އެމްޑީޕީގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ދިވެހިރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ބަދަލު ކުރަން ބޭނުންވީ ނަމަވެސް ރައްޔިތުން އެކަމަށް ތާއީދު ނުކުރާކަމަށް ޕީއެންސީގެ ސެކްރެޓަރީ ޖެނެރަލް ޝިފާގު މުފީދު (ހިސްޓޯ) ވިދާޅުވެއްޖެއެވެ.
މާދަމާ ފަށާ އެމްޑީޕީގެ ކޮންގްރެސްއަށް ރައީސް ނަޝީދުގެ ފަރާތުން ހުށަހަޅާފައިވާ އެންމެ ބޮޑު އެއް އިސްލާހަކީ، ރާއްޖޭގެ ވެރިކަން ކުރާ ނިޒާމާއި މެދު ގޮތެއް ނިންމުމަަށެވެ. ރިޔާސީ ނިޒާމުގައި ހުރި ގޯސްތަކެއް ފާހަގަ ކުރައްވައި ރައީސް ނަޝީދު ތަކުރާރުކޮށް ވިދާޅުވަމުން ގެންދަވަނީ ޖަވާބުދާރީ ކުރުވޭނެ ހަމައެކަނި ނިޒާމަކީ ބަރުލަމާނީ ކަމަށެވެ.
ރައީސް ނަޝީދުގެ ހުށަހެޅުންތަކަށް އެމްޑީޕީގެ ޕީޖީ މެމްބަރުންނާއި، ގައުމީ މަޖިލިސް މެމްބަރުން ދަނީ އެކަމަށް ދެކޮޅު ހަދައި އެ ހުށަހެޅުން ފާސްވިޔަ ނުދޭނެކަމަށް ބުނަމުންނެވެ.
ސިޔާސީ އެހެން ޕާޓީތަކުން ވެސް ރައީސް ނަޝީދަށް ފާޑުކިޔައި، މިއީ އަމިއްލަ އެދުމެއް އޮވެގެން ރައީސް ނަޝީދު ކުރައްވާ މަސައްކަތެއްގެ ގޮތުގައި ސިފަ ކުރެ އެވެ. ނަމަވެސް ތާއީދު ހޯއްދެވުމަށް އެކި ގޮތްގޮތުން ރައީސް ނަޝީދު މަސައްކަތް ފައްޓަވައި، ހަރުގޭގެ ބައްދަލުވުންތައް ފެށި ނަމަވެސް މާބޮޑު ތާއީދެއް ނުލިބުނެވެ. އަދި ރޭ އެމަނިކުފާނު ހަރުގެއަށް ވަޑައިގެންނެވި ވަގުތު އެތަނުގައި އާއްމުންގެ އެއްވެސް ބައެއް ނެތްކަން މީޑިއާތަކުން ރިޕޯޓު ކުރުމުން ޝިފާގު ވިދާޅުވީ، ރައީސް ނަޝީދު ވެރިކަމުގައި ހުންނެވި އިރު އެ މަސައްކަތް ނުކުރެއްވި ސަބަބާއި މެދު ސުވާލު އުފެދޭ ކަމަށެވެ.
ޝިފާގު ވިދާޅުވީ ރައީސް ނަޝީދު ބަރުލަމާނީ ވިސްނުމުގެ ބަރުދަމަން ދިވެހި ރައްޔިތުން މިއަދު ބޭނުންނުވާކަމަށާއި، ނިޒާމެއްގެ ގޮތުން ކިތަންމެ ރަނގަޅުވީ ނަމަވެސް ހިޔާރެއްގެ ގޮތުން ދިވެހިން ނިންމި ނިންމުމަށް އިހުތިރާާމްކުރުން ނޫންގޮތެއް ނެތް ކަމަށެވެ.
ނަޝީދުގެ ބަރުލަމާނީ ވިސްނުމުގެ ބަރުދަމާކަށް ދިވެހިން މިއަދަކު ބޭނުމެއް ނުވޭ. ނިޒާމެއްގެ ގޮތުން ކިތަންމެ ރަނގަޅުވިޔަސް ޚިޔާރެއްގެ ގޮތުން ދިވެހިން ނިންމި ނިންމުމަށް އިޙްތިރާމު ކުރުން ނޫންގޮތެއް ނެތް. އާރާއި ބާރުގައި ހޭދަކުރެއްވި 3 އަހަރު ތެރޭގައި ތިޔަކަމަކާއިގެން ނޫޅުއްވީ ކީއްވެ؟ https://t.co/AtnQRUTmSd
— Histo (@ShifaqMufyd) August 18, 2022
މީގެ ކުރީގައިވެސް ރައީސް ނަޝީދު ބަރުލަމާނީ ނިޒާމަށް ދިވެހިރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަދަލުކުރުމަށް ބޭނުންވާ ވާހަކަދެއްކެވި ނަމަވެސް، އެމަނިކުފާނު 2008 ވަނަ އަހަރު ދިވެހިރާއްޖޭގެ ވެރިކަން ލިބި 3 އަހަރުގެ ދައުރު ހަމަވެ އިސްތިޢުފާ ދެއްވިއިރުވެސް މިކަމާއި ގުޅިގެން މާ ބޮޑު މަސައްކަތްތަކެއް ކުރައްވާފައެއްނުވެއެވެ.
އޮގަސްޓް 19 ވަނަ ދުވަހު އެމްޑީޕީގެ ކޮންގްރެސް އޮތްއިރު، ކޮންގްރެސްއަށް ރައީސް ނަޝީދުގެ ވަނީ ދިވެހިރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަދަލުކުރުމަށްޓަކައި ގަރާރެއް ހުށައަޅުއްވާފައެވެ. އަދި ކޮންގްރެސްއިން މި ގަރާރު ފާސްވެއްޖެނަމަ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނެގޭނެކަމަށް ގަބޫލުކުރައްވާކަމަށް ރައީސް ނަޝީދު ވަނީ ވިދާޅުވެފައެވެ. އަދި ރައީސް ނަޝީދު ގެންދަވަނީ އެމްޑީޕީގެ ކޮންގްރެސްއަށް ހުށަހަޅުއްވާފައިވާ ބަރުލަމާނީ ގަރާރަށް އެމްޑީޕީ މެންބަރުންގެ ތާއިދު ހޯދުމަށްޓަކައި ޕާޓީގެ ހަރުގޭގައި ބައްދަލުވުންތަކެއްވެސް ބާއްވަމުންނެވެ. އެމަނިކުފާނު ވަނީ އެމަނިކުފާނާއި އެމަނިކުފާނުގެ ސަޕޯޓަރުން ނިޒާމީ ވޯޓެއް ބޭނުންވާ ސަބަބުތައް ތަފްސީލްކޮށް ދެއްވާފައެވެ.

