ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބަނގުރޫޓުވާ އިރު ވެސް، ވެރިކަމުގައި ހުރީ އެއްވެސް ވިސްނުމެއް ނެތް މީހެއް: ސައީދު

އިދިކޮޅުން ބޭއްވި ޖަލްސާއެއްގައި ޕީއެންސީގެ ނައިބު ރައީސް އަދި މާވަށު ދާއިރާގެ މެމްބަރު ސައީދު/ ފޮޓޯ: ފައިލް
ޝެއާރކޮށްލާ ކަހަލަދޯ؟

ގައުމު ގެއްލުމުގެ މަގަށް އެޅިގެން ދާއިރު ވެސް ވެރިކަމުގައި ހުންނެވީ މާބޮޑު ވިސްނުމަކާއި ފިކުރެއް ނެތް ވެރިއެއް ނަމަ ކަންބޮޑުވުންތަކެއް ނުފެންނާނެކަމަށް މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.

ރާއްޖެއަށް އިންޑިއާގެ ނުފޫޒު ވަދެ، ގައުމުގެ މިނިވަންކަން ގެއްލެމުންދާކަމަށް ބުނެ އިދިކޮޅުން ކުރިޔަށް ގެންދާ ”އިންޑިއާ އައުޓް“ ކެމެޕެއިނާއި ވާދައަށް އެމްޑީޕީން ވަނީ ”ބާކީ ނުކުރޭ“ ގެ ނަމުގައި ސޯޝަލް މީޑިއާގެ ޕޯސްޓުތައް އާއްމު ކުރަން ފަށާފަ އެވެ. އިދިކޮޅުގެ ސަބަބުން ބޭރު ދުނިޔޭގެ އެހެން ގައުމުތަކުން ރާއްޖެއާއި މެދު ދެކޭ ގޮތަށް ބަދަލު އަންނަކަމަށާއި، އަދި އިންޑިއާއިން ރާއްޖެއާއި މެދު ބާއްވާ ގާތް ގުޅުމަށް ހީނަރުކަމެއް އަތުވެދާނެކަމަށް މި ޓްވީޓުތަކުގައި ވެއެވެ.

ސަރުކާރަށް ނިސްބަތްވާ މެމްބަރުން އިންޑިއާގެ ތާއީދުގައި ޓްވީޓުތައް ކުރައްވަމުން ގެންދަވާތީ، އެކަމަށް އިދިކޮޅުން ދަނީ ފާޑުކިއުން އަމާޒު ކުރަމުންނެވެ. އަދި ރޭ ޕާޓީގެ އޮފީހުގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން، ސައީދު ވިދާޅުވީ އިގްތިސާދީ ހާލަތު އިންތިހާއަށް ދަށްވެ ރާއްޖެ ބަނގުރޫޓު ވެދާނެކަމުގެ އިންޒާރު ދުނިޔޭގެ އެންމެ ބޮޑު އިންވެސްޓްމެންޓް ބޭންކް ”ޖޭޕީ މޯގަން“ އިން ދިނުމުން ވެސް ސަރުކާރުގެ އެއްވެސް ހާސްކަމެއް ނުފެންނަކަމަށެވެ.

މިއީ ރާއްޖޭގެ މާލީ އިދާރާތްތަކުން މީގެ ކުރިން ދީފައިވާ އިންޒާރެއް ނަމަވެސް ސަރުކާރުން އެކަން އިންކާރުކޮށް އެއްވެސް ހާސްކަމެއް ނެތްކަމަށް ބުނީ ކޮން އަސާސެއްގެ މައްޗަށްތޯ ސައީދު ސުވާލު އުފެއްދި އެވެ. އޭނާ ވިދާޅުވީ މިއަދު ރާއްޖެއަށް ބޭނުންވާ އަސާސީ މުދަލަށް ވެސް ލޯނު ނަގަން ޖެހިފައިވާ ކަމަށެވެ.

މިދިޔަ ވެރިކަމުގެ އިގްތިސާދީ ވަޒީރުކަން ވެސް ކުރައްވާފައިވާ ސައީދު އިތުރަށް ވިދާޅުވީ، ޖޭޕީ މޯގަންގެ ވާހަކަތަކަށް އަވަސް ފިޔަވަޅު އަޅަން ޖެހޭ ކަމަށެވެ. ސައީދު ވިދާޅުވީ ބައިނަލްއަގުވާމީ އިދާރާތަކުގެ ތެރޭގައި ހިމެނޭ ފިޗްގެ ރިޕޯޓުގައި ވެސް އިގްތިސާދީ ކަންބޮޑުވުންތައް ހިމަނާފައިވާ ކަމަށެވެ.

ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ގެނައި ތަރައްގީގެ މަޝްރޫއުތަކާއި ގާތަށް ވެސް މި ވެރިކަމުގައި މަޝްރޫއުތައް ފެށިފައި ނުވާކަން ސައީދު ފާހަގަ ކުރެއްވި އެވެ.

ދުނިޔޭގެ ގައުމުތަކުގެ އިގްތިސާދު ރޭޓު ކުރާ ފިޗްގެ ރިޕޯޓުގައި ބުނެފައިވާ ގޮތުގައި ރައީސް ޔާމީންގެ ސަރުކާރު ދުވަސްވަރުގައި އިގްތިސާދު ކުރިއަރަމުން އައި މިންގަޑު ބީ ޕްލަސްގައި ހުރި ހުރުން ވަނީ ސޮއްސާލައިގެން ގޮސް ސީ މައިނަސް އަށް ވެއްޓިފައެވެ. ނަމަވެސް ރިޕޯޓު ބަލައިގަތުމަށް ދެކޮޅު ހަދައި ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވީ އެއީ ހަގީގަތެއް ނެތް ރިޕޯޓެއް ކަމަށެވެ.

އިދިކޮޅުން ބޭއްވި ޖަލްސާގައި ސައީދު ވަނީ 2026 ގައި މިހާރު ހުރި ލޯނު ދައްކަން 600 މިލިއަން ޑޮލަރު ބޭނުންވާ ކަމަށް ފިނޭންސް މިނިސްޓަރު ވިދާޅުވިކަން ފާހަގަކުރައްވާފަ އެވެ. ގައުމު ބަނގުރޫޓުވާ ހިސާބަށް ދާއިރުވެސް ހާސްކަމެއް ނެތްކަމަށް ސަރުކާރުން ބުނަމުން ދާތީ ސައީދު ވަރަށް ބޮޑަށް ފާޑުވިދާޅުވި އެވެ.

2023 ވަނަ އަހަރު ނިމޭއިރު ދިވެހި ރާއްޖޭގެ ބޭރު ފައިސާގެ ރިޒާވް އެއްކޮށް ހުސްވެ، ދައުލަތުގެ ދަރަނި ނުދެއްކި ޤައުމު ބަނގަރޫޓުވާ ހިސާބަށް ގޮސްދާނެ ކަމަށް ޖޭޕީ މޯގަން އިން ދިން އިންޒާރު ދިވެހި ސަރުކާރުން ގަބޫލެއް ނުކުރި އެވެ. ރައްދުގައި ފިނޭންސް މިނިސްޓަރު އަމީރު ވިދާޅުވީ ރާއްޖެ ބަނގުރޫޓުވާ ހިސާބަށް ނުދާނެ ކަމަށާއި ލޯނުތައް ދެއްކޭނެ ކަމަށެވެ.

އެކަމާ ގުޅިގެން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެސް ވިދާޅުވީ މި އަހަރާއި ކުރިއަށް އޮތް ދެ އަހަރުވެސް ރާއްޖޭގެ ދަރަނި ދެއްކުމުގައި އެއްވެސް ދަތިކަމެއް ނެތްކަމުގެ ޔަގީންކަން ރައްޔިތުންނަށް އަރުވާ ކަމަށެވެ. ރާއްޖޭގެ އިގްތިސާދު ހުރީ ރަނގަޅަށް ނަމަވެސް ހަރަދުތައް ކުޑަކުރަންޖެހޭ ކަމަށް ރައީސް ސޯލިހު ވިދާޅުވި އެވެ.

ޖޭޕީ މޯގަން އަކީ ކޮބައި ކަމާއި ފިޗް އަކީ ކިހާ ރެޕިއުޓެޑް ބައިނަލް އަގްވާމީގޮތުން އިގްތިސާދީ ފަންނުގައި އެތަކެއް ހުރަސްތަކެއް ކަޑަތުކޮށް ކުރިބޯއްޓާއި ހަމައިގައި ރޭޓްކުރެވޭ ކުންފުނިތައް ކަމަށާއި އެކަން އަމީރަށް އެނގިވަޑައި ނުގަންނަވާ ކަމުގައި ސައީދު ވިދާޅުވިއެވެ.

ބައިނަލް އަގްވާމީ ސިސްޓަމް ހިނގާ ގޮތް ނޭނގި ސިޔާސީ ތާށިކަމެއްގައި ފިނޭންސް މިނިސްޓަރަކު ހުންނަން ޖެހުމާުއި އެމަނިކުފާނު ސިޔާސީ ވުމަކީ އިގްތިސާދަށް ރައްޔިތުންނަށް ލިބެމުންދާ ހުތުރުކަމާއި އަނިޔާގެ މައްޗަށް އަނިޔާ އަކަށް ވެގެންދާ ކަމެއް ކަމުގައި ސައީދު ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: