ވެރިކަން ކުރާ މައި ޕާޓީ އެމްޑީޕީގެ ޗެއާޕާސަން ކަމުގެ މަގާމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލް ވާދަކުރައްވާނެކަން ރަސްމީކޮށް އިއުލާން ކޮށްފިއެވެ.
ފައްޔާޒް ކުރެއްވި ޓްވީޓެއްގައި މިކަން ރަސްމީކޮށް އިއުލާނުކުރެއްވިއިރު އިތުރަށް ވިދާޅުވެފައިވަނީ، އަމާޒަކީ ޕާޓީ އިތުރަށް ހަރުދަނާކޮށް، އެމްޑީޕީގެ ހެޔޮވެރިކަން ދެމެހެއްޓުން ކަމަށެވެ.
”ލޮބުވެތި މެމްބަރުންގެ ތާއީދަށް އެދެން.“ ފައްޔާޒްގެ ޓްވީޓްގައިވެއެވެ.
ފައްޔާޒްގެ ޓްވީޓްގައި އިތުރަށް ވިދާޅުވެފައިވަނީ، މި އިންތިހާބުގެ ސަބަބުން ޕާޓީ އިތުރަށް ހަރުދަނާވެގެން ދާނެކަމާމެދު ޝައްކެއް ނެތްކަމަށެވެ.
މައުލޫމާތު ލިބޭ ގޮތުގައި ފައްޔާޒު ވާދަކުރައްވަނީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ އެދިވަޑައިގަތުމަކަށެވެ.
އެމްޑީޕީގެ ޗެއާޕާސން ހޮވުމުގެ އިންތިހާބު ފޯރިގަދަ ވާނެ ކަމަށް ބެލެވޭއިރު ސޯޝަލް މީޑިއާގައި އިންތިގެ ސަޕޯޓަރުންނާއި ފައްޔާޒުގެ ސަޕޯޓަރުން ގެންދަނީ ވަރުގަދަ އަށް ކެމްޕޭން ކުރަމުންނެވެ.
އެމްޑީޕީ ޗެއާޕާސަން މަގާމާއި އަންހެނުންގެ ރޫހު، ޒުވާނުންގެ ހިއްވަރުގެ ރައީސް އަދި ނައިބު ރައީސް ކަމުގެ މަގާމުގެ އިންތިހާބު ބާއްވަން ހަމަޖެހިފައި ވަނީ އަންނަ އޭޕްރީލް މަހުގެ 16 ވަނަ ދުވަހުއެވެ.
މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ބޭއްވި އެމްޑީޕީގެ ގައުމީ މަޖިލީހުގެ ޖަލްސާގައި އެ މަގާމުތަކުގެ އިންތިހާބުގެ އިތުރުން އެ ޕާޓީގެ ޕާލިމަންޓަރީ ގްރޫޕުގެ އިންތިހާބު ވެސް އެ ތާރީގައި ބާއްވަން ވަނީ ފާސްކޮށްފައެވެ.

