ހުޅުމާލެ ދެވަނަ ފިޔަވެއްސަށް އާރްޓީއެލް ނިޒާމުގެ ދަށުން ކޮންމެ 15 މިނެޓަކު ބަސް ދަތުރުތައް ކުރަން ފަށައިފިއެވެ.
މޭ މަހު 15 ވަނަ ދުވަހު އެމްޓީސީސީން އާރްޓީއެލްގެ ނަމުގައި ފެށި މި މަޝްރޫޢގެ ދަށުން 15 ބަސްގެނެސްފައިވެއެވެ. ޖޫން މަހު 15ވަނަ ދުވަހުރޭ ހުޅުމާލެ ދެވަނަ ފިޔަވެހީގައި ސަރުކާރުން ބޭއްވި ރަސްމިއްޔާތުގައި މި ބަސްތައް ވަނީ އާރްޓީއެލްގެ ބަސް ފްލީޓުގެ ތެރެއަށް އިތުރު ކުރެވިފައިއެވެ.
މިނީ ބަސް ތައާރަފް ކުރުމަށް ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެމްޓީސީސީގެ މެނޭޖިން ޑިރެކްޓަރ އާދަމް އާޒިމް ވިދާޅުވީ، އަލަށް ގެނަވުނު ބަސްތަކާއި އެކު، މާލެ ސަރަހައްދާއި އަތޮޅުތެރޭގައިވެސް ބަހުގެ ދަތުރުތަކުގެ ފެންވަރު ކުރިއަށް އޮތް ދުވަސްތެރޭގައި ރަނގަޅުވެގެންދާނެކަމަށެވެ.
މީގެ އިތުރުން އާޒިމް ވިދާޅުވީ، ޖުލައި މަހުގެ ތެރޭގައި، ލ އަތޮޅާއި ފުވައްމުލަކަށް ބަސްތަކެއް ފޮނުވިގެންދާނެކަމަށެވެ. އަދި އެކަމުގެ ސަބަބުން ދަތުރު ކުރުމަށް ހެޔޮ ބަދަލުތަކެއް ލިބިގެންދާނެކަމަށް ފާހަގަކޮށް އެނާ ވިދާޅުވީ، އަލަށް ތާރަފްކުރާ މިނީ ބަސް ހިދުމަތާއި އެކު، ކޭޝްކާޑު ނުވަތަ މޯބައިލް ފޯނު ބޭނުންކޮށް ފައިސާދައްކައި، ބަހުގެ ހިދުމަތް ލިބިގަނެވޭނެ މަގުވެސް ފަހިވެގެން ދާނެކަމަށެވެ.
ހުޅުމާލެ ދެވަނަ ފިޔަވަހީގައި ކުރިއަށް ގެންދިއަ މިނީ ބަސް ތައާރަފް ކުރުމުގެ ރަސްމިއްޔާތު ފައްޓަވައިދެއްވީ ރައީސުލް ޖުމުހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހެވެ،
އާރްޓީއެލް ނިޒާމުގެ ދަށުން ބަހުގެ ހިދުމަތް ދިނުމަށް އަލަށް ރާއްޖެ ގެނަވަނު ބަސްތަކާއިއެކު ޖުމުލަކޮށް އެ ފްލީޓުގައި 46 ބަސް އޮންނާނެއެވެ. އަދި މި ބަސްތަކާއި އެކު، ޖުމުލަކޮށް އަށް ރޫޓަކުން ބަސް ދަތުރު ކުރުމަށް ވަނީ ކަނޑައެޅިފައިއެވެ.

