މިނިސްޓްރީ އޮފް ޖެންޑަރ، ފެމެލީ އެންޑް ސޯޝަލް ސަރވިސަސްއާއި، ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ހައްޤުތައް ހިމާޔަތްކުރާ ކައުންސިލާ ގުޅިގެން ކޮންމެ 2 އަހަރުން 1 އަހަރު ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި، އެމީހުންގެ ލާބަޔަށް މަސައްކަތްކުރާ ފަރާތްތަކަށް ހިތްވަރު ދިނުމުގެ ގޮތުން ދޭ އެވޯޑެއް ކަމަށްވާ ރިވެލި އެވޯޑު ފެނަކައިން ހާސިލުކޮށްފިއެވެ.
ފެނަކައިން މި އެވޯޑު ހާސިލު ކޮށްފައިވަނީ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ހާލަތު ރަނގަޅުކުރުމަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ދާއިރާއިން މިއަހަރު ފެނަކަ ކޯޕަރޭޝަނުން ކުރި މަސައްކަތްތަކަށެވެ.
ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަކީ މުޖުތަމައުގައި ބޭނުންތެރި ބަލައިގަންނަ ބަޔަކަށް ހަދައި، އެފަރާތްތަކުގެ އެކިއެކި ހުނަރުތައް ތަރައްގީކުރުމަށް މަގުފަހިކޮށްދީ، އެހުނަރުތައް މަސައްކަތުގެ ދާއިރާގައި ބޭނުންކުރާނެ ފަހި ފުރުސަތުތަކެއް ތަނަވަސްކޮށްދިނުމަށާއި، އެފަދަ ފަރާތްތައް މުޖުތަމައުން އެކަހެރިކުރެވެމުން ދިޔަދިޔުން ނިމުމަކަށް ގެނެސް، އިންސާނީ ހައްގުތަކުގެ ރޮނގުން އެފަރާތްތަކަށް ލިބެންޖެހޭ ހައްގުތައް ލިބިދެވޭކަން ކަށަވަރުކުރުމުގެ ގޮތުން ފެނަކައިން ގިނަ މަސައްކަތްތަކެއް ކުރެވެއެވެ.
އެގޮތުން މިކުންފުނިން ކޮންމެ ރަށެއްގައި ތިބި އެފަދަ ފަރާތްތައް ދެނެގަނެ، ކަމާގުޅޭ އިދާރާތްތައް މެދުވެރިކޮށް އެ ފަރާތްތަކުގެ މައުލޫމާތު ވަޒަންކޮށް، އެފަރާތަކަށް އެވަގުތައް ބޭނުންވާ އެންމެ އެކަށީގެންވާ އެހީތެރިކަން ފޯރުކޮށްދެމުންދާއިރު، އޭގެތެރޭގައި މައިގަނޑު ގޮތެއްގައި ހިމެނެނީ ކުންފުނިން އެފަރާތަކަށް އެންމެ އެކަށީގެންވާ ވަޒީފާއެއް ހަމަޖައްސައިދިނުން ނުވަތަ އެފަރާތެއްގެ ހުނަރު ތަރައްގީކުރުމަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމެވެ.
ފެނަކައިން ބުނެފައިވަނީ ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ވަޒީފާ ހަމަޖައްސައިދިނުމަށްފަހު އެފަރާތްތައް ވަޒީފާގައި ގެންގުޅޭއިރު، މުވައްޒަފުންނަށް ލިބިދޭންޖެހޭ ހައްގުތައް ލިބިދިނުމުގައި އެއްވެސް މިންވަރަކަށް އެހެން މުވައްޒަފުންނާއި ތަފާތުކުރުން ނުގެންގުޅޭކަމަށެވެ. އަދި ކުރިއަށް އޮތްތަނުގައި މިހާރަށްވުރެ ފުޅާ ދާއިރާއެއްގައި އެފަދަ ފަރާތްތަކަށް އެހީތެރިވެވޭނެ ގޮތްތަކެއް ރާވަމުންދާކަންވެސް ފާހަގަކުރިއެވެ.
ރިވެލި އެވޯޑްގެ ފަހުރުވެރި އުފާ ފެނަކައަށް ލިބުމާއި އެކު، ކުންފުނިން ވަނީ ނުކުޅެދެންތެރިކަން ހުންނަ ފަރާތްތަކާ ގުޅިގެން މިކުންފުނިން ނިންމާ އެންމެހައި ނިންމުންތަކަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ދެއްވަމުންގެންދަވާ އަގުހުރި ލަފަޔާއި އިރުޝާދު ފާހަގަކޮށް އެމަނިކުފާނަށް ޝުކުރު ދަންނަވާފައެވެ.

