ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަމުން އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވަކިކުރުމުގެ ގަޓެއް ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ނުހުންނަވާނެ ކަމުގައި ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.
ޒުވާން ބިދޭސީއަކާއި އެކު އެއްޖިންސުން ގުޅުން ހިންގި މައްސަލައިގައި ގާނޫނީ ވަކީލު ނާޒިމް ސައްތާރު ހައްޔަރު ކުރުމުން، ރައީސް ނަޝީދު ވިދާޅުވީ މައްސަލައިގައި އެމަނިކުފާނުގެ ކޮއްކޮ ހައްޔަރު ކުރީ ސިޔާސީ މަންފާއަކަށް ކަމަށެވެ. އަދި ނާޒިމް ހައްޔަރު ކުރުމުގެ އަމުރު ނެރުމަށް ކޯޓުތަކުގެ ފަނޑިޔާރުންނަށް ނުފޫޒު ފޯރުވާފައިވާކަމަށް ވިދާޅުވި އެވެ. ނާޒިމްގެ ވީޑިއޯއެއް ލީކުވިތާ މަސް ދުވަސް ފަހުން، އޭނާ ހައްޔަރު ކުރުމުގެ އަމުރެއް ނެރުމުން ޓުވީޓެއް ކުރެއްވުމަށް ފަހު ރައީސް ނަޝީދު ވިދާޅުވީ އެއްޖިންސުން ގުޅުން ހިންގިކަމަށް ބުނެ އެމަނިކުފާނުގެ ކޮއްކޮ ހައްޔަރުކޮށްފައިވާކަމަށެވެ. އަދި ސަރުކާރުން އެގޮތަށް އަމަލު ކުރީ، ކޯލިޝަނުގައި ތިބި ހަރުކަށި ފިކުރުގެ މީހުން ހިތްރުއްސަންކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
ރައީސް ނަޝީދުގެ ޓުވީޓަށް ފާޑުކިއުންތައް އަމާޒުވެފައި ވަނިކޮށް، އޭގެ ފަހުން އެމްޑީޕީގެ ގައުމީ މަޖިލީހުގެ ވަޓްއަޕް ގުރޫޕަށް ފޮނުވި މެސެޖުތަކެއްގައި ރައީސް ސޯލިހަށް ޒިނޭގެ ތުހުމަތުކުރައްވާފަ އެވެ. އަދި އެމަނިކުފާނަށް އެފަދަ ފޮޓޯތަކެއް ލިބިފައިވާކަމަށާއި، ހެކި ފުލުހުންނަށް ފޮނުވަން ވީތޯ ސުވާލު ކުރެއްވި އެވެ. ރައީސްގެ ދިފާއުގައި އެމްޑީޕީގެ އެހެން މެމްބަރުން ވާހަކަ ދެއްކެވެމުން، ރައީސް ނަޝީދު އެބޭފުޅުންނަށް ވެސް ރައްދި ދެއްވި އެވެ. މި ވާހަކަތައް މާގިނަ އިރުތަކެއް ނުވެ، މީޑިއާތަކުގައި ލީކުވީއިރު އެމްޑީޕީގެ ބައެއް އެހެން ގުނަވަންތަކުގެ ގުރޫޕުތަކުގައި ދެކެވިފައި ހުރި ވާހަކަތަކެއް ވެސް ރައީސް ނަޝީދާއި، މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ ކުރެއްވި ތުހުމަތުތައް ވެސް ލީކުވި އެވެ.
މި މައްސަލައިގައި އެމްޑީޕީގެ ގިނަ މެމްބަރުން ދަނީ ރައީސް ނަޝީދު މަޖިލީހުގެ ރައީސްކަމުން ވަކި ކުރުމަށް ގޮވާލަމުންނެވެ. އަދި އެމަނިކުފާނު މަގާމުން ވަކި ކުރަން ޖެހޭކަމަށް ބުނެ ޕާލިމަންޓް ގުރޫޕުގެ މެމްބަރުން ވެސް ވާހަކަ ދެއްކެވި އެވެ. އެކަން ރަސްމީކޮށް ނުފެށި ނަމަވެސް، މެމްބަރުން އެގޮތަށް އެދެމުންދާކަން ޕީޖީ ލީޑަރު އަސްލަމް ވެސް ކަށަވަރުކޮށްދެއްވި އެވެ. އެނގިފައިވާ ގޮތުގައި ރެއާއި ހަމައަށް އެމްޑީޕީގެ މެމްބަރުންގެ ތެރެއިން މާލޭގައި ތިއްބެވި 19 މެމްބަރުން ރައީސް ނަޝީދަށް އިތުބާރު ނެތްކަމަށް ސޮއި ކުރެއްވި އެވެ.
މި މައްސަލައިގައި އިދިކޮޅުގެ ވިސްނުމަކީ ކޮބައިތޯ ސުވާލު ކުރުމުން، ”ސަންގު ޓީވީ“ ގެ ޚަބަރަށްފަހު ޕްރޮގްރާމްގައި ޝިޔާމް ވިދާޅުވީ ނަޝީދުގެ މައްޗަށް ޕީޕީއެމްގެ އިތުބާރު ގެއްލުނުތާ އެތައް ދުވަހެއް ވެފައިވާކަމަށާއި، ރައީސް ނަޝީދަކީ މަޖިލީހުގެ ރައީސްގެ މަގާމަށް ކުފޫ ހަމަވާ ބޭފުޅެއް ނޫން ކަމަށް ކުރިންވެސް ވިދާޅުވެފައިވާނެ ކަމަށެވެ.
ޝިޔާމް ވިދާޅުވީ ރައީސާއި، ރައީސް ނަޝީދުގެ ދެމެދު ކިތަންމެ ބޮޑެތި މައްސަލަތަކެއް ދިމާވެފައިވީ ނަމަވެސް، އިތުރަށް ކުރިޔަށް ދިއުމަށް ރައީސް ނަޝީދުގެ އެހީ ބޭނުންވާނެކަމަށެވެ. އަދި ރައީސް ނަޝީދު ޕާޓީގެ ރައީސްކަމުން ބޭރު ކުރެވޭނެހާ ގަޓެއް ވެސް ނުހުންނާނެކަމަށް ޝިޔާމް ވިދާޅުވި އެވެ.
އެމްޑީޕީއަކީ މުޑުދާރު ބައެއްގެ ގޮތުގައި ސިފަކޮށް، ޝިޔާމް ވިދާޅުވީ އެމްޑީޕީގައި ތިބި ހުރިހާ މެމްބަރުންނަކީ ވެސް އެއްގޮތަކަށް އުޅޭ ބައެއްކަމަށެވެ.
މަޖިލީހުގެ ރައީސްގެ މަގާމުގައި ހުންނަ މީހަކު އެމަގާމުން ވަކި ކުރުމަށް ހުށައެޅޭނީ މަޖިލީހުގެ ގަވާއިދުގައިވާ ގޮތުން މަޖިލީހުގެ ޖުމްލަ މެމްބަރުންގެ ހަަތަރުބައިކުޅަ އެއްބަޔަށް ވުރެ މަދު ނޫން އަދަދެއްގެ މެމްބަރުންގެ ސޮޔާއެކު ހުށައަޅާ ގަރާރަކުންނެވެ. އެއީ 22 މެމްބަރުންގެ ސޮޔެވެ.
ގާނޫނު އަސާސީގައިވާ ގޮތުން މަޖިލީހުގެ ރައީސްގެ އިތުބާރުނެތްކަށް ފާސް ކުރުމަށް 43 މަޖިލިސް މެމްބަރުންގެ ވޯޓް ބޭނުންވާނެއެވެ.
މަޖިލީސްގެ ރައީސް ކަމުން ރައީސް ނަޝީދު ވަކި ކުރުމަށް މަސައްކަތް ކުރަމުންދާ މިދަނޑިވަޅުގައި ރައީސް ނަޝީދަށް ތާއީދު ކުރައްވާ ބައެއް މެމްބަރުން ގެންދަވަނީ އެމަނިކުފާނުގެ ދިފާއުގައި ވަކާލާތުކުރައްވަމުންނެވެ. އެގޮތުން އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު ވިދާޅުވި ގޮތުގައި ރައީސް ސާލިހުގެ އިތުބާރު ނެތް ކަމަށް ވޯޓް ދޭނެ ކިތަންމެ މެމްބަރުންނެއް އެމްޑީޕީގެ ޕީޖީ ގްރޫޕްގައި ތިއްބަވާނެ ކަމުގައި ވިދާޅުވެފައެވެ.
މީގެ އިތުރުން ރައީސް ނަޝީދު އަދި މަޖިލީހުގެ ނައިބު، ރައީސް ނަޝީދުގެ އާއިލީ މެންބަރެއްކަމުގައިވާ އީވާ އަބްދުﷲ މަގާމުން ވަކިކުރުމަށް އެމްޑީޕީގެ ޕާލިމެންޓް ގުރޫޕުގެ މެންބަރުން އެދެމުން އަންނަކަމަށް އެމްޑީޕީގެ ޕާލިމަންޓް ގުރޫޕުގެ ލީޑަރު މުހައްމަދު އަސްލަމް ވަނީ “ސަންގު” އަށް ވިދާޅުވެފައެވެ.
އަދި އޭގެ ސަބަބަކީ ރައީސާއި ގުޅުވައި ދޮގު ވާހަކަތަކެއް ދެއްކެވުންކަމަށް އަސްލަމް ވިދާޅުވި އެވެ. އަދި ރައީސް ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ވައްދަން ބޭނުންވާކަމަށް ބުނެ އެކި މެމްބަރުން ގުޅުވައި، ކަންބޮޑުވުން ހުށަހަޅަމުން ގެންދާ ކަމަށެވެ. އަސްލަމް ވިދާޅުވީ މިފަދަ އެއްވެސް މަސައްކަތެއް ރަސްމީކޮށް އަދި ފަށާފައި ނުވާކަމަށެވެ. އަދި މެމްބަރުންގެ ޝަކުވާތަކަށް ވެސް އޭނާ ވިދާޅުވީ، ރަސްމީކޮށް ހުށަހަޅައިގެން ނޫން ގޮތަކަށް މަސައްކަތްތައް ކުރިޔަށް ނުގެންދެވޭނެކަންކަމަށް އަސްލަމް ވިދާޅުވި އެވެ.

