ދިވެހި ރާއްޖޭގެ ޔޫތު މިނިސްޓްރީއިން، އިންޑިއަން އެމްބަސީ އަދި އެގައުމުގެ ކަލްޗާރ ސެންޓަރާއި ގުޅިގެން ގަލޮޅު ދަނޑުގައި ޔޯގާ ޑޭ ގެ ހަރަކާތް ކުރިއަށް ގެންދަނިކޮށް އެތަނަށް ބަޔަކު ވަދެ އެ ހަރަކާތްތައް ހުއްޓުވައި، ހަމަނުޖެހުންތަކެއް ހިންގައިފިއެވެ.
ޔޫތު މިނިސްޓްރީއިން އިސްނަގައިގެން، އިންޑިއަން އެމްބަސީ އަދި އެ ގައުމުގެ ކަލްޗާރ ސެންޓަރާއި ގުޅިގެން ރާވާފައިވާ ބައިނަލްއަގުވާމީ، ޔޯގާ ޑޭ ގެ ހަރަކާތް ކުރިންވަނީ ރަސްފަންނުގައި ހިންގުމަށް ނިންމާފައިއެވެ، ނަމަވެސް އާންމު ރައްޔިތުންގެ ފަރާތުންވަނީ އެ ހަރަކާތްތައް ހުއްޓުވައި ދިނުމަށް އެދި ފުލުހުންގެ މުއްސަސާގައި އެދިފައިއެވެ. ނަމަވެސް ފުލުހުންގެ މުހައްސަސާއިން ވަނީ، އެ މައްސަލަ ކަމާއި ބެހޭ މުއައްސާސާތަކަށް ހިއްސާ ކުރުމަށް އިލްތިމާޒްކޮށްފައިއެވެ.
ދިވެހި ރާއްޖޭގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ޔޯގާ ޑޭ ގެ ހަރަކާތް، ރަސްފަންނުގައި ބޭއްވުމަށް ހަމަޖެހިފައިވަނިކޮށް، އެ ހަރަކާތާއި ގުޅިގެން އާންމުން ކަންބޮޑުވުން ފާޅުކޮށް، ޝަކުވާތައް ގިނަވުމުގެ ސަބަބުން، މާލެ ސިޓީ ކައުންސިލުންވަނީ، ރަސްފަނު ސަރަހައްދު އެ ހަރަކާތް ކުރިއަށް ގެންދިއުމަށް ނުދިނުމަށް ނިންމާފައިއެވެ. މާލެ ސިޓީ ކައުންސިލުން މިކަަމާއި ގުޅިގެން ބުނެފައިވަނީ، ޔޫތު މިނިސްޓްރީން ވަނީ، އިންޓަރނެޝަނަލް ޔޯގާ ޑޭ ގެ ހަރަކާތް ހިންގުމަށް ރަސްފަންނު ދިނުމަށް އެ ކައުންސިލުގައި އެދިފައިކަމަށެވެ. ނަމަވެސް އާންމުންގެ ގިނަ ފަރާތްތަކެއްގެ އެދުމުގެ މަތިން މިހާރު އެތަން ނުދިނުމަށް ނިންމިފައިވާކަމަށް މާލެ ސިޓީ ކައުންސިލުން ފާހަގަކުރިއެވެ.
އާންމުންގެ ފަރާތުން ހުށައެޅިފައިވާ ގިނަ ޝަކުވާތަކާއި ގުޅިގެން، ޔޫތު މިނިސްޓްރީއިން އިންޑިއަން ހައި ކޮމިޝަނާއި، އެގައުމުގެ ކަލްޗަރ ސެންޓަރާއި ގުޅިގެން ކުރިއަށް ގެންދިއުމަށް ރާވާފައިވާ، އިންޓަރނެޝަނަލް ޔޯގާ ޑޭ ގެ ބޮޑު ހަރަކާތް ހިންގުމަށް، ރަސްފަންނު ނުދޭން، މާލެ ސިޓީ ކައުންސިލުން ނިންމުމާއިއެކު، ޔޯގާގެ ދުވަސް ފާހަގަ ކުރުމުގެ ހަރަކާތްތައް، ޔޫތު މިނިސްޓްރީއިންވަނީ ގަލޮޅު ގަނޑުގައި ބޭއްވުމަށް ނިންމާފައިއެވެ.
ޖޫން މަހުގެ 21 ވަނަ ދުވަހުގެ ހެނދުނު 6:30ގައި އާންްމުންނަށް ބައިވެރި ވެވޭނެ ގޮތަށް އިންތިޒާމުކޮށްފައިވާ މި ހަރަކާތާއި ގުޅިގެން ދިވެހި ރާއްޖޭގެ ޖަމިއްޔާއެއްކަމަށްވާ ޖަމިއްޔަތުއް ސަލަފްއިންވެސް ވަނީ، ކަންބޮޑުވުން ފާޅުކޮށް ޔޫތު މިނިސްޓަރީއަށް ސިޓިއެއް ފޮނުވާފައިއެވެ، ޔޫތު މިނިސްޓަރ އަހުމަދު މަހުލޫފަށް ފޮނުވި ސިޓީގައި ބުނެފައިވާގޮތުން، ޔޯގާއަކީ، އެހެން ދީނެއްގެ އަޅުކަމެއްކަން، އެ ދީނުތަކުގެ ފޮތްތަކާއި، ރާހިބުންގެ ބަސްތަކުންވެސް އިންގެން އޮންނަކަމަށެވެ. އަދި ދިވެހި ގައުމުގައި، އެފަދަ ކަމެއް، ކުޅިވަރެއްގެ ސިފައިގައި ނަމަވެސް، ހިންގުމަކީ، ގާނޫނު އަސާސީ އާއި ހިލާފުވާ ކަމެއް ކަމަށާއި، ޔޯގާގެ ހަރަކާތަކީ، އިސްލާމް ދީނުގެ އަސާސް ކަމަށްވާ، އެއްކައުވަންތަ ކުރުމުގެ އަގީދާއާއި، ފުށޫ އަރާ ކެމެއް ކަމަށްވެސް، ޔޫތު މިނިސްޓަރަށް ފޮނުވާފައިވާ ސިޓީގައި ފާހަގަކޮށްފައިވެއެވެ.
އާންމުންގެ ފަރާތުން، ޔޯގާ ޑޭގެ ހަރަކާތާއި މެދު، ފުލުހުންގެ މުހައްސަސާގައިވެސް ކަންބޮޑުވުންތައް ހިއްސާކޮށް، މާލެ ސިޓީ ކައުންސިލުގައި ގިނަ ޝަކުވާތައް ހުށައެޅުމުގެ ސަބަބުން ޔޯގާ ޑޭގެ ހަރަކާތް ހިންގުމަށް ރަސްފަންނު ނުދޭން ނިންމާއި އެކު، ގަލޮޅު ދަނޑުގައި ހަރަކާތްތައް ހިންގާ ގޮތަށް އިންތިޒާމުކޮށް، އެކަން ކުރިއަށްދިއަ ވަގުތު ގިނަ އަދަދެއްގެ މީހުންވަނީ އެތަނަށް ވަދެ، ޔޯގާ ހަދަން ތިބި މީހުން ހުއްޓުވައި، އެތަނުން ދިއުމަށް ގޮވާލާފައިއެވެ. ސަރަހައްދުގައި ޖަހާފައި ތިބި ދިދަ ދަނޑިތަކެއް ނައްޓައި ބިމުގައި ތަޅަމުން، ޔޯގާ ގެ ހަރަކާތާއި ދެކޮޅަށް އަޑު އުފުލައި ނުކުންނަން ގޮވާލަމުން ދިޔަ ހިންދު، ބައެއް ފަރާތްތަކުން “ الله أكبر“ ގޮވާލަމުންދިއަކަން ފާހަގަކޮށްލެވެއެވެ. އަދި މިކަން ހިންގި ވަގުތު އެތާންގައި ފުލުހުންގެ މުއައްސަސާއިންވެސް މީހުން ހާޒިރުވެ ތިބި ކަމަށް ފާހަގަކޮށްލެވެއެވެ.
ޔޯގާ ޑޭ ހުއްޓުވުމަށް ގަލޮޅުދަނޑަށް ބަޔަކު މީހުން ވަދެގަތީ، އެ ހަފްލާ އިފްތިތާހު ކުރުމުގެ ގޮތުން، ޔޫތު މިނިސްޓަރ އަހުމަދު މަހުލޫފު ވާހަކަދައްކަވަން ހުރި ދަނޑިވަޅުގައިއެވެ. އަދި އެވަގުތު ގަލޮޅު ދަނޑުގައި، އިންޑިއަން ހައިކޮމިޝަނަރާއި، އދ އިން ރާއްޖެއަށް ކަނޑައަޅާފައިވާ ބައެއް އެމްބެސެޑަރުންގެ އިތުރުން، އިންޑިއާ ހައި ކޮމިޝަންގެ މުހައްޒިފުންވެސް ހިމެނެއެވެ. ޔޯގާޑޭ އާއި ގުޅިގެން ހިންގާފައިވާ މި ހަމަނުޖެހުމުގެ ތެރޭގައި، އެ ހަރަކާތުގައި ބައިވެރިވި ބައެއް ފަރާތްތަކަށް ދަނޑަށް ވަތް ފަރާތްތައް ހަމަލާދިންކަމަށްވެސް މައުލޫމާތު ލިބިފައިވާއިރު، ފުލުހުންގެ މުއައްސަސާއިންވަނީ، ބާރުގެ ބޭނުންކޮށް، ކަރުނަ ގޭސް ޖެހުމަށް ފަހު، އެތަނަށް ވަދެ ތިބި ފަރާތްތައް ދަނޑުން ބޭރުކޮށްފައިއެވެ.
ޔޯގާ ޑޭގެ ހަމަނުޖެހުމުގެ ތެރެއިން ހަ މީހަކު ހައްޔަރުކޮށްފައިވާކަމަށް ބައެއް މީޑިއާ ތަކުން، ރިޕޯޓްކޮށްފައިވޭ، މިކަމާއި ގުޅިގެން، ފުލުހުންގެ މުއައްސަސާގެ ބަހެއް ހޯދުމަށް ސަނގުޓީވީން ގުޅުމުން، އަދި ބަހެއް ލިބިފައިނުވީ ނަމަވެސް، ޕޮލިސް މީޑިއާ ގުރުޕޫގައި މީޑިއާ އޮފިޝަލްވަނީ މިކަން ކަށަވަރުކޮށްދީފައިއެވެ. އަދި މި މައްސަަލައަކީ، ސީރިއަސް މައްސަލައެއްގެ ގޮތަށް ބަލަމުންދާ ކަމެއް ކަމަށް، ބުނެފައިވެއެވެ.
ޔޫތު މިނިސްޓްރީއިން އިންތިޒާމުކޮށްގެން ގަލޮޅުދަނޑުގައި ކުރިއަށް ގެންދިއަ ޔޯގާ ޑޭގެ ހަރަކާތްތައް އާންމުން ނުކުމެ ހުއްޓުވާލާފައިވާއިރު، ޔޯގާ ގެ އަމަލަކީ، ބުދު ދީނުގައި އަޅުކަންތައްކުގެ ތެރޭގައިވެސް ހިމެނިފައިވާކަމެއް ކަމަށް، އާންމުންގެ ޝަކުވާތައް ލިބިފައިވާކަމަށް، މާލެ ސީޓީ ކައުންސިލުގެ ޑެޕިއުޓީ މޭޔަރ ނަރީޝް ވިދާޅުވުފައިވާކަން ފާހަގަކޮށްލެވެއެވެ. އަދި ޔޯގާއަކީ އިސްލާމީ ޝަރީއަތުގައި ހުއްދަނޫން ކަމެއްކަމަށް ގިނަ އަދަދެއްގެ ދުނިޔޭގެ އިސްލާމީ ކަންކަމުގެ އިސް އިލްމުވެރިން އިއްތިފާގުވާކަންވެސް ފާހަގަކޮށްލެވެއެވެ.

