މާލެ އާއި ވިލިމާލެ މޮނިޓަރ ކުރުމަށްޓަކައި ދިވެހި ފުލުހުންނާއި މާލެ ސިޓީ ކައުންސިލާއި ދެމެދު ވެފައިވާ ސްޕެޝިއަލް ކޮންސްޓެބިއުލަރީ ސަރވިސް ޤާއިމުކުރުމުގެ އެއްބަސްވުމުގެ ދަށުން މިއަދު އެ ޙިދުމަތް ދޭން ފަށައިފިއެވެ.
ސާޅީސް ފުލުހުންނާއިއެކު ފަށާ މިހިދުމަތް ދިނުމުގެ ގޮތުން މިދިޔަ ހަފްތާގައި ފެށި އޮރިއެންޓޭޝަން ސެޝަންތަށް ނިންމާލާ، އެންމެ ފަހުބައްދަލުވުން ބާއްވާފައިވަނީ ރޭގައި މާލެ ސިޓީ ކައުންސިލްގެ މީޑިއާ ސެންޓަރުގައެވެ.
މި ޚިދުމަތް ފެށުމާއި ގުޅިގެން ފުލުންގެ ފަރާތުން ހަވާލުވެގެން ހުންނެވި، އިންސްޕެކްޓަރ މުހައްމަދު ލުތުފީ ވިދާޅުވީ، މި މައްސަކަތަކީ ކުރިންވެސް ފުލުހުން އިސްވެ ކުރިއަށް ގެންދިޔަ މަސައްކަތެއް ކަމަށާއި، އެކަމަކު އެކި ސަބަބުތަކާ ހުރެ މެދުކެނޑިފައި އޮތް މުހިއްމު މަސަކަތެއް ކަމަށެވެ.
މީގެ އިތުރުން އޭނާ ވިދާޅުވީ، މާލެ ސިޓީ ކައުންސިލުން އިސްވެ އަނެއްކާވެސް މިމަސައްކަތް ކުރަން ފުލުހުންނަށް ހުށަހެޅުމަކީ ވަރަށް ވެސް ބޮޑު ލުއި ފަސޭހަތަކެއް ފުލުންނަށް އަދި އާންމުނަށްވެސް ލިބިގެންދާނެ ކަމެއްކަމުގައެވެ.
މި ޚިދުމަތުގެ ދަށުން ކަންކަން ބެލުމަށްފަހު މަގުމަތީގައި އުޅޭމީހުންނަށް އުނދަގޫވެ ނުރައްކާވާގޮތަށް ހަދާ އިމާރާތް ތަކާއި ،އިމާރާތްތަކުގެ ޓެރަސް ފަދަ ތަންތަނާއި ބެލްކަނީތަކުގަޔާއި ގޭގޭގެ ފާރުމަތީގައި ތަކެތި ބެހެއްޓުން ، ރައްޔިތުންނަށް އުނދަގޫ ފޯރާގޮތަށް ޢާއްމު ތަންތަނުގައި ތަކެތި ބަ ހައްޓައިގެން ވިޔަފާރިކުރުން އަދި މާލޭ ސިޓީގެ ޕާކްތަކުގައި ކުރުން މަނާކަމަށް އެތަންތަނުގައި ޢާއްމުކޮށްފައިވާފަދަ ޢަމަލުކުތައް ކުރުމުން ފިޔަވަޅުއެޅުން ހިމެނެއެވެ.
މާލެސިޓީގެ މުނިސިޕަލް ހިދުމަތް ރަނގަޅު ކުރުމަށްޓަކައި ސްޕެޝަލް ކޮންސްޓެބިއުލަރީ ޚިދުމަތް ދިނުމަށްޓަކައި މާލެސިޓީ ކައުންސިލާއި ފުލުހުންނާ ދެމެދު އެއްބަސްވުމުގައި ސޮއި ކޮށްފައިވަނީ ފެބްރުއަރީ މަހުގެ 15 ވަނަ ދުވަހުއެވެ.
އެކަން އިފްތިތާޙް ކޮށްފައިވަނީ 19 ޖުލައިގައި މާލެ ސިޓީ ކައުންސިލުން ބޭއްވި 2022 ވަނަ އަހަރުގެ 2 ވަނަ ރައްޔިތުންގެ ބައްދަލުވުމުގައެވެ.

