ރ، އުނގޫފާރު ބިން ހިއްކުމުގެ މަސައްކަތް ފެށޭނީ އަންނަ އަހަރުގެ ޖޫންމަހު ކަމަށާއި، ބިން ހިއްކުމަށް ނިންމާފައިވާ ހުރިހާ ރަށަކީ އެއް ލެވެލްގައި އިސްކަންދޭ ރަށްރަށެއް ނޫންކަމަށް މިނިސްޓަރ އޮފް ނޭޝަނަލް ޕްލޭނިންގ ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.
މިއަދުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު (ވައްޑެ) ވަނީ އުނގޫފާރުގެ ބިން ހިއްކުމަކީ ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ވައުދެއްކަން ފާހަގަކޮށް މަސައްކަތް ކުރިޔަށް ނުގެންދެވޭ ސަބަބާއި މެދު ސުވާލު އުފައްދާފަ އެވެ. މިއީ ނިމިދިޔަ ދެ އަހަރުގެ ބަޖެއްޓުގައި ހިމެނި މަޝްރޫއެއް ނަމަވެސް، މަސައްކަތާއި ގުޅުން ހުރި އެއްވެސް ކަމެއް ކުރިޔަށް ނުދަނީ ކީއްވެ ތޯ މެމްބަރު ސުވާލު ކުރި އެވެ. އަދި ވިދާޅުވީ މަޝްރޫއު ކުރިޔަށް ދިއުމަށް އެމްޓީސީސީއާއި ވެސް ހަވާލު ކުރިކަމަށާއި މާފަހުން ކޮންޓެރެކްޓު ކުރާ މަޝްރޫއުތަކުގެ އަމަލީ މަސައްކަތް ފަށައި ކުރިޔަށްދާއިރު އުނގޫފާރުގެ މަސައްކަތް ކުރިޔަށް ނުދަނީ ކީއްވެގެންތޯ އެވެ.
ޖަވާބުގައި އަސްލަމް ވިދާޅުވީ އުނގޫފާރުގެ ބިން ހިއްކުން ވަނީ އެމްޓީސީސީ އާއި ހަވާލު ކުރެވިފައި ކަމާއި އެމްޓީސީސީން ބިން ހިއްކުމަށް ޝެޑިއުލް އެއް ތައްޔާރުކޮށްފައިވާއިރު އޭގެ ދަށުން މަސައްކަތް ފެށުމަށް ހަމަޖެހިފައި ވަނީ އަންނަ އަހަރުގެ ޖޫން މަހު ކަމަށެވެ.
އަސްލަމް ވިދާޅުވީ އެމްޓީސީސީން ބޭނުން ކުރަނީ ހަތަރު ޑްރެޖަރު ކަމާއި އޭގެތެރެއިން އެއް ޑްރެޖަރަކީ ކޮޕަރ ޝަކްޝަން ޑްރެޖަރެއް ކަމާއި އަނެއް ތިން ޑްރެޖަރަކީ ކަޓަރ ޝަކްޝަން ޑްރެޖަރު ކަމަށެވެ. މީގެ ތެރެއިން އެއް ޑްރެޖަރު ވަރަށް ކުޑަކަން ފާހަގަކޮށް އަސްލަމް ވިދާޅުވީ، ބިން ހިއްކުމުގެ ބައެއް މަސައްކަތް ކުރިއަށްދަނީ ކަޓަރ ޝެކްޝަން ޑްރެޖަރުން ކަމަށެވެ.
އުނގޫފާރަކީ ކޮޕަރ ޑްރެޖަރުން ހިއްކޭނެ ރަށަކަށްވާތީ ކޮޕަރ ޑްރެޖަރު ބޭނުންކޮށްގެން ހިއްކުމަށް ހަތް ރަަށެއް ހިމެނޭ ކަމަށް އަސްލަމް ވިދާޅުވިއެވެ. އެކަމާއި ގުޅިގެން އިތުރު ސުވާލުކުރުމަށް ލިބުނު ފުރުސަތުގައި ވަހީދު ވަނީ މަޝްރޫއުތަކުގެ ތަރުތީބު ކަނޑައެޅުމުގައި އިސްފަސްކުރުން ގެންގުޅުއްވާ އުސޫލު އޮޅުންފިލުއްވައި އުނގޫފާރުގެ ގިރާ ސަރަހައްދު ހިމާޔަތްކުރުމުގެ މަސައްކަތް ލަސްވަނީ ކީއްވެގެންތޯ އަސްލަމްގެ އަރިހުން ސުވާލު ކުރައްވާފައެވެ. ރައްދުގައި އަސްލަމް ވިދާޅުވީ 21 ރަށުގެ ބިން ހިއްކުމަށް ރާވާފައިވާއިރު ހުރިހާ ރަށަކީ އެއް ލެވެލްގައި އިސްކަންދޭ ރަށްރަށެއް ނޫން ކަމަށެވެ. އަދި 4 ޑްރެޖަރު އޮވެގެން އެއްބައި ޑްރެޖަރުން ބައެއް މަސައްކަތް ކުރެވިފައި އަނެއްބައި ޑްރެޖަރަށް އެ މަސައްކަތް ނުކުރެވޭތީ ލިސްޓެއް ތަރުތީބު ކުރަންޖެހޭ ކަމަށެވެ.
އަސްލަމް ވިދާޅުވީ އުނގޫފާރުގެ ގިރާ ސަރަހައްދު ހިމާޔަތް ކުރުމަށް އަގެއް ހޯދާ އެކަމަށް ފައިނޭންސުން އެޕްރޫވް ހޯދިފައިވާ ކަމަށާިއ ކުރިއަށް އޮތް ހަފްތާއެއްހާ ދުވަސް ތެރޭގަިއ އުނގޫފާރު ގިރާ ސަރަހައްދު ހިމާޔަތްކުރުމަށް ކޮންޓްރެކްޓް ކުރެވޭނެ ކަމަށެވެ.

