ލ. މަބައިދޫގައި 25 ޓަނުގެ އައިސްޕްލާންޓެއް 50 ޓަނުގެ ސްޓޯރޭޖާއެކު ގާއިމް ކޮށްދޭނެ ފަރާތެއް ހޯދުމަށް އިއުލާންކޮށްފިއެވެ.
މި މަޝްރޫޢު ޙަވާލުކުރާނެ ފަރާތެއް ކަނޑައަޅާނީ ދައުލަތުގެ މާލިއްޔަތު ޤަވާއިދުގެ ޕްރޮކިޔުމަންޓް އުސޫލާ އެއްގޮތްވާގޮތުގެ މަތިންނެވެ.
މި މަޝްރޫޢު ބެހޭ ލިޔެކިޔުންތައް މާބައިދޫ ކައުންސިލް އިދާރާގެ ވެބްސައިޓުން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ. ޕްރޮޖެކްޓުގެ ބިޑްސެކިޔުރިޓީ މި އިޢުލާނުގައި ބަޔާންކޮށްފައިވާ ޢަދަދަށް ހުށަހަޅަން ޖެހޭނެ ކަމަށް ކައުސިލުން ވަނީ ބުނެފައެވެ. އަދި މިކަމާއި ބެހެހޭ މައުލޫމާތު ”ބީލަމާބެހޭ މަޢުލޫމާތު ކަރުދާހު“ގައި ވާނޭ ކަމަށް ކައުންސިލުން ހާމަކުރެއެވެ.
ބީލަން ޝީޓް އަދި ބީލަމުގެ ޖަދުވަލުތައް ޑައުންލޯޑް ކުރެވެން ހުންނާނީ މިނިސްޓްރީ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރގެ ވެބްސައިޓް އިންނެވެ. ބީލަން ބަލައިގަތުން އޮންނާނީ ހައްދުންމަތީ މާބައިދޫ ކައުންސިލްގެ އިދާރާގައެވެ.
މި މަޝްރޫޢު ބެހޭގޮތުން މަޢުލޫމާތު ސާފުކުރެއްވުމަށާއި ރަޖިސްޓްރީވުމަށް 24 ފެބްރުވަރީ 2022 ގެ 13:00 ގެ ކުރިން info@maabaidhoo.gov.mv އީމެއިލް ކުރެއްވުމަށް ވަނީ އެދިފައެވެ. މަސައްކަތަށް ޝައުގުވެރިވާ ފަރާތްތަކުން ބީލަން ހުށައެޅުމުގެ ސުންގަޑިއެއް ކަމުގައި ވަނީ 28 ފެބުރުވަރީ 2022 ވަނަ ދުވަހުގެ 13:00 އެވެ.
މަސްވެރިންނަށް ދިމާވާ ދަތިތައްް ހައްލުކޮށްދިނުމަށް ސަރުކާރުން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން މަސްވެރިންނަށް ފަސޭހައިން އައިސް ލިބޭނެ ގޮތްތަކެއް އިންތިޒާމް ކުރުމަށްޓަކައި އައިސްޕްލާންޓްތައް ގާއިމްކުރުމުގެ މަސައްކަތްތައް އަންނަނީ ކުރަމުންނެވެ.

