ފުލުހުންގެ ހަތް އޮފިސަރަކު ވަކިކުރަން ފެންނަ ކަމަށް ޕޮލިސް ބޯޑުން ނިންމާފައިވާ ނިންމުމާ އެއްގޮތައް ބައެއް އޮފިސަރުން ވަކިކޮށް އަނެއް ބައި އޮފިސަރުންނަށް ނޯޓިސް ދީފި އެވެ.
ފުލުސް އޮފިސަރުން ވަކިކޮށްފައި މިވަނީ އޮފިސަރުން އެކަމާ ދެކޮޅަށް ސިވިލް ކޯޓަށް ހުށަހެޅި މައްސަލާގައި ޑިސްޕިއުޓް ރިޒޮލިއުޝަން މަރުހަލާ ނުވަތަ ޝަރީއަތުން ބޭރުން މައްސަލަ ނިންމަން ދައުލަތް ދެކޮޅު ހެދުމުން މައްސަލަ ޝަރީއަތަށް ފޮނުވަން ނިންމާފައިވަނިކޮށެވެ.
ޕޮލިސް ބޯޑުގެ ނިންމުމާ އެއްގޮތައް ފުލުހުންގެ ވަޒިފާގައި ބައިތިއްވަން ނުފެންނާތީ ވަޒީފާއިން ވަކިކޮށްފައިވަނީ ޕޮލިސް އެސިސްޓެންޓް ކޮމިޝަނަރުގެ މަގާމުގައި ތިއްބެވި މުހައްމަދު ޖަމްޝީދާއި އަހްމަދު މުހައްމަދު (ޓޫފޯ) އެވެ. އެ ދެމީހުނަށް ވަނީ ވަޒީފާއިން ވަކިކުރި ކަމުގެ ޗިޓް މިހާރު ހަވާލުކޮށްފަ އެވެ. އަދި ހަތަރު އޮފިސަރަކަށް ވަޒީފާއިން ވަކިކުރަން ނިންމާ 10 ދުވަހުގެ ނޯޓިސް ހަވާލުކޮށްފައިވާ ކަމަށް މައުލޫމާތު ލިބެ އެވެ.
ފުލުހުންގެ އޮފިސަރުންތަކެއް ވަކިކުރަން ފުލުހުންގެ ބޯޑުން ލަފާ ދީފައިވާ ގާނޫނާ އެއްގޮތަށް ކަން ޔަގީން ކުރުމަށްޓަކައި އެ މައްސަލަ ވަނީ މަޖިލީހުގެ 241 ކޮމިޓީ އަށް ވެސް ހުށަހަޅާފަ އެވެ.
ފުލުހުންގެ ވަޒީފާއިން ވަކިކުރަން ފެންނަ ކަމަށް ނިންމާފައިވާ ހަތް އޮފިސަރުންގެ ތެރޭގައި ތިން އެސިސްޓެންޑް ޕޮލިސް ކޮމިޝަނަރުން ހިމެނެ އެެވެ. އެއީ އެސިސްޓެންޓް ކޮމިޝަނާ ފަރުހާދު ފިކުރީ އާއި އެސިސްޓެންޓް ޕޮލިސް ކޮމިޝަނަރު މުހައްމަދު ޖަމްޝީދު އަދި އެސިސްޓެންޓް ކޮމިޝަނާ އަހްމަދު މުހައްމަދު (ޓޫފޯ) އެވެ
ދެން ހިމެނެނީ ޗީފް ސުޕްރިންޓެންޑެންޓް އަހްމަދު ޝުހާދާއި ޗީފް ސުޕްރިންޓެންޑެންޓް އަބްދުﷲ ޝަރީފުގެ އިތުރުން
ސުޕްރިންޓެންޑެންޓް މުހައްމަދު ދާއޫދާއި ސުޕްރިންޓެންޑެންޓް އިސްމާއިލް ޝަމީމެވެ.

