މޯލްޑިވްސް ބާސްކެޓްބޯލް އެސޯސިއޭޝަން (އެމްބީއޭ) އާއި ދިރާގާއި ދެމެދު އެއްބަސް ވުމެއްގަ ސޮއިކޮށްފިއެވެ.
އެމްބީއޭއާއި ދިރާގާއި ދެމެދު ވެވުނު މިއެއްބަސްވުމަކީ ކުޅިވަރުގެ ދާއިރާއިން ރާއްޖެގައި ޒުވާނުން އަހުލުވެރި ކުރުވުމަށް ހިންގާ ކެމްޕެއިންގެ ދަށުން ވެވުނު އެއްބަސްވުމެކެވެ. މި އެއްބަސްވުމުގައި ކުޅިވަރުގެ މައިދާނުގަައި ތަފާތު ކުޅިވަރުތަކުގެ ރެފްރީން ތަމްރީންވެ މުޖުތަމައުގައި ހުނަރުވެރި ޒުވާން ރެފްރީއިން ފެނިގެންދާނެއެވެ.
ދިރާގުގެ ސީނިޔަރ މެނޭޖަރ، އަދި މާކެޓިންގ ކޮމިއުނިކޭޝަން މުހައްމަދު މިރުޝާން ހަސަން ވިދާޅުވީ ބާސްކެޓް ބޯޅައަކީ މިހާރު ޒުވާނުންގެ މެދުގައި ވަރަށް ފޯރިޔާއެކު ކުރިއަރަމުން އަންނަ ކުޅިވަރެއްކަމުގައެވެ. އެހެނަމުން މިޕްރޮގްރާމްގެ ދަށުން މިކުޅިވަރަށް ޚާއްސަ ހުނަރުވެރި ޒުވާނުން ތަމްރީން ކުރެވިގެންދާނެކަމަށް ވިދާޅުވިއެވެ.
ވޭތުވެދިޔައަހަރުތަކުގައި، އެ އެސޯސިއޭޝަންއިން ބާއްވާ ޒުވާނުން ތަމްރީން ކުރުމުގެ ޕްރޮގްރާމްތަކުގައި ދިރާގުން ވެދެއްވާ އެހީ އާއި ކުޅިވަރުތައް ކުރިއެރުވުމުގައި އަބަދުވެސް ދިރާގުން ސާޕޯޓު ކުރާތީ އެކަމަށް މޯލްޑިވްސް ބާސްކެޓްބޯލް އެސޯސިއޭޝަންގެ ޕްރެސިޑަންޓް އަހްމަދު އާދަމް ވަނީ ޝުކުރު ދަންނަވާފައެވެ.
ދިރާގުގެ ސީއެސްއާރު ގެ އެއް އަމާޒަކީ ޒުވާނުން ބާރުވެރި ކުރުމެވެ. މިގޮތުން މުޖުތަމައުގެ އެކި ކަންކަމަށް ހޭލުންތެރިކުރުވުމަށް ތަފާތު ޕްރޮގްރާމްތައް އަންނަނީ ހިންގަމުންނެވެ.

