ހުޅުމާލެއަށް ހިނގަނީ މާލެ ސިޓީ ކައުންސިލްގެ އިހްތިސާސް ކަމަށާއި ހުޅުމާލެއަކީ މާލެ ސިޓީ ކައުންސިލްގެ މިލްކިއްޔާތެއް ނޫންކަމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)އިން ބުނެފިއެވެ.
އެޗްޑީސީއިން ހުޅުމާލޭގެ ދެވަނަ ފިވަހިން ވިޔަފާރި އުސޫލުން ބިން ވިއްކުމަށް ނިންމުމާއި ގުޅިގެން ސިޓީ ކައުންސިލްއިން ވަނީ ބަޔާނެއް އާންމުކޮށް އެނިންމުމަށް ފާޑުކިޔާފައެވެ. އެގޮތުން ސިޓީ ކައުންސިލްއިން ބިން ވިއްކަން ނިންމި ނިންމުމަކީ ލާމަރުކަޒީ ގާނޫނާއި ޚިލާފަށް ނިންމި ނިންމުމެއްކަމަށް ސިޓީ ކައުންސިލްއިން ބުނެއެވެ.
ސިޓީ ކައުންސިލްއިން ބުނީ އެ ނިންމުން ނިންމީ މާލޭ ސިޓީ ކައުންސިލްގެ އެއްވެސް ބަހެއް ނެތި ކަމަށާއި ގޯތިގެދޮރުގެ މުހިންމުކަން ބޭނުންވެފައިވާ މާލޭގެ ގިނަ ރައްޔިތުން ތިއްބައި، އެފަދަ މީހުންނަށް ގޯތިގެދޮރު ލިބޭނެ ފުރުސަތު ނުދީ، މިއީ ހަމައެކަނި މުއްސަނދިންނަށް ހުޅުވާލި ފުރުސަތެއް ކަަމަށެވެ. މާލޭ ސިޓީ ކައުންސިލްގެ ނަޒަރުގައި އެޗްޑީސީގެ ނިންމުމަކީ އެ ކުންފުނީގެ އާމްދަނީ އިތުރު ކުރުމަށް ނިންމި ނިންމުމެކެވެ. އަދި އެއީ ލާމަރުކަޒީ ގާނޫނާ ވެސް ހިލާފު ނިންމުމެކެވެ.
މިވާހަކަތަކަށް ރައްދު ދީ ސިޓީ ކައުންސިލްއިން އާންމުކުރި ބަޔާނުގައި ބުނެފައިވަނީ ހުޅުމާލެއަކީ މާލެ ސިޓީ ކައުންސިލްގެ އިހްތިސާސްގައިވާ ތަނެއްކަމަށެވެ. އަދި އެއީ ސިޓީ ކައުންސިލްގެ މިލްކިއްޔާތުގައިވާ ތަނެއް ނޫންކަމަށްވެސް އެޗްޑީސީއިން އާންމުކުރި ބަޔާނުގައިވެއެވެ. ސިޓީ ކައުންސިލްއިން އާންމުކުރަމުންދާ މިފަދަ ބަޔާންތަކުގެ ސަބަބުން ކުންފުންޏަށް ގެއްލުންވަމުންދާކަމަށްވެސް އެޗްޑީސީގެ ބަޔާނުގައިވެއެވެ.
އެޗްޑީސީއިން އާންމުކުރި ބަޔާނުގައި ބުނެފައިވަނީ ބީލަމަށް ހުޅުވާލާފައިވާ 60 ބިމުގެ ޤާނޫނީ މިލްކުވެރި ފަރާތަކީ އެޗްޑީސީ ކަމަށެވެ. އަދި މިލްކުވެރި ފަރާތުގެ ހައިސިއްޔަތުން އެބިމުން ތަސައްރުފް ކުރުމުގެ ފުރިހަމަ ބާރާއި އިޚްތިޔާރު ކޯޕަރޭޝަނަށް ލިބިދީފައިވާކަމަށް ކޯޕަރޭޝަނުން ބުނެއެވެ. ހުޅުމާލޭގެ ބިމަކީ ކައުންސިލުގެ އިދާރީ އިޙްތިޞާޞް ހިނގާ ސަރަހައްދުގައި ވާ ބިމެއްކަމަކު، ހުޅުމާލެ ބިމަކީ މާލެ ސިޓީ ކައުންސިލުގެ މިލްކުވެރިކަން އެބިމުގެ މައްޗަށް ހިނގާނެ ބިމެއް ނޫންކަން ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނަށް ބެލުމުން އެނގޭކަމަށްވެސް އެޗްޑީސީގެ ބަޔާނުގައިވެއެވެ.
މީގެ އިތުރުން އެޗްޑީސީއަކީ ކުންފުންޏާއި ބެހޭ ޤާނޫނުގެ ދަށުން ރަޖިސްޓަރީ ވެފައިވާ، އުފުލޭ މުދަލާއި ނުއުފުލޭ މުދާ ގާނޫނު ހުއްދަ ކުރާ ގޮތުގެ މަތިން ހޯދުމާއި ލިބިގަތުމާއި، ދެމިގެންވާ ގޮތަށް މުދާ ލިބިގަތުމުގެ ޤާނޫނީ ހައްގު ލިބިދީފައިވާ ވަކި ގާނޫނީ ޝަޚްސަކަށް ވީހިނދު، ކުންފުނީގެ މުދަލެއް ކަމުގައިވާ ހުޅުމާލޭގެ ދެވަނަފިޔަވަހީގެ ބިން ވިއްކުމުގެ ފުރިހަމަ އިޚްތިޔާރު އެކުންފުންޏަށް
ލިބިފައިވާކަމަށް އެޗްޑީސީއިން ބުނެއެވެ. އެހެންކަމުން، ދިވެހިރާއްޖޭގައި ހެދިފައިވާ ޤާނޫތަކާއި ޤަވާއިދު ތަކުގެ ދަށުން ކުންފުންޏަށް ލިބިފައިވާ ޤާނޫނީ ހައްގަކަށް އުނިކަން އަންނާނެ، އަދި އިންވެސްޓަރުންގެ މެދުގައާއި އާންމު ފަރުދުންގެ މެދުގައި މިކުންފުނީގެ އިތުބާރުގެއްލޭ ގޮތަށް މާލެ ސިޓީ ކައުންސިލުން ނެރެފައިވާ ބަޔާނަކީ އޭގައި ހަގީގަތާއި ޚިލާފު އޮޅުވާލުންތަކެއް ހިމެނޭ ބަޔާނެއްކަމަށާއި އެކަން އެކޯޕަރޭޝަނުން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރާކަމަށް ބަޔާނުގައިވެއެވެ.
ހަމައެއާއެކު ހުޅުމާލޭގެ ދެވަނަ ފިޔަވަހިން ގޯތި ވިއްކަން މިކޯޕަރޭޝަނުން ނިންމި ނިންމުމަކީ ޤާނޫނާއި ޚިލާފް ނިންމުމެއްކަން މާލެ ސިޓީ ކައުންސިލުން ބުނެފައިވާ ބުނުމަކީ، މިކޯޕަރޭޝަންގެ ފަރާތުން މާލެ ސިޓީ ކައުންސިލްގެ މައްޗަށް ދިވެހިރާއްޖޭގެ ސިވިލް ކޯޓަށް ހުށަހަޅާފައިވާ މައްސަލާގައި ސިވިލްކޯޓުން ނެރެފައިވާ ވަގުތީ ޢަމުރުގައި ބަޔާންކޮށްފައިވާ ކަންކަމާއި ޚިލާފު ބަޔާނެއް ކަމަށްވެސް އެޗްޑީސީއިން ބުނެއެވެ. މިގޮތުން ޝަރީއަތުން ވަކިގޮތެއް ކަނޑައަޅުއްވަންދެން، ހުޅުމާލޭގެ ބިމުގެ މިލްކުވެރިފަރާތުގެ ހައިސިއްޔަތުން ކޯޕަރޭޝަނަށް ލިބިދީފައިވާ އެންމެހައި ޤާނޫނީ ހައްޤުތަކާއި، ހުޅުމާލޭގެ ބިމާއި ގުޅިގެން މިކޯޕަރޭޝަނުން ކުރަމުން އައި އެންމެހައި ކަންކަމާއި، ހުޅުމާލެ ތަރައްޤީކުރުމާއި ބެލެހެއްޓުމުގެ ގޮތުން މިކޯޕަރޭޝަނުން ކުރަމުން އައި ކަންކަން، މިމައްސަލަ ވަކިގޮތަކަށް ނިމެންދެން ކުރުން މަތީ ދެމިހުރުމުގެ ހައްޤު މިކޯޕަރޭޝަނަށް ކޯޓުގެ އަމުރުން ލިބިދީފައިވާކަން ކުންފުނިން ފާހަގަކުރެއެވެ.
މީގެ އިތުރުން ދިވެހިރާއްޖޭގެ ކޯޓަކުން މިކަން އެނޫން ގޮތަކަށް ކަނޑަނާޅާ ހިނދަކު މިއެންމެހައި ހައްގުތައް ގާނޫނީ ގޮތުން މިކޯޕަރޭޝަނަށް ލިބިގެންވާކަމަށްވެސް އެޗްޑީސީއިން ބުނެއެވެ. އަދި މާލޭ ސިޓީ ކައުންސިލުން މިފަހަކަށް އައިސް، މިކޯޕަރޭޝަންގެ ހައްގުތަކަށް އުނިކަން ލިބޭފަދަ ގޮތަކަށް މިފަދަ ބަޔާންތައް ނެރެމުންދިއުމުގެ ސަބަބުން، ކޯޕަރޭޝަނަށް ގެއްލުން ލިބެމުންދާ ކަމަށާއި އެކަންކަން ތަކުރާރު ނުކުރެއްވުމަށް މާލޭ ސިޓީ ކައުންސިލަށް އެޗްޑީސީއިން ވަނީ އިލްތިމާސްކޮށްފައެވެ.

