ރާއްޖޭގެ އެކި ސަރަހައްދުތަކަށް އަމާޒުކޮށް މަތީ ތައުލީމާއި ތަމްރީނުދޭ މަރުކަޒުތައް ބިނާ ކުރުމަށް މިނިސްޓްރީ އޮފް ހަޔާރ އެޑިއުކޭޝަނުން ހިންގާ މަޝްރޫޢުގެ ތެރެއިން ހއ ދިއްދޫގައި، އެޅުމަށް ނިންމާފައިވާ ޖޫނިއަރ ކޮލެޖުގެ މަސައްކަތު ސައިޓު ކޮންޓްރެކްޓަރާއި ރަސްމީކޮށް ހަވާލުކޮށްފިއެވެެ.
މިނިސްޓްރީ އޮފް ހަޔާރ އެޑިއުކޭޝަނުން ރާއްޖޭގައި މަތީ ތައުލީމާއި ތަމްރީނުދޭ މަރުކަޒުތައް ބިނާ ކުރުމަށް ހިންގާ މަޝްރޫޢުގެ ދަށުން ހއ ދިއްދޫގައި އެޅުމަށް ހަމަޖެހިފައިވާ ޖޫނިއަރ ކޮލެޖުގެ މަސައްކަތް ހަވާލުކުރެވިފައިވަނީ، ވީ އަވަރ އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޓެޑާއިއެވެ. މި މަސައްކަތްތައް ކުރިއަށް ގެންދިއުމަށް މިނިސްޓްރީގެ ޕްރޮޖެކްޓް މެނޭޖަރާއި، ކޮންޓްރެކްޓަރު އަދި ހއ ދިއްދޫ ރަށު ކައުންސިލުގެ މެމްބަރުންގެ އިތުރުން މުއައްޒަފުންތަކެއްވެސް ހިމެނިގެންވަނީ، ސައިޓް ހޭންޑް އޯވަރ މީޓިނގެއް ކުރިއަށް ގެންގޮސްފައިއެވެ.
މަތީ ތައުލީމާއި ތަމްރީނުދޭ މަރުކަޒުތައް ބިނާ ކުރުމަށް މިނިސްޓްރީ އޮފް ހަޔާރ އެޑިއުކޭޝަނުން ހިންގާ މަޝްރޫއަކީ، ރައީސުލް ޖުމުހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގެ ސްޓްރެޓީޖިކް އެކްޝަން ޕްލޭންގައި ހިމަނައިގެން ކުރިއަށް ގެންދާ ޕްރޮޖެކްޓްތަކުގެ ތެރެއިން ހިންގާ މަސައްކަތްތަކެވެ.
ހއ.ދިއްދޫގައި ބިނާކުރާ މި ޖޫނިއަރ ކޮލެޖް ޚާއްސަ ކޮށްފައިވަނީ ފުޑް ޕްރޮސެސިންގ އަދި ޓެކްނޮލޮޖީ ދާއިރާގެ އެކި ލެވެލްތަކުގެ ކޯސްތަށް ހިންގުމަށެވެ. އެހެނަސް ތަފާތު އެހެނިހެން ދާއިރާތަކުން ވޮކޭޝަނަލް ކޯސްތައް ވެސް މި އިންސްޓިޓިއުޓުގައި ހިންގުމަށް މަގުފަހިވާނެ އެވެ.
މި ޖޫނިއަރ ކޮލެޖް ޢިމާރާތް ކުރުމަށް ހަމަޖެހިފައިވަނީ ދިއްދޫގެ ހިއްކި ސަރަޙައްދުން މިކަމަށް ކަނޑައަޅުއްވައި ދެއްވާފައިވާ 30،000 އަކަފޫޓްގެ ޖާގައިގައެވެ. މި ޕްރޮޖެކްޓްގެ މިހާރު ކުރިއަށްދާ ފޭސްގައި ކުރެވޭނީ އިންސްޓިޓިއުޓް ބްލޮކެއްގެ މަސައްކަތް އެކަނި ކަމަށްވީނަމަވެސް، ދެން ކުރިޔަށްއޮތް ފޭހުގައި އެކޮމަޑޭޝަން ބްލޮކެއް އެޅުމުގެ މަސައްކަތް ކުރެވޭނެއެވެ.
މި ޖޫނިއަރ ކޮލެޖުގައި ފުޑް ޕްރޮސެސިންގ ލެބަކާއި، ފުޑް ޓެސްޓިންގ ލެބަކާއި، މަލްޓި-ޕާޕަސް ވޯކްޝޮޕެއްގެ އިތުރުން އަށް ކްލާސް ރޫމާއި އައި. ސީ. ޓީ ލެބޯޓަރީއެއް ހުންނާނެއެވެ. އަދި އިދާރީ ޚިދުމަތްތަކަށް ޚާއްޞަ އޭރިއާއަކާއި ސްޓާފް ރޫމަކާއި ދަރިވަރުންގެ ޚިދުމަތްތަކަށް ޚާއްޞަ އޭރިއާގެ އިތުރުން އޮޑިޓޯރިއަމަކާއި މީޓިންގ ރޫމްތަކާއި ސްޓަޑީ ރޫމްތަކާއި ލައިބްރަރީ ވެސް ހުންނާނެ އެވެ.
މީގެ އިތުރުން ވެސް، މި ޢިމާރާތުގައި ދަރިވަރުންގެ ސިއްހީ ދުޅަހެޔޮކަމަށް އެކި ކަހަލަ ކުޅިވަރުކުޅެވޭނެ އެކްޓިވިޓީ ސެންޓަރަކާއެކު ޖިމެއް ހުރުމާއެކު އަސާސީ ޚިދުމަތްތައް (ނަމާދުކުރާނެ ތަނަކާއި ފާޚާނާއާއި ލިފްޓް ފަދަ ކަންކަން) ހިމެނިފައިވާނެ އެވެ.
މި މަސައްކަތް ހަވާލުކުރެވިފައިވާ ފަރާތް، ވީ އަވަރ އިންވެސްޓްމެންޓަށް މަސައްކަތްތައް ނިންމުމަށް ސަރުކާރުން ދީފައިވަނީ 300 ދުވަހުގެ މުއްދަތެއްކަން ފާހަގަކުރެވެއެވެ.

