މި އަހަރުގެ އޮކްޓޯބަރު މަަހުގެތެރޭގައި އަލަށް އާބާދުވި ހުޅުމާލެ ފޭސް ދޭއްގައި ކުށް މަދުކުރުމަށް ހާއްސަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުން ބުނީ ފޭސް ދޭއްގައި ދިރިއުޅޭ ރައްޔިތުންނަށް ފުލުހުންގެ ހިދުމަތް ގާތުން ފޯރުކޮށްދިނުމަށްޓަކައި ދެ ވަނަ ފޭސްގެ ޕޮލިސް ސްޓޭޝަން އިމާރާތް އެޅުމުގެ މަސައްކަތްވ ބާރު ސްޕީޑުގައި ކުރެވެމުންދާ ކަމަށެވެ. އަދި އަންނަ އަަހަރުގެ ކުރީކޮޅު ޕޮލިސް ސްޓޭޝަންގެ މަސައްކަތްތައް ނިންމައި ހިދުމަތްދޭން ފެށޭވަރުވާނެ ކަމަށް ބެލެވެ ކަމަށާއި ސްޓޭޝަނާއެކު، ފުލުހުންދޭ ހުރިހާ ހިދުމަތެއް އެ ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުންނާ ގާތުން ފަހިވެ، އެކަށީގެންވާ އަދަދަށް ފުލުހުންވެސް ހަމަޖެހިގެންދާނެ ކަމަށް ފުލުހުން ބުނެއެވެ.
ފުލުހުން ބުނީ ފޭސް ދެއަކީ ގިނަ ބަޔަކު ޒިޔާރަތްކޮށް އަދި ގިނަ މަސައްކަތްތަކެއްވެސް ކުރަމުންދާ ސަރަހައްދަކަށް ވުމާއެކު ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށް ހާއްސަ ސަމާލުކަމެއްދީގެން ފުލުހުން އެތަނުގައި މަސައްކަތްތަކެއް މިހާރުވެސް ކުރަމުންދާ ކަމަށެވެ. އެގޮތުން، ޕެޓްރޯލްކުރުމާއި ކުށުން ރައްކާތެރިކުރުމަށް ރައްޔިތުންނަށް މައުލޫމާތުދީ ހޭލުންތެރިކުރުވުމުގެ ހަރަކާތްތައް ރާވައި ސިލްސިލާކޮށް ދަނީ ހިންގަމުން ކަމަށް ފުލުހުން ބުނެއެވެ.
ފުލުހުން ބުނީ ހުޅުމާލެ ފޭސް ދެއަކުން ހުށަހެޅޭ މައްސަލަތަަކަށް ބަލާއިރު ގިނައިން ހުށަހެޅެނީ ވައްކަމުގެ މައްސަލަތަކާއި އެކްސިޑެންޓުގެ މައްސަލަތައް ކަމަށާއި ވައްކަމުގެ މައްސަލަތަކުން ގިނައިން ހުށަހެޅިފައިވަނީ މަސައްކަތްކުރަމުންދާ ސައިޓުތަކުން ވައްކަންކޮށްގެން ހުށަހެޅިފައިވާ މައްސަލަތައް ކަމަށެވެ.
އެކްސިޑެންޓުގެ މައްސަލަތަަކަށް ބަލާއިރު އެއްގަމު ދަތުރު ފަތުރުގެ ގާނޫނާއި ގަވާއިދުތަކާ ހިލާފަށް އަމަލުކުރުމުގެ ސަބަބުންނާއި މަގަށް ދޭންވާ އެކަށީގެންވާ ސަމާލުކަން ނުދެވުމާއި ގަވާއިދާ ހިލާފަށް ޔޫޓާން ނެގުމުގެ ސަބަބުން ހިނގާފައިވާ އެކްސިޑެންޓްތައް ފާހަގަކުރެވޭ ކަމަށް ފުލުހުން ބުނެއެވެ. އަދި އެ ސަރަހައްދުގެ މަގުތަކަކީ އެކަށީގެންވާ އަލިކަން ނެތް މަގުތަކަށް ވާއިރު، އުޅަނދުގެ ޓެއިލް ލައިޓް ނުދިއްލި ހުރުމުގެ ސަބަބުން އަދި މަގަށް ދޭންވާ ސަމާލުކަން ނުދިނުމުގެ ސަބަބުން ހިނގާފައިވާ އެކްސިޑެންޓުތައް ކަމަށް ފުލުހުން ބުނެއެވެ.
“ހުޅުމާލެ ފޭސް ދެއަކުން ހުށަހެޅޭ މައްސަލަތައް މަދުކޮށް، އަމާން ރައްކާތެރި ތަނަކަށް ހެދުމަށް މިހާރު ކުރަމުންދާ މަސައްކަތުގެ އިތުރަށް ކުރިއަށް އޮތްތަނުގައި ގިނަ މަސައްކަތްތަކެއް ކުރުމަށް ވަނީ ރާވާފައެވެ. އެގޮތުން، ފުލުހުންނާއި އެޗްޑީސީ އަދި ކަމާ ގުޅުންހުރި ފަރާތްތަކާ އެކު މަސައްކަތްތަކެއް ކުރެވިގެންދާނެއެވެ. ހަމައެއާއެކު އެ ސަރަހައްދުގައި ނެއިބަރހުޑް އޮފިސަރުން ހަރަކާތްތެރިވާން ފެށުމާއި، ގޭބިސީތަކަށް ޒިޔާރަތްކޮށް މައުލޫމާތު ދިނުމާ އަދި އެހެނިހެން ކުށްތައް ދެނެގަނެ އެ ކަންކަން ހައްލުކުރުމަށް ރައްޔިތުންނާ ގާތުން މަސައްކަތް ކުރަމުންދާނެއެވެ. އަދި ކުށްމަދުކުރުމާއި ކުށުގެ ޝިކާރައަކަށްވުމުން ދުރުކުރުމަށް އަމިއްލަ ސަލާމަތާއި ރައްކާތެރިކަމަށް ކުރެވިދާނެ ކަންކަމުގެ މައުލޫމާތު ރައްޔިތުންނާ ހިއްސާކުރަމުން ގެންދާނެއެވެ. އަދި ހޭލުންތެރިކުރުވުމަށް މައުލޫމާތު ދިނުމުގެ ޕްރޮގްރާމްތައް ހިންގުމާއި ކުށްތަކަށް މަގުފަހިވާނެ ކަންކަން ދެނެގަނެ އެ ކަންކަން ހައްލުކުރުމަށް ރައްޔިތުންނާ ގުޅިގެން މަސައްކަތްކުރުމަށްވެސް ހަމަޖެހިފައިވެއެވެ.” ފުލުހުން ބުނެއެވެ.
ފުލުހުން ބުނީ ކުށްމަދު އަމާން ވެއްޓެއް ގާއިމުކުރެވިގެންދާނީ ފުލުހުންނާއި ރައްޔިތުން ގުޅިގެން ކުރެވޭ މަސައްކަތުންކަމަށާއި، ހުޅުމާލޭ ފޭސް ދޭއްގައިވެސް ކުށްމަދުކޮށް، ރައްކާތެރި އަމާން މާހައުލެއް ގާއިމުކުރުމަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގައި އާންމު ރައްޔިތުންގެ އެއްބާރުލުމާއި އެހީތެރިކަން ލިބިގެން ދިއުމަކީ މަސައްކަތްތަކަށް ލިބިގެންދާނެ އިތުރު ކުރިއެރުމެއް ކަމަށެވެ. އަދި މިކަމުގައި، އެ ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުންގެ އެހީތެރިކަމާއި އެއްބާރުލުން މިހާރުވެސް ލިބެމުންދާ ކަމަށާއި އެހެންނަމަވެސް މިކަންކަން ހުއްޓުވުމުގައި އިތުރަށް އެހީތެރިކަން ބޭނުންވާ ކަމަށް ފުލުހުން ބުނެއެވެ.
ފުލުހުން ބުނީ، އެކްސިޑެންޓުތަކުން ރައްކާތެރިވުމަށް، އެއްގަމު ދަތުރުފަތުރު ކުރުމުގެ ގާނޫނާއި ގަވާއިދުތަކާ އެއްގޮތަށް ރައްކާތެރިކާމާއެކު އުޅަނދު ދުއްވުން މުހިންމު ކަމަށާއި އުޅަނދު ޕާކުކުރުމުގައިވެސް އެހެން މީހުންނަށް ދަތިނުވާނޭހޭން ޕާކުކޮށްފައި ބެހެއްޓުމަށް ނަސޭހަތްތެރިވާ ކަމަށެވެ. އަދި އުޅަނދު ޕާކުކޮށްފައި ދާއިރު ސައިކަލުގެ މަޑިދަށާއި ޕޮކެޓުގައި އަގުބޮޑެތި ތަކެތި ނުބެހެއްޓުމާއި ސައިކަލު ޕާކުކޮށްފައިދާއިރު ހުންގާނު ތަޅުލުމާއި ޝަޓަރލޮކް ކުރުން މުހިންމު ކަމަށް ފުލުހުން ބުނެއެވެ.
“އޭގެ އިތުރުން، ކުށްމަދު ކުރުމަށްޓަކައި ފަރުދީގޮތުން ކުރެވެންހުރި ކަންކަން ދެނެގަނެ ރައްކާތެރިކަމުގެ ފިޔަވަޅު އަޅައި ކުށަށް މަގުފަހި ނުވާނޭހެން ކަންކަން ކުރަމާ ހިނގާށެވެ. ވައްކަންކުރާ މީހުންނަށް ފުރުސަތު ނުލިބޭނޭހެން މުދަލަށް ރައްކާތެރިވުމާއި ދޮރުތައް ރަނގަޅަށް ތަޅުލާފައި ބެހެއްޓުމަށް އިލްތިމާސްކުރަމެވެ. އެގޮތުން މަސައްކަތް ކުރަމުންދާ ތަންތަނުން މަސައްކަތް ނިންމާފައިދާއިރު، ގެންގުޅޭ ތަކެތި ރައްކާތެރިތަނެއްގައި ބެހެއްޓުމަށް ސަމާލުކަން ދޭންޖެހެއެވެ. އެޕާޓްމަންޓަށް ގޮތްނޭނގޭ މީހުން ނުވެއްދުމާއި ކުޑަކުދިންނާއި އުމުރުން ދުވަސްވީ މީހުން ގޭގައި އެކަނި ތިބޭނަމަ ރައްކާތެރިކަމުގެ ފިޔަވަޅުއެޅުމަށްވެސް އިލްތިމާސްކުރަމެވެ. ބެލްކަނީގައި ކުޑަކުދިން އެކަނި ނުބޭތިއްބުމަށް ނަސޭހަތްތެރިވަމެވެ. އަދި ބެލްކަނީގައި ހުންނަ ގަސްމުށި ފަދަ ތަކެތި ތިރިއަށް ނުވެއްޓޭނޭހެން ރަނގަޅަށް ހަރުކޮށްފައި ބެހެއްޓުމަށްވެސް އިލްތިމާސްކުރަމެވެ. އަދި މަސައްކަތް ކުރުމުގައިވެސް އެހެން މީހުންނަށް އުނދަގޫ ނުވާނޭގޮތަށް އަމަލުތައް ބެހެއްޓުމަށް ނަސޭހަތްތެރިވަމެވެ.” ފުލުހުން ބުނެއެވެ.

