ގައުމު ހިންގުމުގައި އަންހެނުންގެ ބަހެއް އޮތުމަކީ ކޮންމެހެންވެސް މުހިއްމު ކަމެއް ކަމުގައި ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ ވިދާޅުވެއްޖެއެވެ.
އަންހެން ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ މެމްބަރުންގެ މަސްއޫލިއްޔަތު އަދާކުރުމުގައި ދިމާވާ ދަތިތަކަށް ހައްލެއް ހޯދައި ދިނުމަށް ގޮވާލައި އޭނާ ހުށަހެޅުއްވި ގަރާރު މަޖިލިހުގެ ތަޅުމަށް ހުށަހަޅުއްވަމުން އީވާ ވިދާޅުވީ ގަރާރުގެ ބޭނުމަކީ ގާނޫނުން އަންހެުނުްނަށް ދިން ބާރުތައް އޭގައި ސިފަކުރި ގޮތަށް ކައުންސިލްތަކުގައި ތިބޭ އަންހެން ކައުންސިލަރުން ނާއި ޑަބްލިއުޑީސީ ކޮމިޓީ ތަކަށް މަސައްކަތް ކުރެވޭތޯ ބެލުން ކަމުގައެވެ.
އީވާގެ ވާހަކަފުޅުގައި ކައުންސިލްތަކަށް އަންހެނުންނަށް ގޮނޑި ކޯޓާ ކަނޑައަޅައި އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމިޓީތަކަށް އާ ބާރުތަކެއް ދީގެން ގާނޫނު އިސްލާހުކުރިފަހުން މި އެޕްރިލް މަހުގެ 10 ވަނަ ދުވަހަށް އެއް އަހަރުވެފައިވާ ކަމުގައި ވިދާޅުވިއެވެ.
އަންހެން ކައުންސިލަރުންނަށާއި ޑަބްލިއުޑީސީ އަށް ވަކިން ގޮނޑި ކަނޑައަޅައި ބާރުތަކެއްދިނީ އެއީ މުހިއްމު ކަމެއް ކަމުގައި ގަބޫލު ކުރާތީ ކަމުގައި އީވާ ވިދާޅުވިއެވެ.
ރަށުފެންވަރުގައާއި އަތޮޅުފެންވަރުގައި ބަސްބުނެ ސިޔާސަތު ކަނޑައަޅައި ތަންފީޒު ކުރުމުގައި އަންހެނުންގެ ހާއްސަ ބަހެއް އޮތުމަކީ މުހިއްމު ކަމެއް ކަމުގައި އީވާ ފާހަގަކުރެއްވިއެވެ.
އީވާ ވިދާޅުވީ ބައެއް އަންހެން ކައުންސިލަރުންނަށް އަދި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގައި އެއްވެސް ދައުރެއް ނޯންނަ މަންޒަރު ފެނިގެންދާ ކަމަށެވެ.
އީވާ ވިދާޅުވީ ކުރިން ވެސް ކައުންސިލްތަކަށް އަންހެނުންނަށް ކައުންސިލްތަކުގެ ގޮނޑި ހާއްސަ ކުރާ އިސްލާހު މަޖިލީހަށް ހުށައެޅުއްވި ނަމަވެސް ޑީއާރުޕީ މެޖޯރިޓީ އޮވެ އެ އިސްލާހު ފާސްނުވީ ކަމަށެވެ. ނަމަވެސް މިއަހަރު އެމްޑީޕީ ސަރުކާރު ވުޖޫދަށް އައިސް، އެއިސްލާހު ހުށައަޅާ އަލުން ފާސްކުރެވިފައިވާ ކަމުގައި އެކަމަނާ ވިދާޅުވިއެވެ.
ކައުންސިލްތަކުގައި ތިއްބެވި އަންހެން ކަނބަލުންނާއި ޑަބްލިއުޑީސީގައި މަސައްކަތް ކުރައްވާ އަންހެން ބޭފުޅުންގެ މަސައްކަތުގައި ދަތިތަކެއް ހުރިކަން ފާހަގަކުރައްވައި އީވާ ވިދާޅުވީ އެބޭފުޅުން މަސައްކަތް ކުރުމުގައި އެއްވެސް ދައުރެއް ނޯންނަ ކަމަށާއި މަސައްކަތުގައި ބައިވެރި ނުކުރާ ކަމަށް އީވާ ވިދާޅުވިއެވެ.
މިސާލެއްގެ ގޮތުގައި އީވާ ވިދާޅުވީ ބައެއް ކައުންސިލްތަކުގައި ތިއްބަވާ އަންހެން ކައުންސިލަރުން، ކައުންސިލްގެ މަޝްވަރާ ބައްދަލުވުންތަކުގައި ބައިވެރި ކުރުމުގެ ބަދަލުގައި އެބޭފުޅުން ތިއްބަވަނީ ހަމައެކަނި ކައްކާލުމަށާއި މެހުމާނުން ރަށަށް ޒިޔާރަތް ކުރައްވާގަޑީގައި ސަފުގައި އެތުރިލައިގެން ތިބުމާއި ނުވަތަ ބައެއް ފަހަރަށް ސަފުންވެސް ޖާގަ ނުދޭ ކަމަށެވެ.
އީވާ ވިދާޅުވީ އެކަމަކީ ބަލައިލަން ޖެހޭ ކަމެއް ކަމަށާއި ސަބަބަކީ އެއީ އާކަމެއް ކަމަށްވުމެވެ.
އީވާ އިތުުރަށް ވިދާޅުވީ އަލަށް ގާނޫނު އިސްލާހުކުރިއިރު ރަށާއި އަތޮޅު ކައުންސިލްތަކަށް ދީފައިވާ ބާރާއެކު މުޅި ނިޒާމް ވެސް އާވެފައިވާ ކަމަށެވެ. އީވާ ވިދާޅުވީ ކައުންސިލްތަކުން އަންހެން ބޭފުޅުންނަށް ތަފާތުތަކެއް ފެނިގެންދަނީ ޖެއްސުން ކުރާތީ ނޫން ކަމަށާއި އެހެން ދިމާވަނީ ނޭނގިގެން ކަމަށެވެ.
އީވާގެ ވާހަކަފުޅުގައި އެކަންކަން ރައްޔިތުން މަޖިލީހާއި އެލްޖީއޭ އާއި އައިއެންއާރާއި ބައެއް ޖަމުއިއްޔާތަކުން ވަރަށް ފުރިހަމަ އަށް މިހާރުވެސް އެކަމުގެ ދިރާސާ ކުރަމުން ގެންދަވާ ކަމުގައި ވިދާޅުވިއެވެ.
އީވާ ވިދާޅުވީ ބޭނުމަކީ ކައުންސިލްތަކުގައި ހިމެނޭ އަންހެން ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ މެމްބަރުންނަށް ކައުންސިލްތައް ހިންގުމުގައި އެހީތެރިކަން ފޯރުކޮށްދިނުންކަމުގައެވެ.

