އައު ވިޔަފާރިތައް ރާއްޖޭގެ އިޤްތިޞާދަށް ނެރެދިނުމަށްޓަކައި، ސަރުކާރުން މިހާރުވެސް މި އަންނަނީ އެހީތެރިކަން ފޯރުކޮށްދެމުން ކަމަށާއި ސަރުކާރު އަބަދުވެސް އޮންނާނީ، ޕްރައިވެޓް ސެކްޓަރގެ ބައިވެރިއެއްގެ ގޮތުގައި ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހް ވިދާޅުވެއްޖެއެވެ.
ރައީސް ޞާލިހް މިހެން ވިދާޅުވީ ”ގޯލްޑް 100“ އެވޯޑް ޙަފްލާގައި ރޭ ވާހަކަފުޅު ދައްކަވަމުންނެވެ.
ރާއްޖޭގައި މިއޮތީ ދުނިޔޭގެ ފެންވަރުގައިވެސް ފާހަގަކޮށްލެވޭ ފަތުރުވެރިކަމެއް ކަން ފާހަގަ ކުރައްވަމުން ރައީސް ވަނީ ކޯވިޑުގެ ބަލިމަޑުކަން ފެތުރެން ފެށުމާއެކު، ރާއްޖޭގެ ރިޒޯޓުތަކާއި ގެސްޓްހައުސްތައްވެސް ފަޅުވެގެންދިޔަ ހަނދާންތައް އާކުރައްވާފައެވެ. ފުރަބަންދަކަށްފަހު ފުރަބަންދެއް އިޢުލާނު ކުރުމުން، ހޮޓާތަކާއި ރެސްޓޯރަންޓްތައްވެސް ބަންދުކުރަން ޖެހުނުކަން ފާހަގަ ކުރައްވާ ރައީސް ވިދާޅުވީ މިއަދު އަޅުގަނޑުމެންގެ އިޤްތިޞާދީ ޙަރަކާތްތައް އަލުން ފަށާފައިވިޔަސް، މި ބަލިމަޑުކަމުން އަޅުގަނޑުމެންނަށް އަދި މުޅިން އަރައިނުގަނެވޭ ކަމަށެވެ. ”ނަމަވެސް، އުންމީދުގެ ހުޅުކޮޅެއް، ލޮލުކޮޅުން މިހާރު އެބަ ފެނޭ. މިހާރު ރާއްޖެއަށް ފަތުރުވެރިން ޒިޔާރަތްކުރާ ނިސްބަތް ހުރީ، ކޯވިޑުގެ ކުރިން ޢާންމުކޮށް ފަތުރުވެރިން ޒިޔާރަތްކުރާ މިންވަރާ އަޅައިބަލާއިރު 70 އިންސައްތައިގައި.“ ރައީސް ވިދާޅުވިއެވެ.
ކޯވިޑުގެ ސަބަބުން ލިބުނު ގެއްލުންތައް ފޫބެއްދުމަށް، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކުން، މިހާރުވެސް އަންނަނީ ވަރަށް ބުރަ މަސައްކަތްތަކެއް ކުރަމުން ކަން ފާހަގަ ކުރައްވާ ރައީސް ވިދާޅުވީ އޭގެ ނަތީޖާވެސް އިރާދަކުރެއްވިއްޔާ މަޑުމަޑުން އެބަ ފެންނަކަމަށެވެ. ”އިޤްތިޞާދީ އަޑިގަނޑުގައި އަޅުގަނޑުމެން ދެއަތް އުރާލައިގެން ތިބީކީ ނޫން. އައު ވިޔަފާރިތައްވެސް އަންނަނީ މަޑުމަޑުން އުފެދެމުން. އިރާދަކުރެއްވިއްޔާ، އަޅުގަނޑުމެން މިދަނީ ކުރިއަށް. އަޅުގަނޑުމެން މި އަންނަނީ އިޤްތިޞާދު އަލުން އިޢާދަކުރަމުން.“ ރައީސް ވިދާޅުވިއެވެ.
ކޯވިޑުގެ އެންމެ ދަތި ދުވަސްވަރުވެސް، ރާއްޖޭގެ ވިޔަފާރިތައް ދެމެހެއްޓުމަށް، ސަރުކާރުން ވަރަށް ބޮޑު އިސްކަމެއްދިނިން ކަމަށް ރައީސް ވިދާޅުވިއެވެ. ”ބޮޑެތި ވިޔަފާރިތަކަށާއި، ކުދި ވިޔަފާރިތަކަށްވެސް، ސަރުކާރުން އެހީތެރިކަން ފޯރުކޮށްދެމުން ގެންދިޔައިން. އަދި ހަމަ އެ ދަތި ހާލުގައިވެސް، އިޤްތިޞާދު ދެމެހެއްޓުމަށްޓަކައި ވަރަށް ބުރަ މަސައްކަތްތަކެއް، ވިޔަފާރިތަކުން ކުރަމުން ގެންދިޔަކަން އަޅުގަނޑު މި ފުރުޞަތުގައި ފާހަގަކުރަން.“ ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ މިރޭގެ މި ޙަފްލާގައި އެވޯޑް ޙާޞިލްކުރާ ވިޔަފާރިތަކަކީ، ކާމިޔާބު ހަރުދަނާ ވިޔަފާރީގެ ނަމޫނާތަކެއް ކަމަށެވެ. އެއީ، ހަމައެކަނި ފައިދާއަށްޓަކައި ހިންގާ ވިޔަފާރިތަކެއް ނޫން ކަމަށާއި އެއީ، އީޖާދީ އުފެއްދުންތެރިކަމާއެކު، ކުރިމަގަށް ވިސްނައިގެން ހިންގާ ވިޔަފާރީގެ ނަމޫނާތަކެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

