އިންޓަރނޭޝަނަލް މޮނެޓަރީ ފަންޑު(އައިއެމްއެފް)އިން ސްރީލަންކާއަށް އެހީ ދިނުމަށް ގާއިމު ކުރާ އެއްބަސްވުމުގައި ސޮއި ކުރުން މަޑުޖައްސާލައިފިއެވެ.
ރައްޔިތުން ނުކުމެ ކުރީގެ ރައީސް ގޯޓަބަޔާ ރާޖަޕަކްސާގ ވެރިކަމުން ދުރުކުރުމާއި ގުޅިގެން، ވެރިކަމާއި ހަވާލުވެވަޑައިގެންނެވި، ސްރީލަންކާގެ ރައީސް ރަނިލް ވިކްރަމަސިންހެވަނީ، އައިއެމްއެފްގެ އެހީތައް ލިބުން މަޑުޖެހިފައިވާކަން މީޑިއާތަކަށް ކަށަވަރުކޮށްދީފައެވެ. އެގޮތުން ރަނިލް ވިދާޅުވީ، ސްރީލަންކާގެ ވެރިކަން ބަދަލުވެފައިވީނަމަވެސް، ގައުމުގެ އެތެރޭގައި ހިންގަމުންދާ ހަމަނުޖެހުންތައް ކޮންޓްރޯލް ކުރެވިފައިނުވާތީ، އައިއެމްއެފްއިންވަނީ، އެއްބަސްވުން ގާއިމު ކުރުމަށް ކަނޑައެޅިފައިވާ ތާރީހު، ކުރިއަށް އޮތް ސެޕްޓެމްބަރު މަހަށް ބަދަލުކޮށްފައިކަމަށެވެ.
އައިއެމްއެފްއިން ސްރީލަންކާއަށް އެހީ ދިނުން މަޑުޖައްސާލާފައިވާކަން ފާހަގަކުރައްވާ އިތުރައް ވާހަކަދައްކަވަމުން ރަނިލް ވިދާޅުވީ، އެ މުއައްސަސާއިން ސްރީލަންކާއަށް މާލީ އެހީތަކެއް ދިން ނަމަވެސް، އެކަމުން ގައުމު އޮތް ދަތި ހާލަތުން އަރައި ނުގަނެވޭނެކަމަށެވެ. އަދި ސްރީލަންކާގެ ދަރަނިތައް ދެއްކުމަށް މަގުތަކެއް ހޯދަންޖެހިފައިވާކަމަށްވެސް އެނާ ފާހަގަކުރެއްވިއެވެ.
އައިއެމްއެފްއިން މާލީ އެހީތަކެއް ދިން ނަމަވެސް، އެގައުމު އޮތް ހާލަތުން އަރައި ނުގަނެވޭނެކަމަށާއި، އިގްތިސާދު ރަނގަޅުކޮށް، ދަރަނިތައް އަދާ ކުރުމަށް މަގުތަކެއް ހޯދަންޖެހިފައިވާކަމަށް ފާހަގަކުރައްވާ ރަނިލް ވިދާޅުވީ، މި ވަގުތު އަވައްޓެރި ގައުމުތަކުންވެސް ސްރީލަންކާއަށް މާލީ އެހީތަކެއް ދޭން ތައްޔާރަށް ނެތްކަމަށެވެ. އަދި އަވައްޓެރި ގައުމުތަކުން މާލީ އެހީތަކެއް ލިބޭނީ، އައިއެމްއެފްއާއި އެކު އެއްބަސްވުމަކަށް އާދެވުމުން ކަމަށްވެސް އެނާ ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން ރަނިލް ވިދާޅުވީ، ސްރީލަންކާގެ ހާލަތު ގޯސްވެފައިވުމުގެ ޒިންމާ، ކުރީގެ ރައީސް ގޯޓަބަޔާގެ ބޮލުގައި އަޅުވަމުން ދިއުމުގެ އެއްވެސް ފައިދާއެއް ނެތްކަމަށެވެ. އަދި ހުރިހާ ސިޔާސީ ޕާޓިތަކެއް ގުޅިގެން އެ ގައުމުގެ ހާލަތައް ދާއިމީ ހައްލުތަކެއް ހޯދަން ޖެހިފައިވާކަަމަށްވެސް އެނާ ފާހަގަކުރެއްވިއެވެ.
އަވައްޓެރި ގައުމު ސްރީލަންކާގެ މާލީ، އިގްތިސޯދީ އަދި އިޖްތިމާއީ ހާލަތު ގޯސްވުމާއި ގުޅިގެން ރައްޔިތުން ނުކުމެ، ގައުމުގެ ވެރިކަން ބަދަލުކޮށް، އާ ރައީސަކު އައްޔަނުވެފައިވީނަމަވެސް، އެ ގައުމުގެ މާލީ ހާލަތަށް ބޮޑެތި ބަދަލުތަކެއް އައިސްފައިނުވެއެވެ. އެގޮތުން އެގައުމުގެ ޕެޓްރޯލް ކިއުތައް ފަދަ ތަންތާގައި ރައްޔިތުންގެ ތެރޭގައި މައްސަލަތައް ޖެހި، މާރާ މާރީތައް ހިންގައި، މީހުން މެރުންފަދަ ކަންކަން ހިނގަމުންދާކަން ފާހަގަކުރެވެއެވެ.

