ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޔޯގާއަކީ އިސްލާމީ ޝަރީއަތާ ހިލާފު ކަމެއް: އިސްލާމިކް މިނިސްޓްރީ

އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު/ ފޮޓޯ: އަވަސް
ޝެއާރކޮށްލާ ކަހަލަދޯ؟

ޔޯގާއަކީ އިސްލާމީ ޝަރީއަތާ ހިލާފު ކަމެއް ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފިއެވެ.

އިސްލާމިކް މިނިސްޓްރީން މިގޮތަށް ބުނެފައި ވަނީ ޔޯގާ ހަރަކާތް ހުއްޓުވައި ދިނުމަށް އެދި މިނިސްޓްރީން މި މަހުގެ 15 ވަނަ ދުވަހު ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދަށް ފޮނުވި ސިޓީއެއްގައެވެ. މި ސިޓީ މީސް މީޑީއާގައި މިހާރު ވަނީ އާންމުވެފައެވެ. ނަމަވެސް ސިޓީއާއި ގުޅިގެން މިނިސްޓްރީން ވަކި އެއްޗެއް ނުބުނެއެވެ.

ސިޓީގައި ވަނީ ރާއްޖެއަކީ %100 މުސްލިމު ގައުމަކަށްވީ ހިނދު، ދިވެހިންގެ ތެރޭގައި ޒަމާނުއްސުރެ އޮންނަ ދީނީ އެއްބައިވަންތަކަން ދެމެހެއްޓުމަކީ، ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ރައްކާތެރިކޮށް، ރާއްޖޭގެ އަމަން އަމާންކަމާއި ސުލްހަ މަސަލަސްކަން ދެމެހެއްޓުމަށްޓަކައި ކޮންމެހެން ބޭނުން ކަމެއް ކަމެއް ކަމަށެވެ. އަދި ދިވެހި ރައްޔިތުންގެ ދީނީ އެއްބައިވަންތަކަން ހިމާޔަތް ކުރުމަކީ ދިވެހި ސަރުކާރާއި ދިވެހި ރައްޔިތުންގެ މައްޗަށް ލާޒިމް ވެގެންވާ ކަމެއް ކަމަށް ވެސް މި ސިޓީގައި ފަށަމުން ފާހަގަކޮށްފައިވެއެވެ. އެކަމަކު މިހާރަކަށް އައިސް، މެޑިޓޭޝަން ގޮތުގައި ނުވަތަ ތަފާތު ބައްޔަށް ޝިފާ ހޯދުމުގެ ނަމުގައި ޔޯގާ ބޭނުން ކުރަމުންދާ ކަމަށް ވެސް ސިޓީގައިވެއެވެ.

މިނިސްޓްރީން ބުނީ މި މެޑިޓޭޝަނަކީ ހިންދޫންގެ އަޅުކަމެއް ކަމުގައިވާ ޔޯގާގެ ތެރޭގައި ހިމެނޭ ކަމެއް ކަމަށެވެ. އަދި އެއީ އެމީހުންގެ ދީނީ ސަގާފަތާއި ގުޅޭގޮތުން މެޑިޓޭޝަންގެ ނަމުން ނަންދީ އިރު އަރާ ވަގުތު އިރަށް ކުރުނީސްކޮށް އަދި ހިންދޫން ބުދު ފައްޅީގައި އަޅުކަން ކުރުމުގައި ބޭނުންކުރާ މިއުޒިކެއް ހިމެނޭ ހަރަކާތެއް ކަމަށް ވެސް އިސްލާމިކް މިނިސްޓްރީން ވަނީ ބުނެފައެވެ.

ސިޓީގައި ބުނެފައިވާ ގޮތުގައި ސެޕްޓެމްބަރު 2004 ވަނަ އަހަރު މިސްރުގެ ފަތުވާދޭ މަޖިލިހުން ނެރެފައިވާ ފަތުވާއެއްގައި ވަނީ ޔޯގާއަކީ މުސްލިމުންގެ މައްޗަށް ހަރާމް ކުޅިވަރެއްކަމަށެވެ. އެއީ ހިންދޫ ދީނުގެ އަޅުކަމާއި ގުޅިފައިވާ ކަމެއް ކަމަށާއި ކުޅިވަރެއްގެ ގޮތުގައި ނުވަތަ ކަސްރަތެއް ގޮތުގައި ވެސް އެކަން ކުރުން ހުއްދަވެގެން ނުވާ ކަމަށް ފަތިބާ މަޖިލިހުގެ ނިންމުމާ ހަވާލާދީ ސިޓީގައި ބުނެފައިވެއެވެ.

މީގެ އިތުރުން ނޮވެމްބަރު 2008 ވަނަ އަހަރު މެލޭޝިއާގެ ގައުމީ ފަތުވާ މަޖިލިހުން ނެރެފައިވާ ފަތުވާގައިވެސް ޔޯގާއަކީ މުސްލިމުންގެ މައްޗަށް ހަރާމް ކުޅިވަރެއް ކަމަށް ބުނެފައިވާކަމަށް ސިޓީގައިވެއެވެ. އަދި މި ކުޅިވަރުގެ ސަބަބުން މުސްލިމުންގެ އަގީދާ އަށް އަސަރު ކުރާ ކަމަށް ބުނެފައިވެއެވެ.

އެހެންކަމުން މިފަދަ ކަންކަމަކީ އިސްލާމީ ޝަރީއަތާއި ހިލާފް ކަމަކަށްވާތީ އާއި ރާއްޖޭގެ ދީނީ އެއްބައިވަންތަކަން ހިމާޔަތްކުރުމާއި ބެހޭ ގާނޫނުގެ ދަށުން މަނާކުރެވިފައިވާ ކަމަކަށްވާތީ، އިސްލާމީ ޝަރީއަތާއި ދިވެހި ގާނޫނުތަކާއި ގަވާއިދުތައް ނެގެހެއްޓުމަށްޓަކައި، އެފަދަ ކަންކަން ކުރާ ފަރާތްތައް ދެނެގަނެ، އެކަށީގެންވާ ފިޔަވަޅު އެޅުމަށް އިސްލާމިކް މިނިސްޓްރީން ވަނީ ފުލުހުންނަށް އަންގައިފައެވެ.

ރާއްޖޭގައި ޔޯގާޑޭ ފާހަގަކުރުމަށް ރޭވިފައިވާކަން ޔޫތް މިނިސްޓްރީން ހާމަކުރުމާއިއެކު އާންމުންވެސް ވަނީ މިކަމާއިމެދު ނުރުހުންވުން ފާޅުކޮށް މިކަންތައް ހުއްޓުވުމަށް ފުލުހުގައިވެސް އެދިފައެވެ. ފުރަތަމަ ރަސްފަންނު ސަރަހައްދުގައި ބޭއްވުމަށް ހަމަޖެހިފައިވާ މި ހަރަކާތް ގަލޮޅު ސްޓޭޑިއަމްއަށް ބަދަލު ކުރެވިގެންދިޔައީ އާންމުގެ ގިނަ އަދަދެއްގެ ޝަކުވާ މާލެ ސިޓީ ކައުންސިލަށް ހުށައެޅުމާއިއެކު، ކައުންސިލުން ރަސްފަންނު މި ހަރަކާތަށް ދޫނުކުރުމަށް ނިންމުމުންނެވެ. ކައުންސިލްގެ ޑެޕިއުޓީ މޭޔާރ އަހްމަދު ނަރީޝް ވަނީ ޔޯގާ ގެ އަމަލަކީ، ބުދު ދީނުގައި އަޅުކަންތައްކުގެ ތެރޭގައިވެސް ހިމެނިފައިވާކަމެއް ކަމަށް ބުނެ އާންމުންގެ ޝަކުވާތައް ލިބިފައިވާކަމަށް ވިދާޅުވެފައެވެ.

ޔޯގާ ގައި ޖައްސާ ހަރަކާތްތަކަކީ ބުދު ދީނުގައި އަޅުކަންތައް ކުރުމަށް ބޭނުންކުރާ ހަރަކާތްތަކެއް ކަމަށް ފާހަގަކޮށް ގިނަ ޝަކުވާތައް އާންމުންގެ ފަރާތުން ހުށައެޅުމާއި އެކު، ޔޯގާ ޑޭ ހިންގުމަށް ރަސްފަންނު ނުދިނުމަށް މާލެ ސިޓީކައުންސިލުން ނިންމުމުން ޔޫތު މިނިސްޓްރީންވަނީ ގަލޮޅު ދަނޑުގައި އެ ހަރަކާތައް ކުރިއަށް ގެންދިއުމަށް ނިންމާފައިއެވެ.

ނަމަވެސް މި ހަރަކާތައް ކުރިއަށް ގެންދަނިކޮށް ގިނަ އަދަދެއްގެ މީހުންވަނީ އެ ސަރަހައްދަށް ވަދެ ހަރަކާތް ހުއްޓާލުމަށާއި، އެސަރަހައްދު ދޫކޮށް ދިއުމަށް ޔޯގާ ޑޭ ގެ ބައިވެރިންނަށް ގޮވާލައި މިކަމާއި ދެކޮޅަށް އަޑު އުފުލާފައެވެ.

މި އަމަލު ކުށްވެރިކޮށް ރައީސުލްޖުމްހުރިއްޔާ އިބްރާހީމް މުހައްމަދު ސާލިހުވެސް ވަނީ ޓްވީޓެއް ކުރައްވާ މިކަމުގައި ޝާމިލުވީ ފަރާތްތަށް ވަރަށް އަވަހަށް އިންސާފުގެ ކުރިމައްޗަށް ގެނެވޭނެކަމަށް ވިދާޅުވެ މިކަންތައް ކުށްވެރިކުރައްވާފައެވެ. އަދި ހަމައެއާއިއެކު މި މައްސަލަ ބަލައި ތަހުގީގު ކުރުމަށްޓަކައި ވަޒީރުންގެ ސަބް ކޮމިޓީއެއްވެސް އުފައްދާފައިވާއިރު ގިނަ މުއައްސަސާތަކުންނާއި އިދާރާތްތަކާއި މިނިސްޓްރީތަކުން ވަނީ މިކަންތައް ރާއްޖޭގައި ކުރިމަތިވާ އެހެން މައްސަލަތަކާއި އަމަލުކުރައްވާ ގޮތާއި ހިލާފަށް ވަރަށް އަވަސްކަމާއިއެކު ކުށްވެރިކޮށްފައެވެ.

މިނިސްޓާ މަހުލޫފް ވަނީ ހަރަކާތް ހުއްޓުވުމުގައި ޕީޕީއެމްގެ މެންބަރުން އިސްސަފުގައި މަސައްކަތްކުރިކަމަށާއި އަދި ޖަމިއްޔަތުލް ސަލަފް ވެސް މި ކަމުގައި ހިމެނޭކަމަށް ތުހުމަތުކުރައްވާފައެވެ. ނަމަވެސް ސަލަފާއި ޕީޕީއެމުންވެސް ވަނީ މިކަންތައް ދޮގު ކޮށްފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: