ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އެންމެ ރަނގަޅުވާނީ ފިލްމީ ދާއިރާއިން ކުރިއަށް ވަޑައިގެންނެވުން ކަމަށް މަޖިލީހުގެ ނޮޅިވަރަމް ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދު (މޮސްޓާ) ވިދާޅުވެއްޖެއެވެ.
އޭނާ މިހެން ވިދާޅުވީ އިނގިރޭސި ވިލާތުގައި ޗުއްޓީ ހޭދަކުރައްވަމުން ދަނިކޮށް ރައީސް ނަޝީދުގެ ފޯނު ރޭގެ ވަގުތެއްގައި ފޭރިގަނެފައިވާކަމަށް ދެކެވެމުންދާ ވާހަތަކާއި ގުޅިގެންނެވެ. ރައީސް ނަޝީދުގެ ފޯނު ފޭރިގަނެފައިވާ މައްސަލައަށް ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވެފައިވާއިރު، އެމަނިކުފާނު ނިސްބަތްވާ އެމްޑީޕީގެ އިސް ބައެއް ބޭފުޅުންވެސް ދަނީ މިކަމަށް ފާޑު ކިޔަމުންނެވެ.
ނަޝީދުގެ ފޯނު ފޭރިގެންފައި ވާއިރު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ބަދުއަހުލާގީ އަމަލުތަކެއް ހިންގަވާ ފޮޓޯތަކެއް އެމަނިކުފާނަށް ލިބިވަޑައިގެންފައިވާކަމަށް ވިދާޅުވެ ރައީސް ނަޝީދު ވަނީ އެމްޑީޕީގެ ގައުމީ މަޖިލިސް ގުރޫޕުގައި ދައްކަވާފައެވެ.
މެމްބަރު މޮސްޓަރ ވިދާޅުވީ ރައީސް ނަޝީދަކީ ސިޔާސީ ގޮތުން ކުރިއަށް ވަޑައިގަތުމަށްވުރެ އެހެން ދާއިރާއަކުން ކުރިއަށް ވަޑައިގަތުމުގެ ހުނަރު ލިބިވަޑައިގެން ހުންނެވި ބޭފުޅެއްކަމަށެވެ. އެމަނިކުފާނު އެންމެ ރަނގަޅުވާނީ ފިލްމީ ދާއިރާއިން ކުރިއަށް ވަޑައިގެންނެވުން ކަމަށް މޮސްޓާ ވިދާޅުވިއެވެ.
އަސްލު ނުބައި ދާއިރާއެއްގައި ތިއުޅެނީ. @MohamedNasheed ފިލްމީ ދާއިރާއިން ކުރިއަށް ދިއުން މާ ރަނގަޅުވާނެ. pic.twitter.com/sm6GpPSego
— Mohamed Nasheed Abdulla ( MosTaaA ) (@MNA_MosTaaA) August 3, 2022
ރައީސް ނަޝީދުގެ ފޯނު ފޭރިގަނެފައި ވަނީ ދަރިކަނބަލުންނާ އެކު ލަންޑަންގެ ރެސްޓޯރަންޓެއްގައި ފަރިއްކުޅުއްވަން އިންނަވަނިކޮށް ކަމަށް ނަޝީދުގެ ދަރިކަނބަލުން ވަނީ މާލޭގައި ތިއްބެވި އާއިލާގެ ބޭފުޅުންނަށް މެސެޖަކުން އަންގަވާފައެވެ.

