ގިނަ ދުވަސްތަކަކަށް ފަހު ރޭ ފުލުހުން އަލުން ސްޓިކާ ޖަހަން ފަށައިފިއެވެ.
ނުގަވާއިދުން ޕާކް ކުރާ ވެހިކަލްތަކުގައި ފުލުހުން ސްޓިކާ ޖަހައެވެ.
މީގެ ކުރިން ސްޓިކާ ޖެހުން މެދުކެނޑިފައިވަނީ ފުލުހުން އަތުން ސްޓިކާ ހުސްވުމުގެ ސަބަބުންނެވެ. އެދުވަސްވަރުގެ ތެރޭގައި ގަވާއިދާ ހިލާފަށް ޕާކުކޮށްފައިވާ ވެހިކަލްތައް ޓޯ ކުރުމެއް ނުވަތަ އެކަމާއިމެދު އެފަދަ އަމަލު ހިންގާ ފަރާތްތަކަށް ނަސޭހަތްތެރިވެފައި ނުވާ ކަން ފާހަގަކޮށްލެވެއެވެ.
ނަމަވެސް ރޭ ފުލުހުން ވަނީ އަލުން ސްޓިކާ ޖަހަން އަލުން ފަށާފައެވެ. ފުލުހުން ރޭ ސްޓިކާ ޖެހުމުގެ މަސައްކަތް ފަށާފައިވަނީ މަޖީދީމަގުންނެވެ.
ރޭ ގިނަ އަދަދެއްގެ ސައިކަލްގައި ފުލުހުން ސްޓިކާ ޖެހުމުން މީސް މީޑިއާގައި ބައެއް މީހުން އެކަން ސިފަކޮށްފައިވަނީ އީދު ހަދިޔާއެއްގެ ގޮތުގައެވެ.
ކޮންމެ އަހަރަކުވެސް ޓްރެފިކް ވަޔަލޭޝަން ސްޓިކާ ޖަހައިގެން ފުލުހުން ގެންދަނީ ދައުލަތަށް ގިނަ އަދަދެއްގެ ފައިސާް ފޯރުކޮށްދެމުންނެވެ.
އެއްގަމު އުޅަނދު ދުއްވުމަށް ލައިސަންސް ދޫކުރުމުގެ އައު ގަވާއިދުގައިވާ ގޮތުން ގަވައިދާ ޚިލާފަށް ޕާކު ކުރާ އުޅަނދުފަހަރުގައި ސްޓިކާ ޖަހާ ކޮންމެ ފަހަރަކު އެމީހާގެ ލައިސަންސުން ޕޮއިންޓް އުނި ކުރާނެއެވެ. މިގޮތަށް 100 ޕޮއިންޓުގެ ކްރެޑިޓް ހުސްވެއްޖެ ނަމަ ލައިސަންސް ބާތިލުވާނެ ކަމަށް އެ ގަވާއިދު ބުނެފައިވެއެވެ.

