމަ، މަދުވެގެން 21 އަހަރުގެ ޖަލު ހުކުމެއް އަންނާނެއެވެ.

